ކުޅިވަރު

އުމުރުން 19 އަހަރުގެ އަލްކަރާޒް އަތުން ބަލިވެ މެޑްރިޑް އޯޕަން އިން ނަޑާލް ކަޓައިފި

އަލްކަރާމް ކުއާޓާ ފައިނަލް މެޗު ކާމިޔާބު ކުރުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް، ސްޕެއިން (މެއި 6) - މިހާރު ކުރިއަށްދާ މެޑްރިޑް އޯޕަން މާސްޓާސް މުބާރާތުގެ ކުއާޓާ ފައިނަލުގައި އުމުރުން 19 އަހަރުގެ ކާލޯސް އަލްކަރާޒް އަތުން ބަލިވެ، ސްޕެއިންގެ ރަފައެލް ނަޑާލް މުބާރާތުން ކަޓައިފި އެވެ.

ނަޑާލް މެޗު ކާމިޔާބުކޮށްގެން، ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޮކޮވިޗާ ދެ ކުޅުންތެރިންގެ ކުރިމަތިލުމެއް ސެމީ ފައިނަލުގައި ފެންނާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރި އެވެ. ނަމަވެސް ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ އަލްކަރާޒް ވަނީ، 6-2، 1-6 އަދި 6-3 އިން ރެކޯޑް ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ނަޑާލް، 35، ބަލިކޮށް ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

ގޮކޮވިޗް ސެމީ ފައިނަލަށް ދިޔައީ މިރޭ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި 6-3، 6-4 އިން ޕޮލެންޑުގެ ހޫބާޓް ހޫކަޓްޒް ބަލިކޮށްގެންނެވެ.

މިރޭގެ ކާމިޔާބާއެކު އިއްޔެ 19 އަހަރު ފުރުނު އަލްކަރާޒް ވަނީ "ކިންގް އޮފް ކްލޭ" ގެ ގޮތުގައި މަޝްހޫރު ވެފައިވާ ނަޑާލް، ކްލޭ ކޯޓުގައި ބަލިކުރި ފުރަތަމަ ޓީނޭޖް ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ސްޕެއިންގެ ކުޅުންތެރިންނާ ދެކޮޅަށް ނަޑާލް މޮޅުވަމުން އައި 25 މެޗުގެ ރެކޯޑް ވެސް ނިމުމަކަށް ގެނެސްފަ އެވެ.

ނަޑާލް މިރޭގެ މެޗަށް ފަހު ކޯޓުން ފައިބަން ދިޔުމުގެ ކުރިން.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް އޯޕަން މުބާރާތަކީ މާސްޓާސް ކެޓެގަރީގައި ޖޮކޮވިޗްގެ 72 ވަނަ ސެމީ ފައިނަލެވެ. އަދި މި މުބާރާތުގެ ސެމީ ފައިނަލަށް ދުތުރުކުރި ހަތްވަނަ ފަހަރެވެ. އޭނާ ވަނީ ތިން ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

މިއީ އަލްކަރާޒް މާސްޓާސް ކެޓެގަރީ މުބާރާތެއްގެ ސެމީ ފައިނަލަށް ދަތުރުކުރި ތިންވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ގްރޭންޑްސްލޭމް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އަލްކަރާޒް އެންމެ ފުރަތަމަ މާސްޓާސް މުބާރާތެއްގެ ސެމީ ފައިނަލަށް ދިޔައީ މިއަހަރު އިންޑިއަން ވެލްސް މުބާރާތުގެ ކުއާޓާ ފައިނަލުގައި، މުބާރާތް ދިފާއުކުރަން ނުކުތް ކަމެރޮން ނޮރީ ބަލި ކޮށްފަ އެވެ. ނަމަވެސް ސެމީ ފައިނަލުގައި ބަލިވީ ނަޑާލް އަތުންނެވެ. އެކަމަކު ނަޑާލް ވަނީ ފައިނަލުގައި އެމެރިކާގެ ޓޭލާ ފްރިޓްޒް އަތުން ބަލި ވެފަ އެވެ.

މިދިޔަ އޭޕްރީލް މަހު ސްޕެއިންގައި އޮތް ބާސެލޯނާ އޯޕަން މުބާރާތުގެ ކުއާޓާ ފައިނަލުގައި މޮޅުވެ، ދުނިޔޭގެ ރޭންކިން ނުވަ ވަނައަށް ޖެހިލި އަލްކަރާޒް ވަނީ އެ މުބާރާތް ކާމިޔާބު ވެސް ކޮށްފަ އެވެ. އެއާ އެކު އަލްކަރާޒް ވެފައި ވަނީ 2005 ވަނަ އަހަރު ނަޑާލް އަށް ފަހު، ދުނިޔޭ ރޭންކިންގެ ގަދަ 10 ގެ ތެރޭ ހިމެނުނު އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

އެއަށް ފަހު އަލްކަރާޒް ވަނީ އުމުރުން 18 އަހަރާއި 333 ދުވަހުގައި މަޔާމީ އޯޕަން މުބާރާތް ކާމިޔާބުކޮށް، 2005 ވަނަ އަހަރުން ފެށިގެން ނަޑާލް އަތުގައި އޮންނަ އޭޓީޕީ މާސްޓާސް މުބާރާތެއް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފަ އެވެ. މިއީ އޭނާ ކާމިޔާބުކުރި ފުރަތަމަ މާސްޓާސް ކެޓެގަރީ މުބާރަތެވެ. އޭނާ ފައިނަލަށް ދިޔައީ މިދިޔަ އަހަރުގެ މަޔާމީ ޗެމްޕިއަން ހޫބާޓް ހޫކަޓްޒް ސެމީ ފައިނަލުގައި ބަލި ކޮށްފަ އެވެ. އަދި މަޔާމީ އޯޕަން ކާމިޔާބުކުރި ފުރަތަމަ ސްޕެއިންގެ ކުޅުންތެރިޔާގެ ލަގަބު ހޯދުމާ އެކު ސްޕެއިންގެ ރަސްގެފާނު ފެލިޕޭ ހުއާން ޕަބްލޯ ވެސް ވަނީ އަލްކަރާޒް އަށް ތަހުނިޔާ ކިޔުއްވައިފަ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454