ތިމަރަފުށީގެ ކުޅުންތެރިން ކާމިޔަބަށް ފަހު ސަޖިދަ އަށް ތިރިވެ: މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖް އެޓީމުން ކާމިޔާބު ކުރި ތިންވަނަ ފަހަރު: ފޮޓޯ: ތިމަރަފުށީ ފުޓްސަލް ޕްލޭއާސް (ޓީއެފްޕީ)
31 މާޗް 2022 - 00:34
ސްނި ސްޕޯޓްސްއިން ސްޕޮންސަކޮށްގެން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި، ޕެނަލްޓީ ޖަހައިގެން ކ. ގާފަރު ބަލިކޮށް، ރާއްޖޭގެ ފުޓްސަލްގެ ރަސްކަން ތ. ތިމަރަފުށިން އަނެއްކާ ވެސް ދިފާއުކޮށްފި އެވެ.
އަތޮޅުތެރޭގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވާ މުބާރާތުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ތިމަރަފުށިން، މިރޭގެ މެޗު ޕެނަލްޓީ ކާމިޔާބު ހޯދީ 3-2 ންނެވެ. ހުޅުމާލޭ ރެހެންދި ސްކޫލް ކައިރިގައި އޮންނަ ފުޓްސަލް ކޯޓުގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ.
މެޗުގައި ފެނިގެން ދިޔަ ލަނޑުތައް ޖެހީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ލީޑް ނަގައި ލީޑް ފުޅާ ކުރީ ވެސް ތިމަރަފުށiންނެވެ. އެޓީމުގެ ލަނޑުތައް ޖެހީ އިބްރާހިމް އަސްވަދު އާއި އާދަމް ނާސިހެވެ. އެކަމަކު ގާފަރުން ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކުރި އެވެ. އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ އަޒްޔާން އިބްރާހީމް އެވެ. އަލީ މާއިސް އެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ނާސިހް އާއި ސިނާ އަދި އަބްދުﷲ ހަމްދާން ޖެހި ޕެނަލްޓީތައް ކާމިޔާބު ކުރި އެވެ. އެޓީމުގެ އިސްމާއީލް ޒިޔާދު ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ. ގާފަރުގެ ޕެނަލްޓީތައް ކާމިޔާބު ކުރީ މާއިސް އާއި ސާމިން މުހައްމަދު ނަސީރު ޖެހި ޕެނަލްޓީތަކެވެ. އެޓީމު މެޗުން ބަލިވީ ސަނީމް އިސްމާއީލް އާއި އަޒްޔާން ޖެހި ޕެނަލްޓީތައް ނާކާމިޔާބު ވުމުންނެވެ. ސަނީމް ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ. އަޒްޔާން ޖެހި ޕެނަލްޓީ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. ތިމަރަފުން މެޗު ކާމިޔާބު ކުރީ އެންމެ ފަހު ޕެނަލްޓީ އަސްވަދު ގޯލްގެ ތެރެއަށް ވައްދައިލުމުންނެވެ.
މުބާރާތުގެ ފުޓްސަލް ކިންގް އަކަށް ހޮވުނީ އަސްވަދު އެވެ. މިއީ ތިމަރަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބު ކުރި ތިން ވަނަ ފަހަރެވެ. އަދި ވިދިވިދިގެން ކާމިޔާބު ކުރީ ދެވަނަ ފަހަރެވެ. ގާފަރުން ވަނީ ގަފަރުން ވަނީ މީގެ ކުރިން ވެސް ފައިނަލުގައި ކުޅެފަ އެވެ. މިމުބާރާތުގެ 2015 ގެ އެޑިޝަންގައި އެޓީމު ފައިނަލުން ބަމިވީ ބ. ހިތާދޫ އަތުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy