ފިނޭންސް މިނިސްޓްރީ: ބޭރުގެ ހިއްސާގެ ބާޒާރަށް 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް ވިއްކަން ވަނީ ނިންމާފައި.-- ފައިލް ފޮޓޯ: މިހާރު
28 ޑިސެމްބަރ 2016 - 15:35
ރާއްޖޭން ސޮވެރިން ބޮންޑް ބޭރުގައި ވިއްކަން ފެށުމުން ދިވެހި ވިޔަފާރިތަކަށް ފައިދާ ކުރާނެ ކަމަށް ސަރުކާރުން އިއްޔެ ބުނެފި އެވެ.
ސަރުކާރުގެ ބައެއް މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދަން، ބޭރުގެ ހިއްސާގެ ބާޒާރަށް 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ)ގެ ސޮވެރިން ބޮންޑެއް ވިއްކަން ވަނީ ނިންމައިފަ އެވެ. އެ މުއާމަލާތް ހިންގަން، ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އިންވެސްޓްމަންޓް ހައުސްތަކަށް ލީޑް މެނޭޖާސް ނުވަތަ ބުކް ރަނާސްގެ ދައުރު އަދާކުރަން ކުރިމަތިލާން ހުޅުވާލައިފަ އެވެ.
އެ ކަމަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން ދަނިކޮށް، ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދިވެހި ސަރުކާރުން ވަނުމަކީ ރާއްޖެ އަށް ފައިދާ ކުރާނެ ކަމެކެވެ. އެ ގޮތުން، އެ ކަމުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމާއި ހިއްސާގެ ބާޒާރުގެ ތަރައްގީވެގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"މި ކަމުގެ ސަބަބުން އަމިއްލަ ކުންފުނިތަކަށާއި ސަރުކާރުގެ ކުންފުނިތަކަށް ވެސް ބައިނަލްއަގުވާމީ މާލީ ބާޒާރުން ފައިސާ ހޯދުމަށް މަގުފަހިވެގެން ދާނެ ކަމެއް ކަމަށް ވެސް މި މިނިސްޓްރީން ދެކެމެވެ،" ބަޔާނުގައިވެ އެވެ.
ފިނޭންސުން ބުނީ ބޮންޑް ވިއްކަން ފަަށަން މިހާރު ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ފުރަތަމަ ފަހަރަށް ޝާއިއުކޮށްފައި ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓާސް ސާވިސް އިން މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެ އަށް ދިނީ "ބީ2"ގެ ރޭޓިންއެކެެވެ. އެއީ ބޮޑެތި ގޮންޖެހުންތަކެއް ހުއްޓަސް ދަރަންޏާއި އެ ނޫން ވެސް މާލީ ގޮތުން އަދާކުރަން ޖެހޭ އެހެން ޒިންމާތައް ފުރިހަމަ ކުރުމުގެ ގާބިލުކަން ލިބިފައިވާ ގައުމުތަކަށް ދޭ ރޭޓިން އެވެ. އެކަމަކު، އެކަން ކުރެވޭނީ، އެ ރޭޓިންގެ ތަފްސީލުގައިވާ ގޮތުން، މުޅި އިގްތިސާދަށް ގެއްލުން ނުވާ ގޮތަށް އިގްތިސާދީ އަދި މާލީ ސިޔާސަތު ބައްޓަންކޮށްގެންނެވެ.
ކްރެޑިޓް ރޭޓިން އާއްމުކޮށް ބޭނުންކުރަނީ އިންވެސްޓްކުރަން ބޭނުުންވާ ފަރާތްތަކުންނެވެ. އެ ގޮތުން، އިންވެސްޓްމަންޓުތަކުގެ ފައިދާ ލިބޭނެ މިންވަރާއި ދަރަންޏަށް ނަގާ ފައިސާ ދެއްކޭނެކަން މި ރޭޓިން އަށް ބިނާކޮށް ދެނެގަނެވޭނެ އެވެ.
ސޮވެރިން ބޮންޑް ވިއްކުމާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އެ ގޮތުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ވިދާޅުވި ގޮތުގައި ސޮވަރިން ބޮންޑް ވިއްކުމަކީ އިގްތިސޯދީ ގޮތުން ރަނގަޅު ނިންމުމެއް ނޫނެވެ. އެހެންވެ، އޭގެ ނުބައި އަސަރު ފަހުން ރާއްޖެ އަށް ކުރާނެ ކަމަށް، ވެރިކަން ކުރާ ޕީޕީއެމްގެ ރައީސްގެ މަގާމު ވެސް ފުރުއްވާ މައުމޫން ވިދާޅުވި އެވެ.
