ކުޅިވަރު / ވޯލްޑް ކަޕް ކޮލިފައިން

ސެނެގާލް ސަޕޯޓަރުންގެ މައްސަލަ ހިފައިގެން މިސްރުން ފީފާ އަށް

ސެނެގާލާ ދެކޮޅަށް ޕެނަލްޓީ ޝޫޓްއައުޓުގައި ސަލާހާއި ގޯލްކީޕަރު އެލް ޝެނާވީ މޫނާއި ގަޔަށް ލޭޒާ ޕޮއިންޓާސް އަޅުވާފައި.

ކައިރޯ، މިސްރު (މާޗް 31) - ވޯލްޑް ކަޕް ކޮލިފައިން ގައި ސެނެގާލް އަތުން ބަލިވެ، މިއަހަރުގެ މުބާރާތުން މިސްރަށް ޖާގަ ގެއްލުނު މެޗުގައި، ސެނެގާލްގެ ސަޕޯޓަރުން މިސްރު ޓީމަށް ނަސްލީ ތަފާތުކުރުމާއި ބިރު ދެއްކުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނެ، މިސްރު ފުޓުބޯޅަ އެސޯސިއޭޝަން (އީއެފްއޭ) އިން ފީފާ އާއި އެފްރިކާ ފުޓުބޯޅަ ފެޑެރޭޝަން (ކަފް) އަށް ރަސްމީކޮށް މައްސަލަ ހުށަހަޅައިފި އެވެ.

ސެނެގާލްގެ ވެރިރަށް ޑެކާގެ 50،000 މީހުންގެ ޖާގައިގެ ސްޓެޑް މީ އަބްދޯލޭ ވޭޑް ސްޓޭޑިއަމްގައި ސެނެގާލް ވަނީ 1-0 އިން މިސްރު ބަލިކޮށް، އެގްރިގޭޓް 1-1 އިން އެއްވަރުކޮށްފަ އެވެ. ނަތީޖާ ނެރުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ވެސް ނަތީޖާއަށް ބަދަލު ނައުމުން ޕެނަލްޓީ ޖަހައިގެންނެވެ.

ސަޑިއޯ މާނޭ ކާމިޔާބުކުރި ޕެނަލްޓީން ސެނެގާލް ވޯލްޑް ކަޕްގެ ޖާގަ ހޯދިއިރު، އޭނާ އާ އެކު ލިވަޕޫލަށް ކުޅޭ މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހުގެ ޕެނަލްޓީ އެ މެޗުގައި ވީ ނާކާމިޔާބެވެ. ސަލާހަކީ ޕެނަލްޓީ ޝޫޓްއައުޓް ތެރޭގައި ސެނެގާލް ސަޕޯޓަރުން ގްރީން ލޭޒާ ޕޮއިންޓާސް އަމާޒުކުރި ގިނަ މިސްރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އަދި އެ މެޗުގައި މޮޅު ކުޅުމެއް ދެއްކި މިސްރުގެ ގޯލްކީޕަރު މުހައްމަދު އެލް ޝެނާވީ ވެސް ހިމެނެ އެވެ. މުޅި މެޗުގައި ވެސް އޭނާގެ މޫނަށް އެތައް ފަހަރަކު ލޭޒާ ޕޮއިންޓާސް އެޅުވި މަންޒަރު ވަނީ ފެނިފަ އެވެ.

ލޭޒާ ޕޮއިންޓާސް އެޅުވުމުގެ އިތުރުން، މިސްރު ޓީމުގެ ބަހަށް ހަމަލާ ދީ، ކުޅުންތެރިންނާއި އޮފިޝަލުންނަށް އޭގެ ސަބަބުން އެކިވަރުގެ ހާނިއްކަ ވެފައިވާ ކަމަށް ވެސް އީއެފްއޭ އިން ސެނެގާލް ސަޕޯޓަރުންނަށް ތުހުމަތު ކުރެ އެވެ.

އީއެފްއޭ އިން ވަނީ އެ އެސޯސިއޭޝަނުގެ އިންސްޓަގްރާމުގައި ޓީމް ބަހަށް ލިބުނު ގެއްލުމުގެ ފޮޓޯތަކާއި ސަލާހްއަށް އަމާޒުކޮށް ބޭއަދަބީ ބަހުން ލިޔެފައި ދަނޑުގައި ގެންގުޅުނު ބެނާއެއްގެ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.

އީއެފްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މެޗުގެ ކުރިން ވެސް ސެނެގާލާ ދެކޮޅަށް ރަސްމީކޮށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެކަން ފީފާ އާއި ކަފް އާއި މެޗު އޮބްޒާވަރުންނާއި ސެކިއުރިޓީ އޮފިޝަލަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

"މިސްރުގެ ޓީމަށް ނަސްލީ ގޮތުން ވެސް ދިމާ ކޮށްލި. ކުޅުންތެރިންނަށް އަމާޒުކޮށް، ހާއްސަކޮށް މުހައްމަދު ސަލާހަށް އަމާޒުކޮށް ސްޓޭންޑްތަކުގައި ބޭއަދަބީ ބަސްތައް ބޭނުން ކޮށްފައިވާ ބެނާތަކެއް ވެސް ފެނުނު،" އީއެފްއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

"މީގެ އިތުރުން ސެނެގާލްގެ ސަޕޯޓަރުން ވަނީ މިސްރުގެ ކުޅުންތެރިންނަށް އަމާޒުކޮށް، މެޗަށް ވޯމްއަޕް ކުރި ގަޑީގައި ފުޅިއާއި ގައު އުކާފައި. އަދި ޓީމުގެ ބަހަށް ހަމަލާދީ، ބަހުގެ ބިއްލޫރިތައް ތަޅައިގެން ގޮސް އެކިވަރުގެ ޒަހަމްތައް ވެސް ލިބިފައި ވޭ. ޝަކުވާއާ އެކު މި ކަންކަން ހާމަވާ ފޮޓޮއާއި ވީޑިއޯ ފޮނުވާފައި ވާނެ."

