އޮޑެގައްލާގެ ބޮޑު މަސްރޮށި: މި މަސްރޮށި ހަދަނީ ފެންވަރު ރަނގަޅު ވަޅޯމަހަކުން.
23 ޑިސެމްބަރ 2016 - 06:52
ދެބަސްވާނެ ހެނެއް ހިއެއް ނުވެ އެވެ؛ މާލެ އިން މި ވަގުތު ލިބެން ހުރި އެންމެ މީރު އެއް މަސްރޮއްޓަކީ މި އެވެ. މީގެ ރަހަ ހެޔޮވަރެވެ. އެތަނަށް ދާ ގިނަ މީހުން، ދެ ވަނަ ފަހަރަށް ވެސް ދާހިތްވެ އެވެ.
އެކަމަކު އެހެން މަސްރޮށިތަކަށް ނާޅާ ބާވަތެއް މި މަސްރޮއްޓަކަށް ވަކި ނާޅަ އެވެ. ތަފާތަކީ އަޅާ އެއްޗެހީގެ ފެންވަރެވެ. މަސްރޮށި ތައްޔާރުކުރާ ގޮތެވެ. "އޮޑެގައްލާ ކޮފީ"ގެ ތަފާތުކަން މި މަސްރޮށިން ކިތަންމެ ރަނގަޅަކަށް ވެސް ރަމްޒުކޮށްދެ އެވެ.
އޮޑެގައްލާގެ ބަދިގޭގައި މަސްރޮށި ފިހަނީ: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޝްހޫރު ވެއްޖެ
އޮޑެގައްލާއަކީ ދިވެހިންގެ ތެރޭގައި މި އޮތް ކޮފީ އަށް ދިޔުމުގެ ސަގާފަތަށް ޚިދުމަތްކުރަން މާލޭގައި މިހާތަނަށް ހުޅުވި އެންމެ ފެންވަރު ރަނގަޅު އެއް ތަނެވެ. ހުވަދު އަތޮޅުގެ ފަޅުރަށެއްގެ ނަމުން ނަން ދީފައިވާ މި ކެފޭގެ ތަނަވަސް ޖާގަ އާއި ހިތްގައިމު މާހައުލުން ހިތް ފުރޭ އިރު ލިބެން ހުރި މީރު ސްޕެޝަލިޓީ ކޮފީ އާއި ތަފާތު ބުއިންތަކާއި ކެއުންތަކުގެ ރަހަތައް ހެޔޮވަރެވެ. ޒަމާނީ މި ހިދުމަތުގެ ތެރެއިން ދިވެހިންގެ ޒަމާންވީ ހެދިކާ، މަސްރޮށި މުޅިން އެހެން ހިސާބަކަށް ވަނީ ގެންގޮސްފަ އެވެ.
އޮޑެގައްލާ ކޮފީ: މާލޭގައި މިހާތަނަށް ހުޅުވި އެންމެ ހިތްގައިމު އެއް ކެފޭ. ފޮޓޯ: އޮޑެގައްލާ
އޮޑެގައްލާގެ ބަދިގޭގައި ކޮންމެ ދުވަހަކު ވެސް ބަރާބަރު ވަކި ގަޑިއެއްގައި ކާށި ބިންނާނެ އެވެ. އެއީ ހަވީރު ސަޔަށް މަސްރޮށި ތައްޔާރުކުރަން ބޭނުންކުރާ ކާއްޓެވެ. ގަޑި ބަލައިގެން ކާށި އެ ބިންނަނީ އޭގެ ހުނި ތާޒާކޮށް ހުންނާނީ ކިހާ އިރަކުތޯ ދިރާސާކޮށްފަ އެވެ.
