ކުޅިވަރު / ބޮޑީ ބިލްޑިން

ނުރަނގަޅު އާދަތައް ހަށިގަނޑާ ދުރުކޮށް ހިމްޔާން ދެއްކީ ގަދަ ހިތްވަރެއް

ހިމްޔާން: އޭޝިއަން ޗެމްޕިއަންޝިޕްގައި ކާމިޔާބު ހޯދަން އޭނާ ވަނީ ގިނަ އާދަތަކެއް ދޫކޮށްލާފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕުގައި އިއްޔެ ހާސިލުކުރި ރަން ކާމިޔާބާ ހަމަ އަށް ދިއުމަށް ހުސައިން ހިމްޔާން ބޮޑު ގުރުބާނީއެއް ވި އެވެ.

އެ ވާހަކަ ފަށާނީ މި ހިސާބުންނެވެ.

ރިސެޕްޝަނިސްޓެއްގެ ވަޒީފާ އިން ފެށިގެން އެކިއެކި ޑެސްކް ޖޮބްތަކަށް ބަދަލުވުމުގައި އަހަރުތަކެއް އޭނާ ހޭދަ ކުރި އެވެ. ގާތްގަނޑަކަށް އަށް އަހަރު ތެރޭ ތަފާތު ފަސް ވަޒީފާއެއްގައި އޭނާ މަސައްކަތް ކުރި އެވެ. މުޅިން ވެސް ޑެސްކް ޖޮބްތަކެވެ.

"އެކަހަލަ ޖޮބްތަކުގައި އުޅުނު އިރު ވެސް އެނގޭ ޑެސްކް ޖޮބްތަކަކީ އަޅުގަނޑަށް ވަރަށް ފޫހި ޖޮބްތަކެއްކަން،" ހިމްޔާންގެ ވާހަކަ ފެށި އެވެ.

"ދެން ހިތައް އެރި އަޅުގަނޑު ވަކި ކީއްހޭ ކުރާނީ؟ އެގޮތަށް ވިސްނަން ފެށީމަ ހިތައް އަރަނީ އަޅުގަނޑަކީ ފިޓްނަސް އަށް ކޮންމެ ވެސް ވަރަކަށް ޝައުގު ހުންނަ މީހެކޭ. ފިޓްނަސްގެ ކަންކަން ދަސް ކުރަން ވެއްޖެޔޭ. އެގޮތަށް ވިސްނައިގެން ފެށި މަސައްކަތުން ހަތަރު މަސް ދުވަހުގެ ފިޓްނަސް ކޯހެއްގައި މެލޭޝިއާ އަށް ދާން ފުރުސަތު ހޯދީ."

މެލޭޝިއާގެ ފިޒިކަލް އެޑިއުކޭޝަން އިންސްޓިޓިއުޓުން ލިބުނު ފުރުސަތުގައި ހިމްޔާން މެލޭޝިއާ އަށް ދިޔައީ ކޮންމެހެން ބޮޑީ ބިލްޑިންގެ ތެރެއަށް ނުކުންނާކަށް ނޫނެވެ. އޭނާގެ ބޭނުމަކަށްވީ ފިޓްނަސް ޓްރޭނަރަކަށް ވުމެވެ. އަދި އޭގެ ކުރިން އޭނާގެ ކޮނޑަށް ލިބިފައި ހުރި އަނިޔާ އަކާ ގުޅިގެން މެލޭޝިއާގެ ހުރެ ފަރުވާ ވެސް ފެށި އެވެ.

ރާއްޖޭގައި ކުރިއަށްދާ އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގެ އެތުލެޓީކް ފިޒީކް 175 ކެޓަގަރީން ރަން މެޑަލް ހޯދި ރާއްޖޭގެ ހުސައިން ހިމްޔާން ވާދަކުރަނީ، މިއަދަކީ ރާއްޖޭގެ އެތުލީޓުންނަށް ވެސް ކާމިޔާބު ދުވަހެއް. -- ފޮޓޯ: ނިޝާން އަލީ/މިހާރު

"މެލޭޝިއާއިން ދިމާވި ބޮޑީ ބިލްޑް ކުރާ މީހެއް. އޭނަ ބުނީ (އަނިޔާ) ރިކަވަރީ އަށް އަންނާށޭ ތިމަންނަ ކައިރިއަށް. އޭނާ ކައިރިއަށް ޓްރޭނިން އަށް ދާން ފެށީމަ ފިޒިކަލީ ވެސް އަޅުގަނޑަށް ބަދަލު އަންނަން ފެށި،" އެކްސްޓްރީމް ޖިމްގެ އެންމެ އިސް ފިޓްނަސް ޓްރޭނަރު ބުންޏެވެ.