އައިޖީއެމްއެޗުގެ 25 ބުރީގެ އާ އިމާރާތަށް ފައިސާ ހޯދަން، ބޭރުގެ ފަރާތްތަކަށް ބޮންޑާއި ސުކޫކް ވިއްކައިގެން 1.4 ބިލިއަން ރުފިޔާ ހޯދަން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އޭގެ އިތުރުން ވެސް ބައެއް އެހެން މަޝްރޫއުތަކަށް އެ ފައިސާ އިން ހަރަދު ކުރާނެ ކަމަށް ބަޖެޓުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚާން
29 December 2016
މިއުޅެނީ ކޮން މަމެންނެއްތަ؟ އޭނަގެ ބަހުރުވަޔާއި ވައްޓަފާޅި ހުންނަގޮތުން ހީވަނީ ރޯނުއެދުރު ކޯޑިނޭޓަރެއްހެން. ރައްޔިތުންގެ އިހްސާސްތަކާ ގުޅޭ ކަންކަމުގައި ރައްޔިތުންނަށް މަލާމާތް ރައްދުކުރުމަކީ މީނަގެ އާދައެއް.
މުހަންމަދު
29 December 2016
ދެކޮޅުޖައްސަން ކޮންމެފަދައެއްޗެކޭވެސް ކިއިދާނެއެވެ. ޢާންމުން ނުދަންނަހައި ނަމެއްކިޔައި، ކަމުގެ ޙަޤީޤަތް އޮޅުވާލުމަކީ މިހާރުމިހިނގާ ސަރުކާރުގެ އާދައެކެވެ. ޚުދު ރައީސް ޔާމީންގެ ތަޤުރީރުތައް އަޑުއަހާލީމަ، އެކަން ވަރަށްރީއްޗަށް ސާފުވެއެވެ. ގެއްލުންލިބިދާނެ، އަދި ދައުލަތަށާއި ރައްޔިތުންގެ މަޞްލަޙަތަށް އެކަމުގެ ނުރަނގަޅުއަސަރު ފޯރާފަދަކަމެއް ކުރަން ގަސްތުކޮށްފިނަމަ، ޓެކްނިކަލް އިނގިރޭސިބަސް ގިނަވާނެއެވެ. ތުނބުޅީގައި ގޮބޮޅިޖަހައި، ނޭފަތުކުރީގައި ރިހާކުރުބޮޅުޖަހާފަތިބޭ ކުދިންކުދިން އެއީކޮންއެއްޗެއްކަން ނޭނގޭއިރުވެސް ކޮފީމޭޒުމަތީގައި އެޓެކްނިކަލް ބަސްބަސް ބޭނުންކޮށް ވާނުވާއެއްނޭނގި ތަރައްޤީއޭކިޔައިގެން ޒުވާބުކޮށްހަދުމަކީ މިޤައުމުގެ މިހާރުގެ އާދައެވެ! ތިގޮތަށް ބޮންޑުވިއްކައިގެން ފައިދާއެއްކުރާނީ ފައިދާއެއްކުރާފަދަ މާޙައުލަކާއި ނިޒާމެއް ޤާއިމްކޮށް، ޕްލޭނެއްގެދަށުން ކަންކުރާބަޔަކަށެވެ. ލިބޭހައިލާރިއެއް ދެފަހަރު ނޫނީ ތިންފަހަރު މަރާމާތުކުރަންޖެހޭ، ދެކޮޅުނުޖެހޭ ސަހަރާތަށްފަދަތަންތަން އަޕްގުރޭޑުކޮށް، ގނައިން ކަޓުނެގޭނެހައި ޕުރޮޖެކްޓަކަށް އެފައިސާ ޚަރަކުކޮށް އެފައިސާ އަނބުރާދައްކަން ރައްޔިތުންފެލާބަޔަކަށް ނޫނެވެ. ތެދެކެވެ! ކަޓުނެގޭފަދަ ނިޒާމެއްގެދަށުން ކަޓުނަގާވިޔަފާރިވެރިންނަށް ފައިދާވެދާނެއެވެ. އެނޫން ވިޔަފާރިއަކަށް ފައިދާކުރާނީ، ތިފައިސާއިން ކުރެވޭކަންތަކާއި ގުޅުންހުރި، ކުރެވޭ މުޢާމަލާތްތަކުންވެސް ކަޓުނެގޭގޮތަށް ކުރެވޭ ވިޔަފާރިވެރިންނަށެވެ! ކަންނިމިގޮސް، ފައިސާ އަނބުރާދައްކަންޖެހުނީމަ، ކަރަންޓުގެއަގާ، ކާޑުގެއަގުބޮޑުކޮށް ބީކުނަގައިގެން ދަރަނިދައްކަންޖެހުނީމަ، ކަޓުގެވިޔަފާރިވެރިންނަށް ލޮކުސާނެއްނެތެވެ! ރިހޭފައިމައްޗަށް ފޮއިވެއްޓި، އައްދިއްޔޯތްގޮވައި، ހޭރެންތިބެންޖެހޭނީ ރައްޔިތުންނެވެ! ވާހަކަ ކިތަންމެހައިވެސް ރީއްޗެވެ!
