ފޭދޫފިނޮޅު: އެންމެ ފަހުން މި ރަށް ވެސް ވަނީ ވިއްކާލާފައި
26 ޑިސެމްބަރ 2016 - 06:47
މާލޭގައި ދިރިއުޅޭ މީހުން ކުޑަބަނޑޮހަށާއި ފޭދޫފިނޮޅު ފަދަ ރަށްރަށަށް ބަންދު ދުވަސްތަކުގައި ދަތުރު ދިއުމަކީ އާއިލީ ގުޅުމާއި ރަހުމަތްތެރިކަމުގެ ގުޅުމުގެ ތެރޭގައި ހިމެނިގެން ކުރިންސުރެ އުފެދިފައި އޮތް މުހިންމު އާދައެކެވެ. ނަމަވެސް އިގުތިސާދީ އެދުންވެރިކަމުގެ ތެރޭގައި އެ ފުރުސަތު ވަނީ އާންމު ރައްޔިތުންގެ ކިބައިން ނިގުޅައިގެންފަ އެވެ.
މާލެ ސަރަހައްދުގައި ދިވެހިން ދަތުރު ދާން ބޭނުންކުރި ހުރިހާ ރަށެއް ޓޫރިސްޓް ރިސޯޓްތަކަށް ހެދީ އެވެ. ކުޑަބަނޑޮހާއި މާދޫފިނޮޅު އަދި އެންމެ ފަހުން ފޭދޫފިނޮޅު ވެސް އެ ލިސްޓަށް އެރީ އެވެ. ކުޑަވިލިނގިއްޔާއި ކޮށްދިއްޕަރު ވެސް ރިސޯޓްތަކަށެވެ.
ކުރިން ޕިކްނިކް އައިލެންޑްގެ ގޮތުގައި ބޭނުންކުރި ރަށްތައް ރިސޯޓްތަކަށް ބަދަލުކުރުމުގެ ފުރުސަތު 2012 ގައި ދިނުމުން އެންމެ ފުރަތަމަ ރިސޯޓް ހަދަން ނިންމި ރަށްތަކުގެ ތެރޭގައި ކުޑަބަނޑޮސް ހިމެނެ އެވެ. އެ ރަށުގައި ރިސޯޓް ހަދަން ނިންމުމާ އެކު އެކަން ހުއްޓާލަން އެކި ފަރާތްތަކުން އާދޭސްކުރި އެވެ. ނަމަވެސް ރައްޔިތުންގެ ހިތްހަމަޖެހުމަށް ވުރެ އިސްކުރީ ސަރުކާރަށް އެވަގުތު ލިބޭނެ ލާރިކޮޅެކެވެ. އަދި މަހުޖަނުންނަށް އިތުރު ފުރުސަތު ތަނަވަސްކޮށްދިނުމެވެ.
ކުޑަބަނޑޮހުގެ ގޮނޑުދޮށުގައި ޓޫރިސްޓުންގެ ބަޔަކު ވޮލީކުޅެނީ: ކުރިން މިއީ އާންމު ދިވެހިންގެ ރަށެއް
ކުޑަބަނޑޮސް ރިސޯޓް ތަރައްގީކުރަން ނިންމި ދުވަސްވަރު ސަރުކާރުން ބުނެފައި ވަނީ އެ ހުއްދަ ދިނީ ދިވެހިންނަށް ދަތުރު ދެވޭނެ ފަސޭހަ ގޮތަށް ވެސް އެއްބަސްވެގެން ކަމަށެވެ. އެކަމަކު އެ ރަށް ރިސޯޓެއްގެ ގޮތުގައި ހުޅުވި ފަހުން އެ ފުރުސަތު، އެހާ ލުއިކޮށް ތަނަވަސްވެފައި އޮތް ކަމަކަށެއް ނުފެނެ އެވެ.
މާލެ އަތޮޅުގެ އިތުރުން އަރި އަތޮޅުގައި ވެސް ހުރި ގިނަ ފަޅުރަށްތައް މިހާރު ވަނީ ވިއްކާލައިފަ އެވެ. އެހެންކަމުން މާލެ އާއި މި ސަރަހައްދުގައި ދިރިއުޅޭ އާއްމުންނަށް ހިތްހަމަޖައްސާލަން ދަތުރު ދެވޭނެ ފަޅުރަށެއް ކައިރިޔަކު ނެތެވެ.
"މިއީ ވަރަށް ބޮޑުވާން ޖެހޭ މައްސަލައެއް. މިހާރު މާލެ މިވަނީ އިންތިހާއަށް ތޮއްޖެހި ނޭވާލާން ދަތިވާ ހިސާބަށް ގޮސްފައި. މިކަހަލަ ތަނެއްގައި އުޅޭ ބަޔަކަށް ހަމަޖެހިގެން ނޭވާ ލެވޭ ކަހަލަ ތަނަކަށް ވެސް ދެވޭކަށް ނެތް،" މާލޭގައި ދިރިއުޅޭ ދެކުނުގެ ރަށަކަށް ނިސްބަތްވާ އަހުމަދު ރަޝީދު ބުންޏެވެ.
"ކައިރީގައި ހުރި ހުރިހާ ރަށްތަކެއް ރިސޯޓް ހަދަން ދިނުމުން އޭގެ ފައިދާ ކުރަނީ ރިސޯޓް އޯނަރުންނަށާއި ސަރުކާރަކަށް."
މާލެ ކައިރީގައި މިވަގުތު އޮތް ހަމައެކަނި ފަޅުރަށް، ފޭދޫފިނޮޅުގައި ރިސޯޓް ހަދަން ވިއްކާލަން މި އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު ސަރުކާރުން އިއުލާންކުރުމުން އެކަމާ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ. އެއް ބަޔަކު އެހާ ކުޑަ އަގެއްގައި، އެ މުހިންމު ރަށް ވިއްކާލަން އުޅޭތީ އެވެ. އަނެއް ބަޔަކު އާންމު ދިވެހިންނަށް އޮތް ރާއްޖޭގެ ރީތިކަމުން އުފާ ހޯދޭނެ ރަށެއް، ވިޔަފާރިއަށް ގުރުބާންކޮށްލާތީ އެވެ.
އެ ރަށުގައި ރިސޯޓެއް ހެދުމުގެ އެއްބަސްވުމެއްގައި ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ހަފުތާގައި ވިދާޅުވި ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ. ފަންސާސް އަހަރަށް ރަށް ވިއްކާލީ އެންމެ 4 މިލިއަން ޑޮލަރަށެވެ.
"އެ ރަށް 2012 ވަނަ އަހަރުގެ ތެރޭގައި ބޭރު ކުންފުންޏަކުން ހުށަހެޅި 50 މިލިއަން ޑޮލަރަށް ގަންނަން. އެ މީހުން މާލެ އައިސް އެ ރަށް ބަލާފައި ވަރަށް ހިތްހަމަޖެހޭ ތަނަކަށް ވާތީ އެ އަގު ހުށަހެޅީ. ނަމަވެސް އޭރުގެ ސަރުކާރުން އެއްބަސްނުވީ ކިތަންމެ ބޮޑު އަގެއް ދިން ނަމަވެސް އެ ރަށް ދޫނުކޮށް ބާއްވަން،" އެ ހުށަހެޅުމުގެ ކަންތައް ދެނެވަޑައިގަންނަވާ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ ބޮޑު ފަޅެއް އޮންނަ އަދި މަޝްހޫރު ޑައިވިން ސްޕޮޓެއްގެ ހިމެނޭ ރަށަކަށް ވުމުން އިންވެސްޓަރުން އަބަދުވެސް ފާރަލާ ކަމަށެވެ.
މިނިސްޓަރު ޒަމީރު ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޭދޫފިނޮޅު ވިއްކާލުމަކީ ސަރުކާރަށް ކާމިޔާބީއެއްތަ؟ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އެ ރަށުގެ ޖެޓީއާ ޖެހިގެން އޮންނަ ތަނަކީ ވަރަށް މަޝްހޫރު ޑައިވިން ސްޕޮޓެއް. ވަރަށް ގިނަ ޓޫރިސްޓުން ވެސް ޑައިވްކުރަން ދާ ތަނެއް އެއީ. އޭގެ އިތުރުން ދާދި ފަހުން އެ ރަށުގައި ވަނީ ފެންވަރު ރަނގަޅު ބަނދަރެއް ވެސް ހަދާފައި. އެއީ މާލެ ކައިރީގައި އޮތް އެންމެ ހިތްގައިމު ރަށް،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގެ ތަޖުރިބާ ހުރި ބައެއް މީހުންގެ ނަޒަރުގައި އެއީ ނުއަގެކެވެ.
"މާލެ ކައިރީގައި އޮތް ރަށެއް ހަތަރު މިލިއަން ޑޮލަރަށް ވިއްކާލާނެ ކަމަށް ސަލާމަތް ބުއްދި ހުރި މީހަކު ގަބޫލެއް ނުކުރާނެ. އެ ރަށުން މަދުވެގެން ދިހަ ވަރަކަށް މިލިއަން ޑޮލަރު ލިބޭނެ،" ރާއްޖޭގެ މަޝްހޫރު ޓްރެވަލް އެޖެންސީގެ ވެރިޔަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
ކުރީގެ ޔޫތު މިނިސްޓަރު އަދި އެމްއެމްޕީއާރުސީ ހިންގެވުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި މުހައްމަދު މަލީހު ޖަމާލު ވެސް ވަނީ އެ އަގާ ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.
"ޗެލެންޖްކޮށްފައި މި ދަންނަވަނީ މާދަމާ ފޭދޫފިނޮޅު ބިޑަކަށް ހުޅުވާލިޔަސް އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި 15 މިލިއަން ޑޮލަރު ވަރު ލިބޭނެ" މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
މާލެ އަތޮޅުން ރަށްރަށް ހުސްވެ، އެހެން އަތޮޅުތަކަށް ޓޫރިޒަމް ފުޅާކުރި އިރު ވެސް ކުޑަބަނޑޮހާއި ފޭދޫފިނޮޅު އޭރުގެ ސަރުކާރުތަކުން ބޭއްވީ ވިއްކާނުލެވޭތީއެއް ނޫނެވެ. އޭރު ވެސް އެ ރަށްރަށަށް ލޯ އަޅަމުން ދިޔަ، އަމިއްލަ މުއްސަނދިކަން އިތުރުކުރަން ބޭނުން ކިތައްމެ ބަޔަކު ޓޫރިޒަމް ދާއިރާގައި އުޅުނެވެ.
އެކަމަކު ވެރިރަށުގައި ދިރިއުޅޭ އާންމުންނަށް ދަތުރު ދެވޭނެ ރަށެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރެވުނެވެ. ކޮންމެ ކަމެއް އިގުތިސާދީ ފައިދާއަށް ގުރުބާން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ސަރުކާރުގެ ވެރިން ވިސްނުމަކީ އާންމު އުފަލަށް ވުރެ މާލީ ފައިދާ އިސްކުރުމެވެ. އެއީ ސިޔާސަތު ކަނޑައަޅާ މީހުންގެ އެންމެ ގޯސް އެއް ވިސްނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާ އުއްމީދު
28 December 2016
2020 ގައި މި ރާއްޖޭގައި އުޅޭނީ ހުސް ރިސޯރޓް ތަކުގެ ވެރިންނާއި ބަންގާޅީން ކޮޅެއް. ބާކީ ތިބޭނީ ޖަލުގައި. ޕިންކީ ތަކަށް ވެސް އަބަދު ޚަރަދު ކުރާކަށް ޔާނަކަށް ނޫޅެވޭނެ. އެމީހުން އެހެން ޤައުމު ތަކުގައި ރަށްވެހި ވެގެން އުޅޭނެ.
މާލެމާލެ5
27 December 2016
މާލޭގައި އުޅެނީ ކީއްކުރަން ހެއްޔެވެ؟ ދަރިންނަށް ކިޔަވައިދޭންވެގެން ކިޔަވައިދެނީ ކީއްކުރަން؟ ރަނގަޅު މުސްތަގުބަލެއް ހޯދުމަށް ރަނގަޅު މުސްތަގުބަލެއް ހޯދަދެނީ ކީއްކުރަން؟ އެކުދިން އުފަލުގައި ދިރިއުޅެން ބޭނުންވާވަރަށް ލާރި ލިބޭނެ ގޮތެއް ހޯދުމަށް އެއީ ކީއްކުރަން؟ އެކުދިންނަށް ގިނައިން ލާރި ލިބޭނީ އޭރުން ކަމަށް ވާތީ ގިނައިން ލާރި ހޯދައިންގެން ކީއްކުރަނީ؟ ދުނިޔޭގެ އެކިތަންތަނަށް ދަތުރުކޮށް އުފާހޯދުމަށް ކީއްވެ ރާއްޖޭގެ ރިސޯޓްތަކަށް ނުދަނީ؟ އެއީ މާ އަގުބޮޑުތަނެއް އެވަރަށް ލާރި ލިބޭނަމަ ދާނަންތަ؟ ޔަގީން ދާނެކަން ތިބޭފުޅާއަށް އެގިލައްވާތޯ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ދިރި އުޅުނަސް ރާއްޖޭގެ ރިސޯޓުތަކުން ލިބޭ ފެންވަރުގައި އުފަލާއި ހިންހަމަޖެހުން ލިބޭނެކަން؟ ނޭގެ ( ދިވެހިންގެ މައްސަލައަކީ މިއީއެވެ. ވަށައިޖަހައިލެވޭ ވިސްނުމަކުން ވިސްނައެއް ނުލެވެއެވެ.)
