ހައިޖެކް ކުރި ބޯޓުން މީހުން ފައިބަނީ. --ފޮޓޯ:އޭޕީ
23 ޑިސެމްބަރ 2016 - 20:45
ވަލެއްޓާ (ޑިސެމްބަރު 23) - ލީބިއާގެ އެތެރޭގެ އުދުހުމުގައި އުޅެނިކޮށް މޯލްޓާ އަށް ގެންދިޔަ މަތިންދާ ބޯޓުން ހުރިހާ ފަސިންޖަރުންނާއި ކްރޫން މިނިވަންކޮށް، ބޯޓު ހައިޖެކްކުރި މީހުން ހައްޔަރުކޮށްފި އެވެ.
މޯލްޓާގެ ބޮޑު ވަޒީރު ޖޯސެފް މުސްކަތު ވިދާޅުވީ ހައިޖެކްކުރި ދެ މީހުން ހައްޔަރުކުރުމާ އެކު އެ ހާދިސާ ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
ހައިޖެކްކުރި މަތިންދާ ބޯޓުން މީހުން ފައިބަނީ. --ފޮޓޯ:ސީއެންއެން
އެފްރިގިޔާ އެއާވޭސްގެ އެއާބަސް320 ގެ މަތިންދާ ބޯޓު ހައިޖެކް ކުރުމުގައި ބައިވެރިވި ދެ މީހުން ވަނީ ބޯޓު ގޮއްވާލާނެ ކަމަށް ވެސް އިންޒާރު ދީފަ އެވެ. އެ ބޯޓުން 111 ޕަސިންޖަރުންނާއި ހަތް ކްރޫން ދަތުރުކުރި އެވެ.
ހައިޖެކްކުރި ކަމަށް ބުނާ ލީބިއާގެ މަތިންދާ ބޯޓު މޯލްޓާގައި ޖައްސާފައިވާ އިރު ސިފައިން އެއާޕޯޓުގައި ހަރަކާތްތެރި ވަނީ. --ފޮޓޯ:ރޮއިޓާސް
މޯލްޓާ ޓީވީން ވަނީ ބޯޓުން މީހުން ބާލާ މަންޒަރު ދަައްކައިފަ އެވެ. ފުރަތަމަ ބޭލީ އަންހެން ފަސިންޖަރުންނެވެ. ދެން ފިރިހެނުންނެވެ. ހައިޖެކްކުރި ދެ މީހުން ފޭބީ ބޯޓުގެ ކްރޫންނާ އެކު އެވެ.
މޯލްޓާގެ ޚާރިޖީ ވުޒާރާ އިން ބުނީ ބޯޓު ހައިޖެކް ކުރި ދެ މީހުންނާ މޯލްޓާ ސިފައިން ވާހަކަ ދައްކައިފައިވާ ކަމަށް ބުނެފަ އެވެ.
ބޯޓު ހައިޖެކް ކުރި ކަމަށް ބެލެވޭ މީހާ ދިދައެއް ހިފައިގެން ބޭރަށް ނުކުމެފައި. --ފޮޓޯ:އޭޕީ
ބޯޓު ދަތުރު ކުރީ ލީބިއާގެ ހުޅަނގު ދެކުނުގެ ސަބާ ސިޓީން ވެރިރަށް ޓްރިޕޮލީއަށެވެ. އެކަމަކު ބޯޓު ހައިޖެކްކުރި މީހުން ބިރު ދައްކައިގެން ވަނީ ޓްރިޕޮލީއާ 350 ކިލޯމީޓަރު ދުރުގައި އޮންނަ މޯލްޓާ އަށް ބޯޓު ޖައްސައިފަ އެވެ. ބޯޓު ހައިޖެކްކުރީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓު ހައިޖެކް ކޮށްފައި ވަނީ ލީބިއާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީ އަށް ތާއީދުކުރާ ބައެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy