މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުން ތަރުކާރީ އަރުވައިގެން ޕިކަޕެއް ދުއްވާފައި ދަނީ: ރޯދަހިފުމާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ކަމަކީ ހުތުރުބަސްތަކާއި ހުތުރު އަމަލުތައް ދޫކޮށްލުން ކަމަށް ވާއިރު، މަސައްކަތުގެ މާހައުލުގައި އެ ކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ.---ފޮޓޯ: ނިޝާން އަލީ| މިހާރު
29 އެޕްރީލް 2022 - 09:24
އިސްލާމް ދީނުގައި ފަރުލު ކުރެވިފައިވާ އިބާދާތު (ހާއްސަ އަޅުކަންތައްތަކު) ގެ ބޭނުމަކީ އިންސާނާ އަށް އޭގެ ސަބަބުން ޖިސްމާނީ އަދި މާލީ ގެއްލުމެއް ދިނުމެއް ނޫނެވެ. ޖިސްމާނީ އަދި މާލީ އުފާތަކުން އިންސާނާ މުޅިން މަހުރޫމު ކުރުވުމެއް ވެސް ނޫނެވެ. ނަމަވެސް އެފަދަ އުފާތަކުން ކޮންމެވެސް ވަރެއްގެ ގުރުބާނެއް ވެގެން އިންސާނާގެ ނަފްސު ތާހިރުކޮށް، ރޫހު ތަރުބިޔަތު ކުރުމެވެ. އެބަހީ މާތް ﷲ އަށް ތަގުވާވެރިވާން ދަސްކުރުމެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ފާހިޝްކަންތަކާއި މުންކަރާތްތަކުން ދުރުހެލިވާން ދަސްކުރުމެވެ. ހުތުރު ބަސްތަކާއި ބާތިލު އަމަލުތަކުން އެއްކިބާވާން ދަސްކުރުމެވެ.
ރޯދައިގެ އަޅުކަމަށް ބަލާއިރު ރޯދަ އިން ދަސްވާ އެއް ކަމަކީ ހުތުރު ބަސްބުނުމާއި ދޮގުހެދުމާއި ނުބައި އަމަލުތަކުން މީހާ ދުރުހެލިވުމެވެ. ކީރިތިރަސޫލާ ﷺ ގެ ހަދީސްފުޅަކުން އެނގޭ ގޮތުގައި ދޮގުހެކި ދީ، އެ ފަދަ އަމަލު ކުރުން އެ މީހަކަށް ހުއްޓާނުލެވޭ ނަމަ ރޯދައަށޭ ކިޔާފައި ކެއުމާއި ބުއިމުން ދުރުހެލިވެ ހުރުމުގެ ބޭނުމެއް ނެތެވެ. އެބަހީ ރޯދަ އިން ލިބެންވާ ހަގީގީ ފައިދާ އޭރުން ނުލިބެ އެވެ. ޝަރުއީ ހަމައިން ބަލާއިރު އޭނަ ހިފީ ރޯދަ ކަމަށް ބެލެވުނަސް ރޯދައިގެ މަގުސަދު އެ ފަދަ މީހަކަށް ހާސިލެއް ނުކުރެވެ އެވެ. އެހެނީ ކީރިތިރަސޫލާ ﷺ ގެ އިރުޝާދުގައިވާ ގޮތުން ރޯދައަކީ ހަމައެކަނި ކެއުންބުއިމާއި ރޯދަ ގެއްލޭ އެހެން ކަންކަމުން ދުވާލުގެ ވަގުތު ދުރުހެލިވުން އެކަންޏެއް ނޫނެވެ.
ދޮގު ހެދުމާއި ދޮގު ހެކި ދިނުމާއި ހަޑިހުތުރު ބަސްތައް ބުނުމާއި މި ފަދަ ކަންކަމުން ކަމެއް ކުރަން ތިމާގެ ނަފްސު އެދޭ ހިނދު އެ ނަފްސުގެ މައްޗަށް ގަދަވެގަނެ އެ ކަންކަމުން ދުރުހެލިވުން ވެސް އެއީ ރޯދަހިފުމުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ކެއުންބުއިމާއި ޝަހުވާނީ އެދުންތަކުން ވަކި ވަގުތަކަށް މަހުރޫމުވެ، ކެތްކުރަން ދަސްކުރާ ފަދައިން ދޮގުހެދުމާއި ހުތުރު ބަސްތަކާއި ހުތުރު އަމަލުތަކުން ވެސް ކެތްތެރިކަމާއެކު ރުޅި އިސްނުކޮށް ދުރުހެލިވާން ދަސްކުރަން ޖެހެ އެވެ.
ކުރިން ބުނެވިދިޔަ ގޮތަށް ނަފްސު ހާނުވަން ރޯދަ އިން ދަސްވަނީ ރޯދަ އަށް ހުންނައިރު އުފުލަންޖެހޭ ވޭންތަކުގެ އެހީގަ އެވެ. މި ގޮތުން އިންސާނާ ބަނޑުހައި ވެފައި ހުންނަ ވަގުތަކީ އެހެން ވަގުތުތަކަށް ވުރެ ރުޅި އިސްކުރަން ފަސޭހަ ވަގުތެކެވެ. ނަތީޖާއަކީ ރޯދަމަހު ޒުވާބު ކުރުމާއި އަރައިރުންވުންތައް ވުމުގެ ފުރުސަތު ބޮޑުވުމެވެ.
ނަމަވެސް މި ފަދަ ހާލަތަކާ ގުޅުވައިގެން ނަފްސު ހާނުވަން ދަސްކުރުން ވަނީ ވަރުގަދަ ތަމްރީނަކަށެވެ. ރޯދަ ފިޔަވައި ދެން މި ފަދަ ކަންކަމުން ދުރުހެލިވާން އިސްލާމްދީނުގައި އަންގަވާފައި ވަނީ ހައްޖުގެ އަޅުކަމުގަ އެވެ. އެހެނީ ރޯދަ ފަދައިން ހައްޖުގެ އަޅުކަމުގައި ވެސް ރުޅިގަދަވާ ފަދަ ކަންކަމާ ދިމާވުމުގެ ފުރުސަތު ބޮޑުވާތީ އެވެ.
ވީމާ ރޯދަ އާއި ހައްޖުން މި ކަންކަން ދަސްކުރަން މަސައްކަތް ކުރަން ޖެހޭނެ އެވެ. އުނދަގޫ ކަމެއް ކަމަށް ވިޔަސް މެއެވެ. ރޯދަމަސް ފެށޭ ދުވަސްކޮޅު ރުޅި ކޮންޓްރޯލު ނުކުރެވި ހުތުރު ބަސްތައް ފަހަރެއްގައި ބުނެވިދާނެ އެވެ. އެކަމަކު "ތިމާ މި ހުރީ ރޯދައަށޭ" ހިތަށް އަރުވައި ކީރިތި ރަސޫލާ ﷺ ގެ އިރުޝާދަށް ތަބާވާން ސަމާލުކަން ދޭ ނަމަ ރޯދަމަސް ކުރިއަށްދާ ވަރަކުން މަޑުމަޑުން އެ ކަންކަން ހުއްޓެމުން ދާން ޖެހޭނެ އެވެ. އެހެން ނޫނީ އެ ކަން ދަސްވުމަކީ ކޮބައި ހެއްޔެވެ؟
އިސްލާމީ އަޅުކަންތަކަކީ ބޭރުފުށުގެ މަންޒަރަށް ކުރާ ކަންކަމެއް ނޫނެވެ. އެކަމަކު އެއީ ތިމާގެ ރޫހަށް ދޭ ކާނާ އެކެވެ. ނަފްސު ތެދުމަގަށް އަޅުވަން ދަސްކުރުވާ ކަމެކެވެ. ތިމާ އިސްލާހުކޮށް، ތަހުޒީބު ކުރުވާ ކަމެކެވެ. ފާހިޝް ކަންތަކާއި މުންކަރާތްތަކަށް އަރައިގަންނަ ނަމަ ނަމާދެއް އޭގެ ބޭރުފުށުން ކިތަންމެ ރީތިކޮށް ފެނުނަސް އޭގެ ބޭނުމެއް ނެތެވެ.