ފާތުމާ
27 December 2016
ހީވަނީ ވަރަށް އަވަްހަށް އާރަށް މާލޭގެ ރައްޔިތުން ދަތުރު ދާން ހުޅުވާލާނެހެން. ރައްޔިތުންގެ އިހްސާސް ތައް ވަރައް ދަންނަ ސަރުކާރެއް މީ
ސީދާސާދާ
27 December 2016
ބަލަ ފޭދޫފިނޮޅުވެސް ވިއްކާލާނީ މަލީހުމެން ތިބުނާ އަގުގައެވެ...ނަމަވެސް އިއުލާން އެކުރެވުނީ ދައުލަތައް ލިބުނު ވަރު.. އެއީ އެކަން ހިނގަމުން އަންނަ ގޮތް ނުނތޯ...؟!
ސާދާސީދާ
27 December 2016
ޗައިނާ ރާއްޖެ ޗައިނާމީހުންނަށް!
ހަޑިގިއްލާ
27 December 2016
މިހާރު ދިވެހިން ދަތުރުގޮސް އުޅެނީ ލަންކާ، އިންޑިޔާ، ސިންގަޕޫރު، މެލޭޝިޔާއަށް..... ކުޑަބަނޑޮހަކީ ލަންކާ.......
ކޮޅުމަޑުލު
27 December 2016
މި އަތޮޅުގައި އޮތް ފަޅު ރަށްތަށް ވެސް ވިއްކާ ހުސް ކުރޭ ހަމަ... އެކަމު އަހަރުން ކޮމްޕްލެއިން އެއް ނުކުރަން، އެއީ އޭގެ ސަބަބުން އަހަރުން މިއޮއް އެކަނިވެރި އަތޮޅު އާބާދުވެ އަހަރުމެންނަށް ވަޒީފާ ލިބޭތީވެ. އަހަރެން ސަރުކާރަށް ތާއިީދު ކުރަނީ އަކީ ނޫން. އައި ހޭޓް ... އެކަމުވެސް ކަން އޮތް ގޮތް ބުނެލީ.... ބިސައިޑްސް ކަމުގެ ދެކޮޅު ބަލާލުން ވެސްަ ރަނގަޅު ކަންނޭގެ!! ދޮގެއްތަ؟
ދަތުރުދާކުދިން
27 December 2016
މަތީގައިވާ ސުރުހީ ކިޔާފަ ވަރަށް ދެރަވެއްޖެއެވެ. އަހަރުމެންވެސް މިތިބީ ވަރަށް ދެރަވެފައި ތ. ގުރައިދޫ ހުރިހާ ރައްޔިތުން މޫދައް އެރިލާން އޮތް ރަށް ( ބޮޑު ފިނޮޅު ) ވަރަށް އަވަހަށް މާލެ ފުށި ރިސޯޓައް ދޭނެކަމުގެ ޚަބަރު ލިބިއްޖެއެވެ. މިހާތަނަށްވެސް އެރަށް އޮތީ ކައިރީގައިވާ ރަށް ރަށުގެ މީހުން ދަތުރު ދިއުމާއި، މޫދައް އެރިލުމުގެ ގޮތުގައެވެ މިރަށް މާލެފުށި ރިސޯޓައް ދިނީމަ އަހަރުމެންނަށްވެސް ގޮތް ހުސްވީ މިހެން ހަދައިފިނަމަ 2018 ވެސް ހަނދާންކުރާނަން ވަގުތީ އުފަލަކަށް ޖާގަނުދިނުމަށް އަހަރުމެން ގޮވާލަން މިހާރުވެސް މާލެފުށި ރިސޯޓައް ޅަވައްޑުވަނީ ދީފައި
ބީރުބޮލު
27 December 2016
ނިކަމެތިން ދަތުރު ދާނެކަމެއްނެތް. މިސަރުކާރުގެ އަމާޒަކީ ނިކަމެތިން ނިކަމެތިކަންމަތީ އަބަދަށް ބޭތިއްބުން. ނިކަމެތިން ދަތުރު ދާނީ ރަސްފަންނަށް.
ހޯސޭ
27 December 2016
ދާދިފަހުން ރިސޯޓެއްގަ 30 ހަކަށް ބީޗް ވިލާ މަރާމާތަށް ވެސް 4.2 މިލިއަން ޑޮލަރު ހަރަދުވީކަމަށްވޭ އެހެން ވީއިރު 4 މިލިއަނަށް ރަށެއް ވިއްކާލީމަ ގިނ ަސުވާލު ކުރުމުގެ ފުރުސަތު އެބައޮތް ހިންހަމަ ޖެހުނަސް ނުޖެހުނަސް