މުނިފޫހިފިލުވުން / ހޮލީވުޑް

ގަޑިއިރެއްގެ އެޕިސޯޑުން ފުރަތަމަ އަށް މިނެޓް ބެލޭ ގޮތް ހަދައިފި

ސްޓްރޭންޖާ ތިންގްސް 4ގެ މަންޒަރެއްގައި އިލެވަންގެ ރޯލު ކުޅޭ މިލީ ބޮބީ ބްރައުން.

21 މެއި 2022 - 08:13

ނެޓްފްލިކްސްގެ އެންމެ ވަރުގަދަ ސައިންސް ފިކްޝަން ސީރީޒް ކަމަށްވާ "ސްޓްރޭންޗާ ތިންގްސް"، ތިން އަހަރު ފަހުން އެނބުރި އަންނައިރު، އާ ސީޒަން ސްޓްރީމްކުރުމުގެ ކުރިން ފުރަތަމަ އެޕިސޯޑުގެ، ފުރަތަމަ އަށް މިނެޓް ބެލޭ ގޮތް އިއްޔެ ހަދައިފި އެވެ.

ސީޒަން ހަތަރެއްގެ، ގަޑިއިރަކަށް ވުރެ ދިގު ފުރަތަމަ އެޕިސޯޑްގެ، ފުރަތަމަ އަށް މިނެޓް، އެ ސީރީޒްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން މިހާރު ބަލައިލެވޭނެ އެވެ.

އެ މަންޒަރު ފަށާތަނުން ދައްކަނީ 1976 އެވެ. އެއީ އެ ސީރީޒްގެ ފުރަތަމަ ސީޒަން ފެށުމުގެ ހަތަރު އަހަރު ކުރި އެވެ. އަދި ފުރަތަމަ ސީޒަންގައި ނުބައި މީހެއްގެ ގޮތުގައި އެންމެ ބޮޑަށް ދެއްކި ޑރ. މާޓިން ބްރީނާ (މެތިއު މޮޑައިން) ވެސް ދައްކަ އެވެ. އެ މަންޒަރުގައި ފެންނަނީ، ހޯކިންސް ނޭޝަނަލް ލެބޯޓަރީގައި، އިލެވަން (މިލި ބޮބީ ބްރައުން) ގޮތަށް އާދަޔާ ހިލާފު ބާރުތަކެއް ހުންނަ އެހެން ކުދިންތަކެއް ބްރީނާ ގެންގުޅޭ ތަނެވެ.

އެތަނުން އެއް ކުއްޖަކަށް ކިޔަނީ ޓެން އެވެ. ބްރީނާ އެ ކުއްޖާގެ ޓެސްޓުތަކެއް ހަދަމުން ދަނިކޮށް، އެތަނުގެ ބޭރުގައި ކަންތައްގަނޑެއް ހިނގައިގެން އެއްޗެއް ގޮވައި، އޭނާ އަށް އަނިޔާވެ، ހޭނެތެ އެެވެ. އޭނާ ހޭވެރިކަންވާއިރު، އެތަނުގައި ތިބި ހުރިހާ ކުދިންނާއި މުވައްޒަފުން އޮންނަނީ މަރާލައިފަ އެވެ. އެކަމަކު އެކަކު ފިޔަވާ އެވެ. އެއީ އިލެވަން އެވެ. އެ މަންޒަރުގައި ދައްކާ ގޮތުން ހީވަނީ، އެ އެންމެ މަރާލީ އިލެވަންހެންނެވެ.

ނެޓްފްލިކްސް އިން އިއްޔެ ވަނީ އާ ސީޒަންގެ އެޕިސޯޑްތަކުގެ ދިގުމިން ވެސް އިއުލާންކޮށްފަ އެވެ. ކޮންމެ އެޕިސޯޑެއް ގަޑިރިއަކަށް ވުރެ ދިގުއިރު، ފަހު އެޕިސޯޑް ދެ ގަޑިއިރަށް ވުރެ ދިގުވާނެ އެވެ. އާ ސީޒަން ނެރެނީ ވެސް ދެ ބަޔަކަށް ބަހާލައިގެންނެވެ. މި މަހު 27 ގައި އާ ސީޒަންގެ ފުރަތަމަ ހަތް އެޕިސޯޑް ނެރޭއިރު، ދެވަނަ ބައިގެ ގޮތުގައި އިތުރު ދެ އެޕިސޯޑް އަންނަ މަހު އެކެއްގައި ސްޓްރީމް ކުރާނެ އެވެ.

މިލީ އާއި މޮޑައިންގެ އިތުރުން، މި އާ ސީޒަންގައި، ކުރިން ވެސް އެ ސީރީޒްގެ ލީޑުން ފެނުނު ކާސްޓް ފެންނާނެ އެވެ.

އެއީ "ސްޓްރޭންޖާ ތިންގްސް" ފެށުނު ފަހުން، އެންމެ ގިނަ ވަގުތު ދީގެން ހެދި ސީޒަނެވެ. އެ ސީޒަންގެ މަސައްކަތް ނިންމަން ތިން އަހަރު ހޭދަވި އިރު، އެ އުފައްދާ ދަ ޑަފާ ބްރަދާސް ބުނީ އެ ސީޒަނަށް 800 ސަފުހާ އަށް ވުރެ ދިގު، ނުވަ ސްކްރިޕްޓް ލިޔުނު ކަމަށެވެ. އަދި އާ ސީޒަންގައި 1،000 ވުރެ ގިނަ ވިޒުއަލް އިފެކްޓްސްތައް ހިމެނޭ މަންޒަރުތަކާއި ސީޒަންގެ ދިގުމިން ކުރީގެ ސީޒަންތަކަށް ވުރެ ދެ ގުނަ އިތުރުވާނެ ކަމަށް ވެސް ބުންޏެވެ.

ކުޑަކުދިންތަކަކަށް ދިމާވާ އާދަޔާ ހިލާފު ކަންތައްތަކެއް ދަައްކައިދޭ ސްޓްރޭންޖާ ތިންގްސްގެ ސީޒަން ތިނެއް ގެނެސްދިނީ 2019 ގަ އެވެ. ސްޓްރީމިން ޕްލެޓްފޯމެއްގެ ގޮތުގައި ނެޓްފްލިކްސް އެންމެ މަޝްހޫރުކޮށްދިނީ ވެސް އެ ސީރީޒުންނެވެ. ނެޓްފްލިކްސް އިން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކުރީ ވެސް އެ ސީރީޒަށެވެ. އާ ސީޒަންގައި ކޮންމެ އެޕިސޯޑަކަށް 30 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 25%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454