ސެނެގާލުން ވަނީ މީގެ މަހެއްހާ ދުވަސް ކުރިން އެފްރިކަން ކަޕް އޮފް ނޭޝަންސް ގެ ފައިނަލުގައި ވެސް ޕެނަލްޓީ ޖަހައިގެން މިސްރު ބަލިކޮށްފަ އެވެ. އެ މެޗުގައި ފަސްވަނަ ޕެނަލްޓީ އަށް މަޑުކުރުމުން ސަލާހަށް ޕެނަލްޓީ ޖެހުމުގެ ފުރުސަތު ނުލިބުނުއިރު، ވޯލްޑް ކަޕް ކޮލިފައިން މެޗުގައި މިސްރުގެ ފުރަތަމަ ޕެނަލްޓީ ޖެހީ ސަލާހެވެ. އޭނާ ޕެނަލްޓީ ޖަހަން އޭރިއާ ތެރެއަށް ވަނީއްސުރެން ސެނެގާލް ސަޕޯޓަރުން ދިޔައީ އޭނާގެ މޫނަށް ބައިވަރު ލޭޒާ ޕޮއިންޓާސް އަޅުވަމުންނެވެ. މިއާ އެކު ސަލާހު ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑީގެ މާ މަތިން ބޭރަށެވެ.

މެޗަށް ފަހު ސެނެގާލް ސަޕޯޓަރުން އެއްޗެހި އުކާތީވެ، ސަލާހު ޓަނެލް ތެރެއިން ޗޭންޖިން ރޫމަށް ގެންދަން ޖެހުނީ ވެސް ސެކިއުރިޓީއާ އެކު އެވެ. މިއާ ގުޅިގެން އަޅާނެ ފިޔަވަޅަކާ މެދު ގޮތެއް ނިންމަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީ އިން، މެޗުގެ ރިޕޯޓްތައް އެނަލައިޒް ކުރަމުންދާ ކަމަށް ފީފާއިން މައުލޫމާތު ދެއެވެ.

ކޮލިފައިން ފަހު ބުރުގައި، މިސްރުގައި ކުޅުނު ފުރަތަމަ ލެގު މެޗުގައި ސެނެގާލްގެ ޑިފެންޑަރު ބޮއުނާ ސާ ގެ މޫނަށް ލޭޒާ އަޅުވާފައި.-- ފޮޓޯ: ގެޓީ އިމޭޖަސް

ސެނެގާލާއި މިސްރު، ކައިރޯގައި ކުޅުނު ފުރަތަމަ ލެގު މެޗުގައި ސެނެގާލް ކުޅުންތެރިން ވެސް ވަނީ ލޭޒާ ޕޮއިންޓާސްގެ ޝިކާރައަކަށް ވެފަ އެވެ. އެ މެޗު އަމިއްލަ ދަނޑުގައި މިސްރު ވަނީ 1-0 އިން ކާމިޔާބު ކޮށްފަ އެވެ.

އެފްރިކާ ފުޓުބޯޅަ ފެޑެރޭޝަންގެ ނައިބު ރައީސް އަކީ ސެނެގާލް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް އޮގަސްޓިން ސެންގޫރެވެ. އޭނާ ވިދާޅުވީ، މި ހާދިސާތަކާ ބެހޭ ރަސްމީ ރިޕޯޓްތަކަށް އިންތިޒާރު ކުރައްވާނެ ކަމަށެވެ.

"ސަޕޯޓަރުންގެ ސްޓޭންޑްތަކުން އުކި އެއްޗަކަށް އަހަރެން ސަމާލުކަމެއް ނުދެން. ދެން ލޭޒާތަކުގެ ވާހަކަ، އެކަން ހިނގި ނަމަ މިއީ ސެނެގާލްގައި ފުރަތަމަ ފަހަރު. އެކަމަކު އަހަރެމެންނަށް އެނގޭ ކައިރޯގައި މިކަހަލަ ކަންކަން ކުރިން ވެސް ކުރޭ، އަދި މިފަދަ ކަންކަން އާއްމުކޮށް ކުރާ ވަކިވަކި ގައުމުތައް ވެސް އެބަހުރި. ސެނެގާލްގައި މިފަދަ ކަންކަމެއް ނުކުރޭ މީގެ ކުރިއަކުން." ސެންގޫރު ވިދާޅުވި އެވެ.

"މެޗު ތެރޭން އަމިއަލަ ފައިދާއަށް ވަކި ބަޔަކަށް ޖެއްސުން ކޮށްފާނެ އަމަލެއް ފެނުނު ކަމަށް އަހަރެން ނުދެކެ. ސެނެގާލް މީހުނަކީ ވަރަށް މެހެމާންދާރީ ރަނގަޅު ބައެއް."

އެފްރިކާ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް މިހާރު ވަނީ ނިމިފަ އެވެ. ސެނެގާލްގެ އިތުރުން މިއަހަރުގެ ވޯލްޑް ކަޕުގައި އެފްރިކާ ބައްރު ތަމްސީލު ކުރާނީ ގާނާ އާއި ޓިއުނީޝިއާ އާއި މޮރޮކޯ އަދި ކެމަރޫން އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޯބަހަސް

31 March 2022

މެހެމާންދާރީ އެހެރީ ފެންނަން ފޮޓޯތަކުން. ބަހަށް ލިބުނު ގެއްލުމުން. ވެރިން މިކަހަލަވާހަކަ ދެއްކީމަ ދެރަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454