"ދަ ބެޓްމޭން" ގައި ބެޓްމޭންގެ ރޯލު ކުޅޭ ރޮބާޓް ޕެޓިންސަން: އެ ފިލްމުގެ ދެވަނަ ބައިގެ މަސައްކަތް ވަނީ ފަށައިފައި.
28 އެޕްރީލް 2022 - 08:04
މި އަހަރުގެ މިހާތަނަށް ނެރުނު އެންމެ ކާމިޔާބު ފިލްމު "ދަ ބެޓްމޭން"ގެ ދެވަނަ ބައެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ރޮބާޓް ޕެޓިންސަން ލީޑް ރޯލު ކުޅުނު "ދަ ބެޓްމޭން" ވެގެން ދިޔައީ މި އަހަރު ޑީސީ އަށް ރަނގަޅު ފެށުމެއްގެ ގޮތުގަ އެވެ. ކްރިޓިކްސް އަށް ފިލްމު ކަމުދިޔައިރު، ބޮކްސް އޮފީހުގައި ވެސް އެ ފިލްމަށް ބޮޑު ކާމިޔާބީއެއް އަންނަނީ ލިބެމުންނެވެ. އެ ފިލްމުގެ އާމްދަނީ ވެސް މިހާރު ވަނި އެއް ބިލިއަން ޑޮލަރާ ވަރަށް ގާތްކޮށްފަ އެވެ.
އެ ފިލްމަށް ލިބުނު ކާމިޔާބީއާ އެކު އެ ފިލްމުގެ ސީކުއެލްއެއް ނެރޭނެކަން ވަނީ އިއުލާނުކޮށްފަ އެވެ. ދެވަނަ ބައެއް ގެނެސްދޭކަން ހާމަކުރީ މިހާރު ކުރިއަށް ދާ ސިނެމާކޯންގަ އެވެ.
ބެޓްމޭންގެ ޕްރޮޑަކްޝަން ވޯނާ ބްރޯސް އިން ބުނީ ކުރިއަށް ނެރުމަށް ހަމަޖެހިފައިވާ ސީކުއެލްގައި ޕެޓިންސަަން ފެންނާނެ ކަމަށެވެ. އަދި އެ ފިލްމު ވެސް ޑިރެކްޓްކުރާނީ ފުރަތަމަ ފިލްމު ޑިރެކްޓްކުރި މެޓް ރީވްސް ކަމަށް ވެސް ބުންޏެވެ.
ބެޓްމޭންގައި ކެޓްވުމަންގެ ރޯލުން ފެނުނު ޒޯއީ ކްރެވިޓްސް އެ ފިލްމުން ފެންނާނެ ކަމުގެ ޔަގީން އަދި ނުދެ އެވެ. ނަމަވެސް އޭނާ ފެންނާނެ ކަމަށް އިޝާރާތް ކޮށްފައިވެ އެވެ.
އޭގެ އިތުރުން އެ ފިލްމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ވަރަށް އަވަހަށް އާ މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށް ވޯނާ ބްރޯސް އިން ބުންޏެވެ.
އެ ފިލްމުގެ ދެވަނަ ބައި ސިނަމާގައި ދައްކާނީ 2024 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy