ބޯޓު ހައިޖެކް ކުރި ކަމަށް ބެލެވޭ މީހާ ދިދައެއް ހިފައިގެން ބޭރަށް ނުކުމެފައި. --ފޮޓޯ:އޭޕީ
24 ޑިސެމްބަރ 2016 - 19:45
ވަލެއްޓާ (ޑިސެމްބަރު 24) - ލީބިއާގެ އެތެރޭގެ އުދުހުމުގައި އުޅެނިކޮށް ހައިޖެކްކޮށްގެން މޯލްޓާ އަށް ގެންދިޔަ މަތިންދާ ބޯޓުން އަތުބޮމަކާއި ދެ ބަޑި ފެނިފައިވާ ކަމަށް މޯލްޓާގެ ބޮޑު ވަޒީރު ޖޯސެފް މުސްކަތު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުސްކަތު ވިދާޅުވީ ބޯޓު ހައިޖެކް ކުރި ދެ މީހުން ހައްޔަރު ކުރުމަށް ފަހު މޯލްޓާ ސިފައިން ވަނީ ބޯޓު ވަރަށް ރަނގަޅަށް ބަލާ ފާސްކޮށްފައި ކަމަށެވެ.
އެފްރިގިޔާ އެއާވޭސްގެ އެއާބަސް320 ގެ މަތިންދާ ބޯޓު ހައިޖެކް ކުރުމުގައި ބައިވެރިވި ދެ މީހުން ވަނީ ބޯޓު ގޮއްވާލާނެ ކަމަށް ވެސް އިންޒާރު ދީފަ އެވެ. އެ މީހުން ބޯޓަށް ހަތިޔާރު އެރުވި ގޮތެއް ނޭނގެ އެވެ.
މުސްކަތު ވިދާޅުވީ މޯލްޓާގައި ބޯޓު ޖެއްސުމާ އެކު ހައިޖެކްކުރި ދެ މީހުންނާ ވާހަކަ ދައްކަން ފެށި ކަމަށެވެ. އަދި މަޝްވަރާ ކުރަން ފެށުމުގެ ކުރިން ހުރިހާ ފަސިންޖަރުން ދޫކޮށްލުމަށް، ހައިޖެކް ކުރި ދެ މީހުންގެ ކިބައިން އެދުނު ކަމަށް ވެސް ވިދާޅުވި އެވެ. ބޯޓުގެ ކްރޫން ދޫކޮށްލަން އެއްބަސްވީ ވެސް ވަރަށް ގިނަ ވާހަކަ ދައްކައިގެން ކަމަށް މުސްކަތު ވިދާޅުވި އެވެ. ބޯޓު ހައިޖެކް ކުރި ދެ މީހުން ސިޔާސީ ހިމާޔަތަށް އެދިފައި ނުވާ ކަމަށް މޯލްޓާ އިން ބުނެ އެވެ.
ހައިޖެކްކުރި ބޯޓު ދަތުރު ކުރީ ލީބިއާގެ ހުޅަނގު ދެކުނުގެ ސަބާ ސިޓީން ވެރިރަށް ޓްރިޕޮލީއަށެވެ. އެކަމަކު ބޯޓު ހައިޖެކްކުރި މީހުން ބިރު ދައްކައިގެން ވަނީ ޓްރިޕޮލީއާ 350 ކިލޯމީޓަރު ދުރުގައި އޮންނަ މޯލްޓާ އަށް ބޯޓު ޖައްސައިފަ އެވެ. ބައެއް ރިޕޯޓްތައް ބުނި ގޮތުގައި ބޯޓު ހައިޖެކް ކޮށްފައި ވަނީ ލީބިއާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީ އަށް ތާއީދުކުރާ ބައެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜަޝީދު
24 December 2016
ޥަރަށްބޮޒަށް ދެރަވި