ގޮވާމުގެ ބާވަތްތަކުން ޒަކާތް ދައްކާ މީހުންގެ މައުލޫމާތު މާލޭގައި އިއްޔެ ޗެކް ކުރަނީ: ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުން މާލޭގައި އޮންނަނީ ސީއެޗްއެސްއީގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
30 އެޕްރީލް 2022 - 09:45
ފިތުރު ޒަކާތަކީ ކީރިތި ރަސޫލާ ﷺ ގެ ކިބައިން ސައްހަ ގޮތުގައި ސާބިތުވެފައިވާ، މުސްލިމުންގެ މައްޗަށް ވާޖިބު އަޅުކަމެކެވެ. މި ކަމުގެ މުހިންމުކަން ބަޔާންކޮށްދޭ ހަދީސްތަކުން އެނގޭ ގޮތުގައި ރަމަޟާން މަހުގެ ރޯދައިގެ ސަވާބު ލިބިގަތުމަށްޓަކައި ފިތުރު ޒަކާތް މުހިންމެވެ. ރޯދަވެރިޔާ އަށް ބުނެވޭ ބޭކާރު ބަސްތަކާއި ކުރެވޭ ނުރަނގަޅު އަމަލުތަކުގެ ކައްފާރާއެއް ކަމުގައި ފިތުރު ޒަކާތް ވެސް ވާކަމަށް އެކަލޭގެފާނު ބަޔާން ކުރައްވާފައި ވެ އެވެ.
• ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ މީހެއްގެ އަމިއްލަ ހަރަދުތައް އެ މީހަކު އަމިއްލަ އަށް ކުރަންޖެހޭ ކޮންމެ މުސްލިމެއްގެ އަތުގައި ފިތުރު ޒަކާތުގެ ނިސާބު ހަމަވާ ނަމަ އެވެ.
• މި ޒަކާތުގެ ނިސާބަކީ އެ މީހަކާއި އެ މީހަކު ހަރަދު ކުރަން ޝަރުއީ ގޮތުން ލާޒިމުވާ އެހެން މީހުން އީދު ދުވަހާއި އީދު ވިލޭރޭ ކައިބޮއެ ހަދާނެ މިންވަރަށް ވުރެ އިތުރަށް އެ މީހެއްގެ އަތުގައި ހުރުމެވެ.
• މި ޒަކާތް ދައްކަންޖެހޭ މީހާ އޭނާ އާއި އޭނާ ހަރަދު ކުރަންޖެހޭ ހުރިހާ އެންމެންގެ މަތިން ޒަކާތް ދައްކަން ޖެހޭނެ އެވެ. ވީމާ، އަނބިންނާއި ދަރިންނާއި ހަރަދުކުރާނެ އެހެން ފަރާތެއް ނެތި ތިމާ އަށް ބަލަދުއަރާ މީހުންނާއި މުސާރަ ނުދީ ހުރިހާ ހަރަދެއް ކޮށްދީގެން ގެންގުޅޭ މަސައްކަތު މީހުން ފަދަ މީސްމީހުން އަމިއްލަ އަށް މި ޒަކާތް ދައްކާކަށް ނުޖެހެ އެވެ.
• ފިތުރު ޒަކާތުގެ ގޮތުގައި ނެރެން ހަދީސްގައި ބަޔާން ކުރައްވާފައި ވަނީ ކަދުރާއި ހިކި މޭބިސްކަދުރާއި ގޮދަނާއި ހިމަގޮދަނުގެ ތެރެއިން ކޮންމެވެސް ބާވަތަކުން ކޮންމެ ބޮލަކަށް ސާއެއްގެ (ގާތްގަނޑަކަށް ދެ ކިލޯ ހަތަރު ސަތޭކަ ގުރާމުގެ) މިންވަރެވެ.
• ވަކި ބާވަތްތަކެއް ކަނޑައެޅިގެން ހަދީސްގައި އޮތުމުން އެ ތަކެތި ނޫން އެހެން އެއްވެސް އެއްޗަކުން ފިތުރު ޒަކާތް ނެރެގެން ނުވާނެ ކަމަށް ބައެއް ފިގުހުވެރިން ވިދާޅުވެ އެވެ. ނަމަވެސް ގިނަ އިލްމުވެރިން ވިދާޅުވަނީ ހަދީސްގައި ބަޔާން ކުރެވިފައި އެ ވަނީ ކެޓަގަރީތަކެއް ކަމަށެވެ. ވީމާ އެ އަށް ގިޔާސްކޮށް އޭގެ އިއްލަތު (ކަމެއް ޝަރުއު ކުރެވުނު އޭގެ އަސްލު ސަބަބު) ފުރިހަމަވާ ކޮންމެ ބާވަތަކުން ވެސް ޒަކާތް ނެރެވޭނެ ކަމަށެވެ.
• ހަގީގަތުގައި ސުންނަތަށް ތަބާވެވޭނީ ޒަމާނާއި ތަނަށް ރިއާޔަތް ކުރަންޖެހޭ ކަން ސުންނަތުން (ގަރީނާތަކުގެ އަލީގައި) އެނގެން އޮންނަ މި ބާވަތުގެ ކަންކަމުގައި ކޮންމެ ޒަމާނަކާއި ކޮންމެ ތަނަކަށް އެންމެ މަސްލަހަތު ހުރި ގޮތަށް އަމަލު ކުރީމަ އެވެ. މި ގޮތުން ސީދާ ތަކެތީގެ ބަދަލުގައި ނަގުދު ފައިސާ އިން ވެސް ފިތުރު ޒަކާތް ދެއްކިދާނެ ކަމުގައި ވަރަށް ގިނަ އިލްމުވެރިން ވިދާޅުވެ އެވެ.
މި ޒަކާތުގެ ބެހެނިވެރިންނާ މެދު އިމާމު މާލިކު ވިދާޅުވެފައިވަނީ ހަމައެކަނި ފަގީރުންނާއި މިސްކީނުން ކަމަށެވެ. ނަމަވެސް އެހެން އިލްމުވެރިން ވިދާޅުވަނީ މުދަލު ޒަކާތުގެ ކޮންމެ ބެހެނިވެރިއަކަށް ވެސް މި ޒަކާތުން ދެވިދާނެ ކަމަށެވެ.
• އިސްލާމީ ދައުލަތެއްގެ ފަރާތުން ފިތުރު ޒަކާތް ނަގައި ބެހުމުގެ އިންތިޒާމު ރާވާފައިވާ ނަމަ މި ޒަކާތް ވެސް ދެއްކުން އެންމެ އައުލާ ވަނީ އެ ކަން އިންތިޒާމު ކުރާ ބަޔަކާ ހަވާލު ކޮށްގެންނެވެ. ސަބަބަކީ ޒަކާތް ނެގުމަށް ކީރިތި ޤުރުއާނުގައިވާ އަމުރު މުސްލިމުންނަށް މުހާތަބު ކުރުމުގެ ބަދަލުގައި ނަބިއްޔާ ﷺ އާ މުހާތަބު ކުރައްވާފައި ވާތީ އެވެ. (އައްތައުބާ 103).
• ދައުލަތުގެ ފަރާތުން އެ އިންތިޒާމު ހަމަޖައްސާފައި ނުވާ ހާލަތެއްގައި އެ ކަން ކުރާ އެހެން ޖަމާއަތެއް މުޖުތަމައުގައި އުޅޭ ނަމަ އެ ބަޔަކާ ވެސް ހަވާލު ކުރެވިދާނެ އެވެ.
• މި އިން އެއްވެސް ގޮތެއް ނެތިއްޖެ ނަމަ ނުވަތަ މި ފަދަ ބަޔަކާ ހަވާލު ކުރެވޭ ގޮތް ދިމާ ނުވެއްޖެ ނަމަ ސީދާ އަމިއްލަ އަށް ފަގީރުންނަށް ނުވަތަ މިސްކީނުންނަށް ދޭނީ އެވެ.
• އިބްނު އުމަރުގެ ކިބައިން ބުހާރީ އާއި މުސްލިމް ރިވާ ކުރައްވާ ގޮތުގައި މީސްތަކުން (އީދު) ނަމާދަށް ނުކުތުމުގެ ކުރިން ފިތުރު ޒަކާތް ނެރުމަށް ކީރިތި ރަސޫލާ ﷺ އަމުރު ކުރެއްވި އެވެ. ވީމާ ޒަކާތް ނެރުމުގެ އެންމެ ފަހު ވަގުތު ވަނީ ކަނޑައެޅިފަ އެވެ.
• މި ޒަކާތް ނެރެން ފަށައިގަންނާނެ ވަގުތެއް ހަދީސުން ކަނޑައެޅިގެން އެނގެން ނެތް ނަމަވެސް މިއީ ރޯދަ ނިމިގެން އަދާކުރާ އަޅުކަމެއް ކަމަށް ވާތީ އެ ކަން ކުރަން ފަށާ ވަގުތަކީ ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ ރޯދަ ވީއްލާ ވަގުތު ކަމުގައި ބެލެވިދާނެ އެވެ. ކީރިތި ރަސޫލާ ﷺ ގެ ޒަމާނުގައި މިކަން ކުރަމުން އައިސްފައި ވަނީ މި ގޮތަށެވެ.
• މުޖުތަމައު ފުޅާވެ ކަންތައްތައް އެއްކަމާ އަނެއްކަމާ ގުޅެމުން ދާން ފެށުމުން ސަހާބީންގެ ޒަމާނުގައި ރޯދަމަސް ނިމުމުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ޒަކާތް ނެރުއްވާ ކަމުގައި އިބްނު އުމަރު ވިދާޅުވެ އެވެ. (ބުޚާރީ). އިމާމު އަހުމަދު ފަތުވާ ދެއްވާފައި ވަނީ މި ގޮތަށެވެ.
• ޝާފިއީގެފާނު ވިދާޅުވާ ގޮތުގައި ފިތުރު ޒަކާތް ވާޖިބުވުމުގެ ސަބަބަކީ ރޯދަ އާއި ރޯދަ ހިފާ ނިމުން ކަމަށް ވާތީ އެ ދެ ކަމުން ކުރެ ކޮންމެވެސް އެއް ކަމެއް މެދުވެރި ވެއްޖެ ނަމަ އެ ހިސާބުން ޒަކާތް ނެރެން ފެއްޓިދާނެ އެވެ. މި ޒަމާނަށް ބަލާއިރު އެންމެ އެކަށީގެންވަނީ މި ގޮތެވެ.
• ކުށަކަށް ނުވެ ނުވަތަ މަކްރޫހަ ކަމާ ނުލައި ފިތުރު ޒަކާތް ދެއްކޭނީ އެންމެ ލަސްވެގެން އީދު ނަމާދުގެ ކުރިން އެކަން ނިންމުމުންނެވެ. ޝަރުއީ އުޒުރެއް ނެތި އެ އަށް ވުރެ ފަސްކުރުމަކީ މަކުރޫހަ ކަމެކެވެ. އަދި އީދު ދުވަހުގެ އިރު އޮއްސުމަށް ވުރެ ފަސް ކުރުމަކީ ހަރާމް ކަމެކެވެ.
• އުޒުރަކާ ލައިގެން ނުވަތަ އުޒުރެއް ނެތި ނަމަވެސް ޒަކާތް ފަސް ކުރުމަކީ ޒަކާތް ދިނުން އަފޫ ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ އެއީ ޒިންމާގައިވާ ދަރަންޏެއް ކަމަށް ވާތީ އެވެ. ވީމާ ކިތަންމެ ފަހުން ވިއަސް މި ދަރަނި އަދާކުރަން ޖެހޭނެ އެވެ. އެންމެ މޮޅު ގޮތަކީ ލަސްވެގެން އީދު ދުވަހުގެ އިރު އޮއްސުމުގެ ކުރިން ގަޟާ ކުރެވޭތޯ ބެލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓެކްސް އަކީ ޒަކާތް
02 May 2022
ރަގަޅު ރަގަޅު ހުރިހާ ފައިސާ އެއް ދީ އެވެރިންނައް!
ކމނ
30 April 2022
ކޮބާހޭ ސައުދީން ލިބުނު ކަދުރު؟؟؟؟
ޙިނި
30 April 2022
މިރާއްޖޭގައި ޒަކާތާ ބެހޭ ގާނޫނެއް އޮވޭތޯ؟ އެހެން މުސްލިމް ގައުމުތަކެކޭ އެއްގޮތައް ރޯދަމަސް އައިމަ ކޮމްމެ މީގެއްގެ ބޭންއެކްނުންޓުން މުސާރައިގެ %2.5 އުނިކުރަން ފެނޭ އަދި. ޕާކިސްތާން ސައުދީ ކުވޭތު ފަދަ ގައުމު ތަކުގެ ޒަކާތާ ބެހޭ ގާނޫނު ބަލައިގެން އެގައުމުގެ ތަޖުރިބާކާރުން ގެ ލަފާ ހޯދައިގެން ގާނޫނެއް ހަދާބަލަ. އަދި ޒަކާތް ނުދެއްކުމަކީ ޖިނާއީ ކުޝަކައް ހަދާބަލަ. މިހެން ހަދައިފިއްޔާ ގައިމުވެސް ޒަކާތައް ލިބޭ ފައިސާ އިތުރުވާނެ.
ޙަކީ
01 May 2022
މުސާރައިން އުނިކުރުން ހިމެނޭނީ ގަދަކަމުން އެމީހާގެ މުދަލުން ދައުލަތަށް ނަގާ އެއްޗެއްކަމުގައި. ޒަކާތުގައި ޝަރުޠުތަކެއްވޭ. އެޝަރުޠު ހަމަނުވާ މީހެއްގެ އަތުންވެސް (މުސާރައިން އުނިކުރުމުގެ ތެރޭގައި) ޒަކާތް ނެގިދާނެ. މީގެ އިތުރުން ޒަކާތަކީ އަޅުކަމެއް. އެކަމުގައި މީސްތަކުންގެ މައްޗަށް އެއްވެސް ދައުލަތަކުުން ގަދަބާރެއް ނުދައްކާނެ އެހެނިހެން ފަަރުޟުތަކެކޭވެސް އެއްފަދައިން ފަރުދުން އަމިއްލައަށް އެކަން އަދާކުރަން މިއޮންނަނީ ޙިކުމަތްތަކެއް އެކަމުގައިވާތީ.
ޙިނި
01 May 2022
ޒަކާތް ޖެހޭ ރެގިއުލޭޓް ކުރެވި ޒަކާތް ދައްކަންޖެހޭ އެންމެންގެ އަތުން ޒަކާތް ނެގެން ޖެހޭ، މިގައުމުގަ އުޅޭ ބޮޑު މުސާލަ ލިބޭ ބިދޭސީން ވެސް ހިޔެއް ނުވޭ ޒަކާތް ދައްކާ ހެނެއް. އެންމެ އެކަށެނަ ގޮތަކީ މުސާރައިން ކެންޑުން، ޝަރުރު ހަމަވޭތޯވެން ބެލޭނެ މީހާގެ މައުލޫމާތައް ބިނާކޮއް ޒަކާރައް ރަޖުސްޓުރީ ކުރީމަ. ގައުމެއް ހިންގޭނީ ބަޔަކު ހިންގައް އުޅުނީމަ،