ގައުމީ ޓީމުގެ ޓްރޭނިންގައި ކޯޗު މޮރިއޭރޯ އާއި ބައެއް ކުޅުންތެރިން: އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވާން އެކުވެރި ކަމުގެ މެޗެއް ނުކުޅެ ގައުމީ ޓީމު ވަނީ ރާއްޖެއިން ފުރައިފަ --- ފޮޓޯ: އެފްއޭއެމް
02 ޖޫން 2022 - 11:57
އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން، އެކުވެރިކަމުގެ މެޗެއް ނުކުޅެ ގައުމީ ފުޓްބޯޅަ ޓީމު އުޒްބެކިސްތާނަށް ދާން ފުރައިފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެ ފިޔަވައި ހުރިހާ ޓީމަކުން ވަނީ ކޮލިފައިންނަށް ތައްޔާރުވާން އެކުވެރިކަމުގެ މެޗުތައް ކުޅެފަ އެވެ. ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕް ސީގައި ސްރީ ލަންކާ ވެސް ހިމެނެ އެވެ.
ގަތަރުގެ އެސްޕަޔާ ސްޕޯޓްސް އެކަޑަމީގައި ކޭމްޕްކުރި، ލަންކާގެ ގައުމީ ޓީމުން ވަނީ، ގަތަރުގައި ނޭޕާލާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. ރާއްޖެ ހިމެނޭ ގުރޫޕްގައި ދެން ހިމެނެނީ ތައިލެންޑާއި އުޒްބެކިސްތާނެވެ. ތައިލެންޑުން ވަނީ ތުރުކްމެނިސްތާން އަދި ބަހްރެއިންއާ ދެކޮޅަށް މެޗުތައް ކުޅެފަ އެވެ. އެުޒްބެކިސްތާނުން ވެސް މެޗުތަކެއް ކުޅެފައެއް ނުވެ އެވެ.
ކޮލިފައިން އަށް ތައްޔާރުވާން ގައުމީ ޓީމުން މެޗެއް ނުޅުނު ނަމަވެސް، މާޗް މަހުގެ އިންޓަނޭޝަނަލް ބްރޭކްގައި އެޓީމުން ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް މެޗު ކުޅެފަ އެވެ. ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ އޭރު ބުނެފައި ވަނީ، އޭޝިއަން ކަޕްގެ ތައްޔާރީތަކުގައި މެޗެއް ކުޅުން މުހިންމު ކަމަށެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ގައުމީ ޓީމާ ބައްދަލު ކުރަނީ --- ފޮޓޯ: އެފްއޭއެމް
"ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑު ބޭނުން މެޗުތަކެއް ކުޅެން. ޓީމު އެހާ ދިގު މުއްދަތެއްގައި އެކުނުވެ ތިބުމަކީ ވަރަށް ބޮޑު ގެއްލުމެއް. މެޗުތަކެއް ކުޅުނީމަ ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ،" އަކުރަމް އޭރު ބުނެފައި ވެ އެވެ.
ނަމަވެސް ގައުމީ ޓީމަށް އެކުވެރިކަމުގެ މެޗުތަކެއް ހޯދައިދިނުމުގައި އެފްއޭއެމް އަށް ކާމިޔާބެއް ނުހޯދުނެވެ. މާޗް މަހު ރާއްޖެ އާ ދެކޮޅަށް ކުޅުނު ބަންގްލަދޭޝް އިން ވެސް ވަނީ އިއްޔެ އިންޑޮނޭޝިއާއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗު ލަނޑެއް ނުޖެހި އެއްވަރުވީ އެވެ. އިންޑީއާ އިން ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު އުރުދުންއާ ދެކޮލަށް ކުޅެފަ އެވެ. އެ މެޗު އުރުދުން ކާމިޔާބު ކުރީ 2-0 އިންނެވެ.
މި ގުރޫޕްގެ ފޭވަރިޓަކީ އުޒްބެކިސްތާނެވެ. އެ ޓީމުގެ ކެޕްޓަން އެލްޑާ ޝޯމޫރޮޑާވް ވަނީ، މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގެ ދަށުން މިދިޔަ މަހު އޭއެސް ރޯމާ އާ އެކު ޔޫއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ފޭނޫޑްއާ ދެކޮޅަށް ކުޅުނު އެ މެޗުގައި ޓަމީ އަބްރަހަމްގެ ބަދަލުގައި ޝޯމޫރޮޑާވް ވަނީ ކުޅެން ނުކުމެފަ އެވެ.
އަންނަ އަހަރު ބާއްވަން ހަަމަޖެހިފައިވާ އޭޝިއަން ކަޕް ބޭއްވިދާނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. މުބާރާތް ބާއްވަން ފުރުސަތު ލިބިފައިވާ ޗައިނާ އިން ވަނީ އެ ފުރުސަތު ދޫކޮށްލައިފަ އެވެ. މި އަހަރު އެ ގައުމުގައި ބާއްވަން ހަމަޖެއްސި އޭޝިއަން ގޭމްސް ވެސް ވަނީ ކޮވިޑް-19 އާ ގުޅިގެން ފަސްކޮށްފަ އެވެ. އޭއެފްސީން ބުނެފައި ވަނީ އޭޝިއަން ކަޕް ދެން ބާއްވާނެ ގައުމެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ. ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗުތައް ކުރިއަށް ދާނީ އުޒްބެކިސްތާންގަ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 8 ވަނަ ދުވަހު ނުކުންނާނީ ތައިލެންޑާ ދެކޮޅަށެވެ. އޭޝިއަން ކަޕުން ފުރުސަތު ލިބެނީ 24 ޓީމަށެވެ. މިހާރު އޮތް ހަ ގުރޫޕްގެ ތެރެއިން ގުރޫޕްގެ އެއްވަނަ ހޯދާ ޓީމު ކޮލިފައިވާނެ އެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގެ އަނެއް ބުރަށް ދަތުރު ކުރި 12 ޓީމަށް މިހާރު ވެސް ވަނީ މުބާރާތުން ޖާގަ ކަށަވަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިހާބޮޑުކަމެއް
02 June 2022
މިކަލޭގެ އެތާހުރެގެން އަހަރެމެންގެ ފުޓްބޯޅަ ކުރިއަރާނެ ގޮތެއް އޮތްހެނެއް ހިޔެއް ނުވޭ.
ކެރެލާ ސިޑިބަރި
03 June 2022
ނުކުރެވޭނެ ބޭރެއް. ހެންވޭރު ދަރަނިބޯ ސްޕޯޓްސް ކްލަބުގެ މީހުންވެސް ބުނީ މިހާރު ބަރާބާރޭ. ޕަކާސް.
ހެހެހެ
04 June 2022
މާފަންނު ކުލަފާޓާ ސްޕޯޓްސް ކުލަބަށްވެސް މިކަލޭގެ އޯކޭ!
ޙީރޯ
02 June 2022
ބައްސާމަށް ދެން އޮތް 10 އަހަރުވެސް ހިބައިން ދީ