ކުޅިވަރު

ގަތަރު ވޯލްޑް ކަޕުގެ ރެފްރީންގެ ތެރޭގައި ތިން އަންހެނުން

މެންސް ފީފާ ވޯލްޑް ކަޕުގައި މުޅިން އަލަށް އިންސާފުކުރަން ހަމަޖެހިފައިވާ އަންހެން ރެފްރީން؛ ޔަމަޝިޓާ، ފްރެޕާޓް އަދި މުކަންސަންގާ.

ޒިއުރިކް (މެއި 20) - މި އަހަރުގެ ފަހުކޮޅު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ނެގި 36 ރެފްރީންގެ ތެރޭފައި ތިން އަންހެން ރެފްރީން ހިމަނައިފި އެވެ.

މިއީ ފިރިހެނުންގެ ވޯލްޑް ކަޕުގެ 92 އަހަރުވީ ދިގު ތާރީހުގައި އަންހެން ރެފްރީން މުބާރާތުގައި އިންސާފުކުރާނެ ފުރަތަމަ ފަހަރެވެ. މި ތިން އަންހެން ރެފްރީންގެ އިތުރުން އަންހެން ތިން އެސިސްޓެންޓް ރެފްރީން ވެސް މުބާރާތުގައި އޮފިޝަލް ކަން ކުރާ1ނެ އެވެ.

މި އަހަރުގެ ނޮވެމްބަރު 21 ގައި ފަށާ ވޯލްޑް ކަޕަށް ހޮވި ތިން އަންހެން ރެފްރީންނަކީ ފްރާންސްގެ ސްޓެފަނީ ފްރެޕާޓް، 38، އާއި ޖަޕާނުގެ ޔޯޝިމީ ޔަމަޝިޓާ، 36، އަދި ރުވާންޑާގެ 33 އަހަރުގެ ސަލީމާ މުކަންސަންގާ އެވެ.

ފްރެޕާޓް 2019 ވަނަ އަހަރުގެ ޔޫއެފާ ސުޕަ ކަޕުގައި ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގައި.-- ފޮޓޯ: ގެޓީ އިމޭޖަސް

މީގެ ތެރެއިން އެންމެ ހައި ޕްރޮފިލިކް ރެފްރީއަކީ ފްރެޕާޓް އެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ބޭއްވި ވިމެންސް ވޯލްޑް ކަޕް ފައިނަލުގައި އިންސާފުކޮށް، ހަމަ އެ އަހަރު ޗެލްސީ އާއި ލިވަޕޫލް ކުޅުނު ޔޫއެފާ ސުޕަ ކަޕް މެޗަށް ވެސް އިންސާފު ކޮށްފަ އެވެ. އަދި 2020 ވަނަ އަހަރު އޭނާ ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ މެޗެއްގައި އިންސާފުކުރި ފުރަތަމަ އަންހެން ރެފްރީގެ ޝަރަފު ވެސް ހޯދައިފަ އެވެ.

އޭޝިއާގެ ރެފްރީ ޔަމަޝިޓާ ވެސް ވަނީ 2019 ވަނަ އަހަރުގެ އަންހެން ވޯލްޑް ކަޕުގައި އިންސާފުކުރުމުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ރެކޯޑެއް ހަދައިފަ އެވެ. އޭނާ އަކީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ފުރަތަމަ ފަހަރަށް އިންސާފުކުރި އަންހެން ރެފްރީ އެވެ.

ރުވާންޑާގެ މުކަންސަންގާ އަށް ގަތަރު ވޯލްޑް ކަޕް ވެގެންދާނީ އަހަރެއްގެ ތެރޭ އޭނާ އިންސާފުކުރާނެ ދެވަނަ ފިރިހެނުންގެ ބައިނަލްއަގުވާމީ މުބާރާތަށެވެ. މި އަހަރުގެ ކުރީކޮޅު އޭނާ ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ މެޗެއް އިންސާފުކުރި ފުރަތަމަ އަންހެން ރެފްރީގެ ޝަރަފު ހޯދައިފަ އެވެ.

ގަތަރު ވޯލްޑް ކަޕުގައި ބައިވެރިވާ ތިން އަންހެން އެސިސްޓެންޓް ރެފްރީން؛ ކެތުރީން ނެސްބިޓް، ނިއުޒާ ބެކް އަދި ކެރެން ޑިއާޒް.

ވޯލްޑް ކަޕުގައި އިންސާފުކުރާ އަންހެން އެސިސްޓެންޓް ރެފްރީންނަކީ ބްރެޒިލްގެ ނިއުޒާ ބެކް އާއި މެކްސިކޯގެ ކެރެން ޑިއާޒް މެޑީނާ އަދި އެމެރިކާގެ ކެތުރިން ނެސްބިޓް އެވެ.

ފީފާގެ ރެފްރީންގެ ކޮމިޓީގެ ޗެއާމަން، ކުރީގެ މަޝްހޫރު ރެފްރީ ޕިއެރްލުއިޖީ ކޮލީނާ ބުނީ މިއީ އަންހެން ރެފްރީން ކުރިއަށް ނެރެން މީގެ އަހަރުތަކެއް ކުރިން ކުރި މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ. އަދި މިއީ ކުރިމަގުގައި އާ ކަމަކަށް ނުވާނެ ކަމަށާއި ވަކި ޖިންސަކަށް ބެލުމެއް ނެތި އެންމެ މަތިން ޕާފޯމް ކޮށްގެން ކޮންމެ ރެފްރީއަކަށް ވެސް ހައްގުވާ ޖާގައަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

މުބާރާތުގައި ޖުމްލަ 36 ރެފްރީންގެ އިތުރުން 69 އެސިސްޓެންޓް ރެފްރީން އަދި 24 ވީޑިއޯ އެސިސްޓެންޓް ރެފްރީން ބައިވެރި ވާނެ އެވެ. މުބާރާތް ކުރިއަށް ދާނީ ޑިސެމްބަރު 18 ގެ ނިޔަލަށެވެ.

ގަތަރު ވޯލްޑް ކަޕުން ފެންނާނެ މަޝްހޫރު ރެފްރީންގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ރެފްރީ މައިކަލް އޮލިވާ އާއި އެންތަނީ ޓޭލާ އަދި ސްޕެއިންގެ މަޝްހޫރު ރެފްރީ އެންޓޯނިއޯ މަޓޭއު ހިމެނެ އެވެ. އެމެރިކާގެ މޭޖާ ލީގު ސޮކާ އިން ވޯލްޑް ކަޕަށް ހޮވީ މޮރޮކޯ އަށް އުފަން 40 އަހަރުގެ އިސްމާއިލް އަލްފަތުހު އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454