ތާޒާ ފެން--
30 މާޗް 2022 - 13:14
އެމްޑަބްލިއުއެސްސީގެ ފެން ޕްލާންޓްގައި އުފައްދާ "ތާޒާ" ފެނުގައި ޖަރާސީމު ނުހިމެނޭކަން ޓެސްޓްތަކުން ކަށަވަރުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު "މިހާރު" އަށް މި ހަފުތާގައި ވިދާޅުވީ ފެނުގައި ޖަރާސީމު ހުރި ކަމަށް ދެއްކެވުމުން ދިޔަ ވާހަކަތަކާ ގުޅިގެން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވެސް އެމްޑަބްލިއުއެސްސީގެ ފެކްޓަރީ އަށް ގޮސް ޓެސްޓުތަކެއް ހެދި ކަމަށެވެ. އެ ޓެސްޓާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ ފެނުގައި ޖަރާސީމުގެ އަސަރެއް ނެތް ކަމަށެވެ.
"އެމްއެފްޑީއޭ އިން ފެކްޓްރީ އަށް ވިޒިޓްކޮށް ޓެސްޓް ރިޕޯޓެއް ތައްޔާރުކުރި. އެ ރިޕޯޓުން ވެސް ޖަރާސީމު ނެތްކަން ޔަގީން ވެފަ އޮތީ،" ޝާހު ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީން އުފައްދާ ފެނުގައި ޖަރާސީމު ހުރި ކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ ރައްދު ދީފަ އެވެ. އެމްޑަބްލިއުއެސްސީން ބުނީ މި މަހުގެ ކުރީކޮޅު އުފެއްދި ބެޗަކުން ޖަރާސީމު ފެނުނަސު އެ ބެޗު ބާޒާރަށް ނެރެފައި ނުވާނެ ކަމަށެވެ.
އެ ބެޗުގައި ޖަރާސީމް އުފެދުު ގޮތެއް ބަލަން އެ ކުންފުނިން އަންނަނީ ތަހުގީގެއް ވެސް ހިންގަމުންނެވެ. ނަމަވެސް އެ ތަހުގީގާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނިން އަދި ހާމައެއް ނުކުރެ އެވެ.
ތާޒާ ފެން ބާޒާރަށް ނެރުމުގެ ކުރިން އެމްޑަބްލިއުއެސްސީން ވެސް އޭގެ ކޮލިޓީ ޗެކްކުރަން ގިނަ ޓެސްޓުތަކެއް ހަދަ އެވެ. މިގޮތަށް ޓެސްޓު ހަދާއިރު، އެ ބެޗުތައް 24 ގަޑިއިރު ވަންދެން ބާޒާރަށް ނުނެރެ ބަހައްޓަ އެވެ. އެއްވެސް ބެޗަކުން ޖަރާސީމު ފެނިއްޖެ ނަމަ އެ ބެޗު އެއްކޮށް ނައްތާލާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
30 March 2022
ކަމެއް ހިނގި އިރު އެވާހަކަ ނުބުނެ ސޯސަލް މީޑިޔާއިން ރައްރިތުންނަށް އެކަން އެނގުމުން ރައްޔިތުން ވަނީ ހިތް ހަމަ ނުޖެހިފަ އެވެ. އަދި އެއްބަސް ވެސް ނުވެ އެވެ. ވާހަކަ ދެއްކީ ދިފާއުގަ އެވެ.
ރަދީފްއޮފިޝަލް
30 March 2022
އަހަރުމެންގެ އެއްވެސް އިތުބާރެއް ނެތް.މެމެންގެ ޗޮއިސް ''ލައިފް''. ކަލޭމެން ދޭ މަހަށް.ވ.ވެދުން