ދޮގު ހެދުމާއި ދޮގު ހެކި ދިނުމާއި ހުތުރު ބަސްތަކުން އަދި އެފަދަ އަމަލުތަކުން ދުރުހެލި ނުވެވޭ ނަމަ ރޯދައެއްގެ ބޭނުމެއް ނެތެވެ. ހަމަ މިއާއެކު މި ފަދަ ކަންކަމަކީ އަޅުކަން އަދާކުރާ ވަގުތު އެކަނި ދުރުހެލިވެފައި ފަހުން ކުރާ ކަންކަމަށް ވާ ނަމަ އެ ހާލަތުގައި ވެސް އެ އަޅުކަމުގެ ބޭނުމެއް ނެތެވެ. ރޯދަވެރިޔާ ހުތުރު ބަސްތަކުން ދުރުހެލިވާން ޖެހޭނީ ހަމައެކަނި ރޯދަ އަށް ހުންނަ ވަގުތުކޮޅު އެކަންޏެއް ނޫނެވެ. އެ ކަން ވާން ޖެހޭނީ މީހާގެ "ކަށީގައި ހިފާފައިވާ" ކަމަށެވެ. ރޯދައިގެ ވަގުތުގައި އެ ކަމުން ދުރުހެލިވާން އެ އޮންނަނީ އެ އުނދަގޫ ވަގުތުގައި އެކަން ދަސްކުރަން ވެގެންނެވެ.
ވީމާ ކެއުންބުއިމާއި ޝަހުވާނީ އެދުންތަކުން ރޯދަމަހުގެ ދުވާލުގެ ވަގުތު ދުރުހެލިވެ ހުންނަން އާދަކުރިޔަސް އެއާ އެކުގައި ހުތުރު ބަސްތަކާއި އެފަދަ އަމަލުތަކުން ދުރުހެލިވާން ތިމާއަށް ދަސްނުވާ ނަމަ އެ ހިފެނީ ހަގީގަތުގައި ރޯދައެއް ނޫނެވެ. މި ފަދަ ބޭކާރު ރޯދަ ހިފުމުން ދުރުހެލިވާން މަސައްކަތް ކުރަން ޖެހޭނެ އެވެ. ރޯދައިގެ ހަގީގީ މަގުސަދުތައް ހާސިލުކުރުމަށްޓަކައެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލްބުލް
30 April 2022
ތިޔަވާހަކަ ރައީސް ނަޝީދު އާއި ޕީޕީއެމްގެ އަނދުރޭ ކައިރީގަ ބުނޭ! ދެން މާކަނާ ޝޯ ޕްރޮޑިއުސަރު ކައިރީގަ ބުނޭ! އަދި އެ އިސްތިހާރު ހޯދާ ވިޔަފާރިވެރިން ކައިރީގަ ބުނޭ!
ޖުއްބާ
29 April 2022
ސުވާލަކީ ރާއްޖޭގަ އާދަޔާހިލާފައް ކުއްކުރާ، މީހުންގެ ހައްގުތަކައް އަރައިގަންނަ، މަސްތުވާތަކެތީގެ އެހާބޮޑު ރިޒާވެއްއޮވެ، އެތަކެއް މުންކަރާއެއް ކުރާ މީހުންޅޭ ގައުމެއްގަ ހަގީގަތުގަވެސް ރޯދަ ހިފަނީ ގައުމުގެ ކިތައް ޕަސެންޓު މީހުންތޯ.....
ފިންލޭ
01 May 2022
100% މީހުން، މިގައުމަކީ 100% އިސްލާމީ ގައުމެއް.