ހުޅުމާލޭ ވެޓެރަންސް ކްލަބުން މުބާރާތުގެ ތަށި އުފުލާލަނީ: އެޓީމުން އަލަށް ވާދަކުރި މުބާރާތް ކާމިޔާބު ކުރީ ކުރީގެ މަޝްހޫރު ކުޅުންތެރިންނާއެކު --- ފޮޓޯ: ނިޝާން އަލީ | މިހާރު
30 އެޕްރީލް 2022 - 23:25
ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހާއްސަކޮށް ބޭއްވި ރަމަޒާން ވެޓެރަންސް ކަޕްގެ ޗެމްޕިއަންކަން، މެޗަކުން ބަލި ނުވެ ހުޅުމާލެ ވެޓެރަންސް ކްލަބުން ހޯދައިފި އެވެ.
ލީގު އުސޫލުން ކުޅުނު މުބާރާތުގެ ފައިނަލު މެޗުގައި މިއަދު ހަވީރު މޯލްޑިވްސް ސޮކަ މޭޓްސްގެ މައްޗަށް ހުޅުމާލެ ވެޓެރަންސް ކުރި ހޯދީ 1-0 ންނެވެ.
ހުޅުމާލޭގެ ކްލަބް މެޗުން މޮޅު ކޮށްދިން ލަނޑު ޖެހީ ކުރީގެ ވިންގް ފޯވާޑް އިސްމާއީލް މުހައްމަދު (އިއްސެ) އެވެ. އޭނާ ލަނޑު ޖެހީ 48 ވަނަ މިނެޓްގަ އެވެ.
ހުޅުމާލެ ވެޓެރަންސް ކްލަބްގެ ކުޅުންތެރިންނާއި އޮފިޝަލުން ތަށި ކާމިޔާބު ކުރުމަށް ފަހު ފޮޓޯ އަކަށް ހުއްޓިލައިގެން: މިއީ އެޓީމުން ވާދަކުރި ލޯކަލް ފުރަތަމަ މުބާރާތް --- ފޮޓޯ: ނިޝާން އަލީ | މިހާރު
މުބާރާތުގެ ފައިނަލަށް، އެންމެ ފުރަތަމަ ދަތުރު ކުރީ ހުޅުމާލެ ކްލަބެވެ. ދެވަނަ އަށް ދިޔަ ސޮކަ މޭޓްސް އަށް ވެސް ލީގު ބުރުގައި ޕޮއިންޓް ހޯދީ ހުޅުމާލޭ ކްލަބާ އެއް ވަރަށެވެ. ކޮންމެ ޓީމަކަށް ވެސް 14 ޕޮއިންޓެވެ.
މި ދެ ޓީމު ލީގު ބުރުގައި ބައްދަލު ކުރި މެޗު ނިމުނީ 1-1 އެއްވަރުވެގެންނެވެ. ހުޅުމާލެ ވެޓެރަންސް އަށް ފައިނަލުގެ ޖާގަ ލިބުނީ އެ މެޗުން ހޯދި ޕޮއިންޓާއެކު އެެވެ.
ވެޓެރަންސް ކަޕް މިފަހަރު މިބޭއްވީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ. ކޮވިޑް-19 އާ ގުޅިގެން 2020 އަދި 2021 ގައި މުބާރާތް ބާއްވާފައެއް ނުވެ އެވެ. އޭގެ ކުރިން 2019 ގައި ބޭއްވި މުބާރާތް ކާމިޔާބު ކުރި މާޒިޔާ އެވެ. މިފަހަރުގެ މުބާރާތުގައި އެޓީމުން ވާދައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy