އެމްބެސެޑާ އެޓް ލާޖް ޣަފޫރު: އެމެރިކާގައި ހުންނަވާ ދިވެހި ސަފީރަކަށް އޭނާ އައްޔަން ކުރައްވަން ރައީސް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި.---ފައިލް ފޮޓޯ: މިހާރު
13 ޖޫން 2022 - 10:35
އެމެރިކާގައި ހުންނަވާ ދިވެހި ސަފީރު ތިލްމީޒާ ހުސައިންގެ ބަދަލުގައި، އެ މަގާމަށް ކުރީގެ ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދު އައްޔަން ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފޮނުއްވައިފި އެވެ.
ރާއްޖޭގެ ހާރިޖިއްޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވަމުން ގެންދަވާ ޣަފޫރު ފޮރިން ސެކްރެޓަރީ ކަމުން ބަދަލުކުރައްވައި މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ.
ފޮރިން ސެކްރެޓަރީކަމުގެ މަގާމު މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަދާކުރައްވަނީ ޖަރުމަނުގައި އެންމެ ފަހުން ހުންނެވި ދިވެހި ސަފީރު އަހުމަދު ލަތީފް (ސީވީޑް ލަތީފް) އެވެ.
ތިލްމީޒާއަކީ މި ސަރުކާރުން އެމެރިކާގެ ސަފީރު ކަމަށް އައްޔަން ކުރެއްވި ފުރަތަމަ ބޭފުޅާ އެވެ.
ޣަފޫރު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެމެރިކާގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވައިފަ އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމު ވެސް ޣަފޫރު ފުރުއްވި އެވެ.
ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު ހަސަން ސޯބިރު، ކޮރެއާގެ ނޮން ރެޒިޑެންޝަލް ސަފީރަކަށް، ބެލްޖިއަމަށާއި އީޔޫގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގް ނެދަލެންޑްސްގެ ނޮން ރެޒިޑެންޝަލް ސަފީރަކަށް ހަމަޖައްސަން ވެސް ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވި އެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ނަންތަކަށް ރުހުން ދިނުމާ ގުޅޭ ކަންކަން ނިންމަން ހާރިޖީ ކޮމިޓީ އަށް ފޮނުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިކަމެތި ރާއްޖެތެރޭ ކުއްޖެއް
13 June 2022
އަހަރެންމީ އައި އާރް އިން ޕީއެޗްޑީ ނަގައިގެން ހުރި ރާއްޖެތެރޭ މީހެއް. ތިކަހަލަ ވަޒީފާއެއް ވަރަށް ބޭނުން ، އެމްޑީޕީ ނުވަތަ ނުފޫޒު ގަދަ މީހަކަށް ނުވަތަ ބޭފުޅު ޢާއިލާމީހަކަށް ނުވީމަ ތިޔަތަނުގަ ތިބި މީހުންނޫން އެހެންބަޔަކު ކިޔަވައިގެންތިބި ކަމަށްވެސް ނުބަލާ. ތިޔަމިނިސްޓަރީގެ ޖޮބަކަށް އެޕްލައި ކުރީމް އޯވަކޮލިފައިޑް ކިޔާފަ ނޮހޮވޭ!
ރޯޔަލް ސަފީރުން
13 June 2022
ރޯޔަލް ގޭގޭގެ ބޭފުޅުން. ކޮންމެ ވެރިކަމެއް އަޔަސް ރޯޔަލް ސަފީރުން ހަމަ ކުޅި ސަމާނަ ކުރަން ޔޫރަޕް އެމްބަސީތައް ހުންނަން ޖެހޭ