"މީރުކޮށް ބަހައްޓަން ވެގެން ސީދާ ހަމަ އެ ގަޑީގައި ކާށި ބިންނަނީ. އެއަށް ވުރެ އަވަހަށް ކާށި ބިނދެފިއްޔާ މަސްރޮށީގެ ރަހަ ތަފާތުވާނެ،" އޮޑެގައްލާގެ ފަރާތުން ވާހަކަ ދެއްކެވި މުހައްމަދު އަފްރަޒް ވިދާޅުވި އެވެ.
ދެން އޮތީ މި މަސްރޮށީގެ ވަރުގަދަ އަނެއް ދެ ސިއްރެވެ؛ މަހާއި މިރުހެވެ. ވަޅޯމަސް ގެންނަނީ އޮޑެގައްލާ އަށް ޚާއްސަކޮށް ދެކުނުގެ ރަށެއްގައި ވަކި ގޮތަކަށް ކައްކައި ހިއްކައިގެންނެވެ. ކިލޯއެއްގެ އަގު 130 ރުފިޔާ އަށް އަރަ އެވެ. މަސްރޮށި ހަދަން އޮޑެގައްލާ އިން ބޭނުންކުރާ މިރުހަކީ ވެސް ރާއްޖޭގައި ހައްދާ އެންމެ މަތީ ފެންވަރުގެ މިރުހެވެ. އެއިން ކިލޯއެއް މި ދުވަސްކޮޅު ގަންނަން ލިބެނީ 400 ރުފިޔާ އަށެވެ.
"މާލެ އިން އާއްމުކޮށް ލިބެން މި ހުންނަ އަގުހެޔޮ ވަޅޯމަސް ބޭނުންކުރަން ދޭތެރެއަކުން ފެށީމަ އެނގިއްޖެ މަސްރޮއްޓަށް އައި ބަދަލު. އެހެންވެ އަޅުގަނޑުމެން އަނެއްކާވެސް ކޮލިޓީ ވަޅޯމަހަށް ބަދަލުކުރީ،" އަފްރަޒު ވިދާޅުވި އެވެ.
އޮޑެގައްލާ ކޮފީގެ މަސްރޮށި ހަދަން މަސްގަނޑު ތައްޔާރުކޮށްފައި. ފޮޓޯ: އޮޑެގައްލާ
މާލޭގެ ގިނަ ތަންތަނުން ލިބެން ހުންނަ ހެދިކާއާ ޚިލާފަށް އޮޑެގައްލާގެ މަސް ރޮށީގައި މަކަރުހެދުމެއް ނޯންނާނެކަމުގެ ޔަގީންކަން އެތަނުން ދެ އެވެ. ރަހަ މީރުވާ ވަރަށް ފިޔާ، ލުނބޯ އަދި މިރުސް ބޭނުންކުރެ އެވެ. ފުއްގަނޑާ އެކަށީގެންވާ ވަރަށް މަސް އަޅަ އެވެ. މޭޒު މައްޗަށް މަސްރޮށި ގެނެސްދެނީ ފިހެލާފައި އުނދުންމަތިން ނަގާ ގޮތަށް، ހޫނުކަން މަތީގަ އެވެ.
ބާރަ ރުފިޔާ އަށް ދޭ ބޮޑު މަސްރޮށިން ފެށި ހަވީރު ސަޔަށް އޮޑެގައްލާ އިން މިހާރު ވަނީ ކަވާބާއި ކުޅި ބޯކިބާ ވެސް ތައާރަފްކޮށްފަ އެވެ. ކަވާބުގެ ބައްޓަން ފެނިފައި ހައިރާން ނުވާށެވެ. ދިގަށް ހެދުމުގެ ބަދަލުގައި ފަތާކޮށް އޮޑެގައްލާ އިން ކަވާބު ހަދަނީ ހަމަ ގަސްދުގަ އެވެ. އެއީ ވެސް މަސްރޮށީގެ ސިއްރުތައް ފަދަ އުކުޅެކެވެ. މި ރެސިޕީތައް އޮޑެގައްލާ އިން ތައްޔާރުކުރީ މީރުކޮށް ކައްކާ އުޅޭ ދިވެހި އަންހެނުންގެ ލަފާ ހޯދައި ދިރާސާތައް ކޮށްގެން ކަމަށް އެމީހުން ބުނެ އެވެ.