ޗިކުސް
28 December 2016
ރަގަޅު ސިސްޓަމެއް އިޙްރިޔާރު ކޮއްފިއްޔާ ފައިދާ ވެދާނެ .
އަލްޖިބްރާ
28 December 2016
ރާއްޖޭގެ ރަށްތައް ވިއްކައިގެން ލިބޭލާރިވެސް މަދުވީތަ ؟ ލިބޭމިންވަރު ނިކަންދަނެގެން މިބޭނުންތައް ބަހާލައިގެން ތިބޭނަމައީ ފިކުރުކޮށްގެން މިބޭޒާރެއް ނުވެސް ވާނޭ ! މިހުންނަނީ އަހަރުމެންގެ އުސްތާޒުން ދެއްވާފާ ހެޔޮ ނަސޭހަތެވެ. މިހާރު މިކަންކަމަކީ ހުތުރު ކަންތަކަށް ވީއެވެ. ދެން ދަރާވިކޭނީއެވެ. ބަޑު ބިންމަތީގައި ޖެހޭނީ އާދައިގެ ރައްޔިތުންގެއެވެ.
މެންޓަލިސްޓް
28 December 2016
މިހާރުވެސް މަރުކަޒީބޭންކް އޮތި 1 ބިލިއަން އަށް ޓީބިލް ވިއްކައިގެން ދަރާފަ ،،،،ދެންވެސް ވާނީ ހަމައެހެން ،، ތިޔަކުން ވިޔަފާރިތަކަށް ކުރާނެ ފައިދާއެއްނޯންނާނެ ،،،، ސަރުކާރުގެ ޕްރޮޖެކްޓްތަށް ހިންގާމީހުންނާއި ކޮމިޝަން ލިބޭމީހުންނަށް ހުރިހާ ފައިދާއެއްވާނީ ،،،، ރައްޔަތުންގެ ޓެކްސްފައިސާއިން ތިޔަބޮންޑްތަކުގެ އިންޓަރެސްޓްވެސް ދެއްކިގެންދާނީ ،،، ތިޔައި ގައުމުގައި ފައިސާހުސްވެ ގައުމު ލޫޓްވާލީމައި ދެންކުރަންއޮންނަކަންތަށް ،،، ވަރަށްވެދުން
ޖަންކް ބޮންޑް ގަންނާނެބާ
28 December 2016
ލިބޭ އެއްޗަކުން ފުއްދައިގެން ދަރަނިނުވެ އުޅުން މިހާރު މިވަނީ ހުތުރު ކަމަކަށް ވެފަދޯ؟
ރަދީފް އެންޑް ރަފައިދާ
28 December 2016
ދަރަނިވެރިވުމަކީ ފައިދާއެއްކަމަށް މީހަކު ބުނި ފުރަތަމަ ފަހަރުކަންނޭގެ މީ. ދެން ދުވަސްކޮޅަކަުން ޑްރަގުބޭނުންކުރުމަކީ ސިއްހަތައް ނުހަނު ގިނަގުނަ ވަފައިދާ ވާކަމެއްކަމަށްވެސް ވެގެންދިއުން ވަރަށް ގާތް.
އެގްޒިސްޓެޑް
28 December 2016
ސަރުކާރުން އެވިދާޅު ވަނީ ހަމަ ރަނގަޅަށެވެ. ބޭރަށް ބޮންޑް ވިއްކުމުން ދިވެހި ވިޔަފާރި ތަކަށް ކުރާނީ ފައިދާ އެވެ. ސަބަބަކީ އެމްއެމްއޭ ގެ ޑޮލަރ ބާސްކެޓް ގައި ޑޮލަރު އިތުރުވެ ޑޮލަރެއް 14 ރުފިޔާ އަށް ވެސް ދަށް ކުރެވިދާނެ ކަމަށް މަމެންނަށް ފެންނާތީއެވެ. ބޮންޑް އިންޓަރނޭޝަނަލް މާރކެޓް ގައި ވިއްކުމަކީ އެއީ ފައިނޭންޝަލް އިންސްޓްރުމެންޓްސް ތަކުގެ ތެރޭގައި އޮންނަ ކަމެކެވެ. އެއީ ކުރަން ޖެހޭނެ ކަމެކެވެ.
ޖޭމްސް
28 December 2016
ޖޭމްސް ބޮންޑު ވިއްކަންވީނު ދޯ. މާ ބޮޑަށް ފައިދާވާނެ..
ޙެހެހެ
28 December 2016
ޜައީސް މީހާ އެކަނިޔޯ ރާއްޖޭގައި އިކޮނޮމިކްސް ކިޔަވާފައި ހުރީ. ޙެހެހެހެ