އެނބުރި ރާއްޖެ އައިއިރު އޭނާގެ ހަށިގަނޑަށް އައިސްފައި ހުރި ބަދަލު ގިނަ ބަޔަކަށް ފާހަގަ ކުރެވުނެވެ. މާލެ އައިސް ޖިމްގައި ޓްރޭނިން ހަދަން ފެށުމުން ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ އޮފިޝަލުންނަށް ވެސް ހިމްޔާން ފެނި މިސްޓަ މޯލްޑިވްސްގައި ބައިވެރިވާން އޭނާ އަށް ދައުވަތު ދިނެވެ. ފިޓްނަސް ޓްރޭނަރެއްގެ ގޮތުގައި މަސައްކަތް ކުރިއަސް ބޮޑީ ބިލްޑިން އެތުލީޓެއްގެ ގޮތުގައި އޭނާ ހޭދަ ކުރީ އެންމެ އަހަރެކެވެ.

އެންމެ ފުރަތަމަ ބޮޑީ ބިލްޑިން މުބާރާތެއްގައި ބައިވެރިވީ މިދިޔަ އަހަރު ބޭއްވި މިސްޓަ މޯލްޑިވްސް މުބާރާތުގަ އެވެ. އެއީ ގައުމީ ޓީމުގެ މިހާރުގެ އެސިސްޓެންޓް ކޯޗު އަބްދުލް ހަސީބް ދިން ދައުވަތަކަށެވެ. އެކަމަކު އެ ދައުވަތު ގަބޫލުކުރަން ޖެހިލުންވި ކަމަށް ހިމްޔާން ބުންޏެވެ. އޭނާގެ ހަށިގަނޑުން ވަކިކޮށް ދުރުކޮށްލަން ޖެހޭ ނުރަނގަޅު އާދަތައް އޭނާ އަށް ދޫކޮށް ނުލެވިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

"އަޅުގަނޑަކީ ވަރަށް ސޯޝަލައިޒްކޮށް އުޅެން ބޭނުން ވާ މީހެއް. ރަށްޓެހިންނާއެކު ތަންތަނަށް ކާން ދިއުމާއި އަދި ކާން ބޭނުންވާ މީރު އެއްޗިހި އިންޑަޕެންޑެންޓްލީ ކާން ބޭނުންވާ މީހެއް. އަދި ވަކިން ހާއްސަކޮށް ފޮނި އެއްޗިހި ގިނައިން ކާ ހިތްވާ މީހެއް،" ހިމްޔާން، 30، ކިޔައިދިނެވެ.

"ހިތައް އެރި އަޅުގަނޑަކަށް އެކަންކަން ހުއްޓައެއް ނުލެވޭނެޔޭ. އެކަމެއް ނުވާނެޔޭ. އަނެއްކާ އާއިލާ މީހުން ހިތައް އަރާފާނެ އެއްޗަކާ މެދު ވެސް ވިސްނާލަން ޖެހުނު. އެ ހުރިހާ ކަންކަމެއް ބޮލުގެ ތެރޭގައި އެނބުރެމުން ދިޔަ."

ހިމްޔާން ރަންމެޑަލް ހޯދުމަށް ފަހު، ދިވެހި ދިދަ އުފުލާލައިގެން، އޭނާގެ އެންމެ ބޮޑު ސަޕޯޓަރަކީ މަންމަ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ބޮޑީ ބިލްޑް ނުކުރިއަސް ފިޓްނަސްގެ ދާއިރާ ވެފައި އޮތީ އޭނާގެ ދެވަނަ އާއިލާއެއްގެ ގޮތުގަ އެވެ. އެހެންވެ އެސޯސިއޭޝަނުން ދިން ދައުވަތު ބޮލާލާ ޖެހޭކަށް ވެސް ނެތެވެ. މިސްޓަ މޯލްޑިވްސް މުބާރާތަށް ހަތަރު މަހަށް ވެފައި ވަނިކޮށް އޭނާ ވެސް ތައްޔާރުވާން ފެށި އެވެ. މުބާރާތް ބާއްވާނެ ތާރީހު ކަނޑައެޅުމަށް ފަހު ތައްޔާރުވާން ދިނީ ވެސް ހަތަރު މަހެވެ. އެހެން އެތުލީޓުންނަށް ވުރެ ހިމްޔާނަށް އޮތީ އުނދަގޫ މަގެކެވެ.

އޭނާގެ ގައިގައި ހަރުލާފައި ހުރި ކެއުމާއި ނިދުމުގެ ނުރަނގަޅު ވައްޓަފާޅި އެންމެ ފުރަތަމަ ކަމަކަށް ވެސް ދޫކޮށްލަން ޖެހެ އެވެ. އޭނާ ބުނި ގޮތުގައި އެކަންވީ އޭނާ އަށް ވަރަށް އުނދަގޫ ކަމަކަށެވެ.

"ގައިން ބައެއް ދިޔަ ކަހަލަ. އެކަމަކު އެ ހުރިހާ ކަމެއް އަޅުގަނޑު ހުއްޓާލީ ކުއްލިއަކަށް. ވަރަށް ވަރަށް އުނދަގޫ ކަމަކަށް އެކަންވީ. އަބަދުހެން ކަމުން ދިޔަ އެންމެ މީރު އެއްޗހި ކުއްލިއަކަށް ހުއްޓާލަން ޖެހުނީމަ ބަލާ ވާނެ އުނދަގޫ،" މިދިޔަ އަހަރު ބޭއްވި މިސްޓަ މޯލްޑިވްސް މުބާރާތުގެ ބޮޑީ ބިލްޑިން ކެޓަގަރީން ދެވަނަ ހޯދި އެތުލީޓް ބުންޏެވެ.

"އެކަމަކު އެކަންކަން ހުއްޓާލައިގެން ކޮންމެ ހަފުތާއަކު މެޝާ ކޮށްލާއިރު ހަށިގަނޑަށް އަންނަ ބަދަލުތައް ފެނުނީމަ ޝައުގުވެރިކަން އިތުރު ވާން ފެށީ. ފުރަތަމަ މުބާރާތުން ވެސް ދެވަނަ ލިބުނީމަ ހިތައް އެރި މީ ކުރެވުނީ ވަރަށް ރަނގަޅު ކަމެކޭ. އޭރު އެ އާދަތައް ދޫކޮށްލެވުނީމަ މިހާރު ހިތްހަމަޖެހުން ވެސް ލިބޭ."

ރާއްޖޭގެ ހިމްޔާން ރަން މެޑަލް ކަރުގައި އަޅުވައިލައިގެން: އޭނާ ރަން މެޑަލް ހޯދީ އެތުލެޓިކް ފިޒިކް 175 ސީއެމް ކެޓަގަރީން. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ފުރަތަމަ ފަހަރަށް ގައުމީ ސްކޮޑްގައި ހިމެނި މިދިޔަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ހިމްޔާނަށް އޭގެ ފަހުން ކުރިމަތިވީ އަދި މާ ބޮޑު ގެންޖެހުމެކެވެ. އޭނާގެ ބުނި ގޮތުގައި ޓްރޭނިން ހެދުމުގެ ތެރޭގައި ބުރަކައްޓަށް ލިބުނު އަނިޔާއެއްގައި މައިބަދައިގެ ޑިސްކް މައްސަލަ ޖެހި ނާރު ފިތޭ ގޮތްވާން ފެށި އެވެ.

"ތިން މަސް ދުވަހު އެއްވެސް ޓްރޭނިންއެއް ނެތި ހުންނަން ޖެހުނު. އެ އަނިޔާއިން މުޅިން އަރައި ގަނެވުނީ މި މުބާރާތަށް [އޭޝިއަން ޗެމްޕިއަންޝިޕަށް] ތިން މަހަށް ވެފައި ވަނިކޮށް،" އޭނާ ބުންޏެވެ.

"މިދިޔަ ތިން މަހަކީ އާދަޔާ ހިލާފް ތިން މަސް. މޭޖާ އިންޖަރީ އަކަށް ފަހު އެނބުރި އައިސް ވަރަށް ބޮޑު ސެކްރިފައިޒެއް ވާން ޖެހުނު. މިހެން ބުންޏަސް އިމޭޖިން ކުރަން ވެސް ނޭނގޭނެ. އެހާ ބޮޑު މަސައްކަތެއް މި ނިންމާލެވުނީ."

ގައުމީ ޓީމުގެ ކޯޗުން ދިން "އެކްސްޓްރީމް ޑައިޓް" ނަގައިގެން މުބާރާތައް ތައްޔާރުވާން ޖެހުނެވެ. ރޯ ބިސް ބޯން ޖެހުމަކީ އެއްވެސް މީހަކަ ފަސޭހަ ކަމަކަށް ނުވާނެ އެވެ. މިއީ އެ ޑައިޓްގެ އެންމެ ކުޑަ މިންވަރެވެ. އެކަމަކު ހިމްޔާން އާއި ގައުމީ ޓީމުގެ އެހެން އެތުލީޓުން އެ ޑައިޓް ވެސް ނެގި އެވެ. ހިމްޔާން ކަހަލަ އެތުލީޓެއްގެ ގޮތުގައި ތަޖުރިބާ މަދު މީހަކަށް މިއީ ކުރަން އެހާ ފަރިތަވެފައިވާ ކަމެއް ނޫނެވެ.

ރާއްޖޭގެ އެތުލީޓް އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގައި ޕާފޯމް ކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑު ބޭންވީ ރާއްޖޭގެ ކޯޗިން ޓީމުން އަޅުގަނޑާ މެދު ކުރި އުންމީދު ދަމަހައްޓަން. މިދިޔަ ތިން މަސް ތެރޭ މުޅި ޕްރޮގްރާމްފޮލޯ ކުރީ އެގޮތަށް،" އޭނާ ބުންޏެވެ.

އިއްޔެ އެތުލެޓީކް ފިޒީކް 175 ކެޓަގަރީން ހޯދި ރަން މެޑަލް އާ ހަމައަށް ދިއުމަށް އޭނާގެ ގުރުބާނީގައި އަދި މާވަރުގަދަ ސަޕޯޓަރެއް ފަހަތުގައި އެބަހުއްޓެވެ. އޭނާގެ މަންމަ އެވެ. އާއިލާގެ އެހެން މީހުންނާ ވަކިން ހިމްޔާނަށް ކައްކަމުން އޭނާ މި މުބާރާތަށް ތައްޔާރުކޮށް ދިނުމުގައި މަންމަގެ މަސައްކަތް ފުވައްމުލަކަށް ނިސްބަތްވާ ހިމްޔާން ފާހަގަ ކުރެ އެވެ.

"ދެން މިހާހިސާބުން މި ނިމުނީކީ ނޫން. މިހާރު ދެން ތައްޔާރު ވާނީ ވޯލްޑް ޗެމްޕިއަންޝިޕަށް،" އެ މުބާރާތުން ވެސް ރަން މެޑަލް އަށް އުންމީދުކޮށްގެން ހުރި ހިމްޔާން ބުންޏެވެ.

5 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިންގް އިލްހާމް

21 July 2022

ޒުވާނުން ގަޢުމު ބިނާކުރުމުގައި އިސްނަގައިފި ގިނަ ޒުވާނުން ނަކީ މުޖުތަމަޢު އިސްލާޙްކުރުމަށް ނުހަނު ބުރަ މަސައްކަތްކުރާ ބައެއް ކުށުގެ ވެށިގައި އުޅޭ ޒުވާނުންނަކީ ވެސް ޤަޢުމަށް މުހިންމު އިލްމީ ޒުވާނުން މުޖުތަމަޢުއަށް އެ ޒުވާނުން ގެނައުމަށް ބޭނުން ވަނީ ލޭބަލް ނުކޮށް ފަރުދުންގެ އަޅާލުމާޢި އޯގާތެރިކަން އެއްވެސް ފަރުދަކީ ބާކީކޮށްލެވޭނެ ފަރުދެއްނޫން

The name is already taken The name is available. Register?

3ޑީ ފްރެންޑް

20 July 2022

ހިމްބެ އަކީ ކުރާ ކޮންމެ ކަމެއްގަ ވެސް ތަފާތު ދައްކާ ބޯއީ އެކޭ.. އެހާ ހިތްހެޔޮ ވެސް ވާނެ.. އިތުރު ކާމިޔާބީ އަށް އެދެން...

The name is already taken The name is available. Register?

ހާޑީ

20 July 2022

މަންމަގެ މިންނެތް މަސައްކަތާއެކު ލިބޭ ކާމިޔާބަށްވުރެ ވަކި ކޮން ފޮނި ކާމިއާބެއް... ސޯ ބިހައިންޑް އެވްރީ ސަކްސަސްފުލް މޭން، ސަމްޓައިމް ދެއާރ އިޒް އަ ވްމޭން ކޯލްޑް މަދާރ ޓޫ!

The name is already taken The name is available. Register?

ހިމްޔާން ފޭން

20 July 2022

ހިމްޔާން، އީޒިލީ ދަ ސްމާރޓެސްޓް ބޮޑީބިލްޑާ އިން ދަ ހިސްޓްރީ އޮފް މޯލްޑިވްސް.

The name is already taken The name is available. Register?

10އީ ބަޑީ

20 July 2022

ހިމްބެ އަކީ ގަދަ މީހެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454