މާލޭގެ ބޮޑެތި އެހެން ކެފޭ/ރެސްޓޯރެންޓްތަކާ ޚިލާފަށް ދިވެހި ނަމެއް ކީ ގޮތަށް، ގިނަ ތަފާތުތަކެއް އޮޑެގައްލާ އިން އެބަ ފެނެ އެވެ. އެކަމަކު ސެޕްޓެމްބަރު މަހު އަމީނީމަގުގައި ހުޅުވި މި ކެފޭ އަދި އުޅެނީ “ހަނީމޫން” ދުވަސްކޮޅުގަ އެވެ. ވަރަށް ރަނގަޅަށް ފަށާ ތަންތަނުގެ ފެންވަރު ދުވަސްކޮޅަކުން ވެއްޓުމަކީ މާލޭގައި އާ ކަމެއް ނޫނެވެ. އޮޑެގައްލާ އަށް ވާނީ ކިހިނެއް ހެއްޔެވެ؟
"މިހާތަނަށް ކުރި ތަޖުރިބާ އަށް ބަލާފައި ބުނެވޭނީ މި ކޮލިޓީ ހިފެހެއްޓޭނޭ. ޚަރަދު ބޮޑަސް ކޮލިޓީ ދަށްކުރާކަށް ބޭނުމެއް ނުވޭ،" ރިސޯޓްތަކުގެ އެފްއެންބީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އަފްރަޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކަން މި ކުރަނީ ވަރަށް ކުރާ ހިތުން. އަދި މާލޭގައި ފެންވަރު ރަނގަޅު ކެފޭއެއް ހުންނަން ޖެހޭނެ ކަމަށް ގަބޫލުކުރެވިގެން."
އޮޑެގައްލާ ކޮފީގެ ބޮޑު މަސްރޮށި: މި މަސްރޮށި ހަދަން ހުނި ގާނަނީ ކޮންމެ ދުވަހަކު ވެސް ވަކި ގަޑިއެއްގައި ކާށި ބިނދެގެން.
ތެދެކެވެ؛ ދެ މީހަކު ބައްދަލުވެލަން ވިޔަސް، ހިތްހަމަޖައްސާލަން ވިޔަސް މާލޭގައި ކުރަން އޮތް ކަމަކީ ކޮފީ އަށް ދިޔުމެވެ. އެކަމަކު ވަރަށް މަދު ކެފޭއަކުން ނޫނީ، ދެ ގޮތެއް ނުވާ ފެންވަރު ރަނގަޅު ޚިދުމަތެއް ނުލިބެ އެވެ. އެ އެއްޗެއްގައި ލާން ޖެހޭ ރަހަތައް ލަނީ ވެސް މަދު ފަހަރަކު އެވެ. ހެދިކާގެ ރަހަތައް ވެސް ގެއްލި، ހަގީގަތުގައި ލާން ޖެހެނީ ކޮން ރަހައެއްކަން ވެސް ނޭނގޭ ހިސާބަށް މަސްގަނޑުތަކާއި ފުއްގަނޑުތައް ގަޑުބަޑުވެއްޖެ އެވެ. މިފަދަ ޒަމާނެއްގައި އޮޑެގައްލާ އިން މި ގެނެސްދިނީ، އެއް ބަޔަކަށް، އާދަޔާޚިލާފު މީރުކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައްޗު ހޮޓަލުގެ ކައްކާ
27 December 2016
ބައްޗު ހޮޓަލުގެ މަސްރޮށި އެއީ އެއްވަނަ.
މުޙައްމަދު ޝަޒާން އިބްރާހިމް
25 December 2016
ކާއެއްޗިސް މީރަކަށް ތީ ވަރަށް އަނގުބޮޑު ތަނެއް. މަ ތިތަނުން ކޮފީއެއް ނެގީ 30ރ ކަމަށް ހީކޮށް އެކަމަކު ބިލް އައި އިރު 75ރ. އެފަހުން މަ ނިންމައިފިން ތިތަނަށް ނުދާން.
ހަސަންބެ.
24 December 2016
މިއީ މިނޫހުގައި ތިޔަ ތަނުގެ ކޮންމެވެސް ރައްޓެއްސަކު ހުރެގެން ކޮށްދިން އިޝްތިހާރެއް. ތިޔަ ތަނަކީ އަގުބޮޑު ކަމުން މީހުން ވަންނަ ތަނެއް ނޫން. . ތިޔަ ތަނަށް އަލަށް މީހަކު ވަދެދާނެ.އެކަމަކު އަބުރާ އައުމަކީ ނާދިރު ކަމެއް. ހަތަރު މީހަކު ކޮފީބޮއެފީ އާމުން 210ރ އަރާނެ.
ވައި
24 December 2016
މަގޭ އެކްސް ވައިފް ވަރަށް މީރުކޮށް މަސްރޮށި ހަދާނެ. މަސްދަޅުން. މަސއގަނދު ގިނަކޮއްލާފަ ހުތް ގިނަ ކޮއްލީމަ ވަރަށްމީރު މަށަށް. މިހަބަރުގެ ސަބަބުން އެގޮއްޔެ ހަނދާންވަނީ
އަލީ
24 December 2016
ޗީބޯ މަސްރޮށިވަރެއް ނެތް..!
މުހުންމަދު
24 December 2016
އަޅުގަނޑަށް ހަމަ މީރީ ވައިމިއާ ރޯޔަލްގެ މަސްރޮށި. އެތާ ހުންނަ މަސްރޮށިވަރެއް ނެތް. އަދި އަގުތައްވެސް ރަނގަޅު ތަނެއް
ނުރަބޯ
24 December 2016
ސުބްޙާނަﷲ....! ކޮފީތަށްޓެއް 60 ރުފިޔާއަށޭ ތިޔައީ ދެން ބޮޑުވަރެއް.....!!!
ކަސްޓަމަރ
24 December 2016
މީކީ ދާން ހެޔޮވާވަރު ތަނެއް ނޫން. އަގު އެހާމެ ބޮޑު. ކޮފީ ތައްޓެއްވެސް 60ރުފިޔާއަށް. ތިޔަބުނާހާ ހިތްގައިމެއްވެސް ނޫން. މާ އަގުބޮޑީ. ހަމަފެލަން ހިފާފަ.
ޒަބީބު
24 December 2016
ހުރިހާ ކާބޯތަކެތިން ދިވެހި ރަހަ ދިޔައީ މާއްދިއްޔަތަށް ދިއުމުންނެވެ، ބޭނުމީ ރުފިޔާއެވެ. ކާންތިބީވެސް ހޭބަލިވެފައިތިބޭ މީހުންނެވެ. ރަހައަކަށް އަގަކަށް ނުބަލައެވެ. ހަމަ ބުނި އަގެއް ދެނީ އެވެ. އަހަރެން މިހާރު ތިތަންތަނަށް ސަލާމްބުނިތާ އެތައް އަހަރުވެއްޖެއެވެ. ހަލަކުން ފަހަރަކު ރަހްމަތްތެރިއަކު ބާރު އަޅައިގެން ތިއިންތަނަކަށް ވަނަސް ދެން ނުދަން ނިޔަތްގަންނަމެވެ. ބަންގާޅީން ގެ އަޅުންނަށް ވެނިމިއްޖެއެވެ. ހުރިހާ އެންމެނަށް ވަރަށް ވެދުން.
ޝާފިޢު
24 December 2016
ތިއަށްވުރެ މީރު ޗީބޯ މަސްރޮށި.