ކުޅިވަރު / ދެވަނަ ޑިވިޝަން ފުޓްބޯޅަ

ދެވަނަ ޑިވިޝަން: ކުޑަހެންވޭރު ޔުނައިޓެޑުން ކެޕިޓަލް ސިޓީ ކޮޅަށް 11 ލަނޑު ޖަހައިފި

ކުޑަހެންވޭރު ޔުނައިޓެޑުން ރޭގެ މެޗުގައި ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

މިއަހަރުގެ ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ގުރޫޕް އޭގައި ހިމެނޭ ކުޑަހެންވޭރު ޔުނައިޓެޑުން، ކެޕިޓަލް ސިޓީ ސްޕޯޓްސްއާ ވާދަކޮށް 11-0 އިން މޮޅު ވެއްޖެ އެވެ.

މި ގުރޫޕުގައި ޕޮއިންޓެއް ނުހޯދި އޮތް ހަމައެކަނި ޓީމަކީ މިއަހަރު އަލަށް ދެވަނަ ޑިވިޝަނުގައި ވާދަކުރާ ކެޕިޓަލް ސިޓީ އެވެ. އެޓީމު ފުރަތަމަ ކުޅެން އޮތް މެޗަށް، ޓީމުގެ އޮފިޝަލުން ހާޒިރު ނުވެގެން އިދިކޮޅުން ތައްޔާރަށް ތިބި ދިވެހި ސިފައިންގެ ޓީމަށް މެޗު ލިބުނެވެ. އަދި ފަހުން ބިސްބުރު ސްޕޯޓްސް އާއި ބުރު ސްޕޯޓްސް ކުލަބާ ކުޅެ ވެސް ވަނީ ބަލި ވެފަ އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑްގެ ލިތޯފް އަހުމަދު ފިރާގު ވަނީ ތިން ގޯލު ޖަހައި ހެޓްރިކް ހަދައިފަ އެވެ. އަދި ބިދޭސީ ކުޅުންތެރިޔާ ސާދު އަލީ އާއި އަހުމަދު އަޖްމަލް ދެ ލަނޑު ޖެހި އިރު، އަކްމަލް މުހައްމަދު (އަކޫބެ)، ޝާފިއު ރަޝީދު، މިސްރު ފޯވާޑް އިސްލާމް ފެކްރީ ގަބާލާ އަދި އަހުމަދު ރައްޔާން، މިއިން ކޮންމެ ކޮޅުންތެރިއަކު ވަނީ ގޯލެއް ޖަހައިފަ އެވެ.

ކުޑަހެންވޭރު ޔުނައިޓެޑުގެ ލިތޯފް ބޯޅައާ އެކު. އޭނާ ވަނީ ރޭގެ މެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފައި.-- ފޮޓޯ: އެފްއޭއެމް

މެޗުގެ ފުރަތަމަ ހާފު ކެޕިޓަލް ސިޓީ އިން ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 27 ވަނަ މިނިޓާއި 31 ވަނަ މިނިޓުގައި، ލިތޯފް އަދި ސާދު އަލީގެ ދެ ލަނޑުން ކުޑަހެންވޭރުން ލީޑު ނަގާފައި ވަނިކޮށް، ކެޕިޓަލް ސިޓީގެ އިސްމާއިލް މަމްދޫހަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އެއަށް ފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން، 42 ވަނަ މިނިޓުގައި އަކޫބެ، ކުޑަހެންވޭރަށް ތިންވަނަ ލަނޑެއް ޖަހައިދިނެވެ.

ދެވަނަ ހާފުގައި ދިހަ ކުޅުންތެރިންނާ ދެކޮޅަށް ކުޑަހެންވޭރު ޔުނައިޓެޑުން ވަނީ އަށް ގޯލު ޖަހައިފަ އެވެ. މި ހާފް ފެށިގެން މާ ގިނައިރެއް ނުވެ، މެޗުގެ 49 ވަނަ މިނިޓުގައި ލިތޯފް އޭނާގެ ދެވަނަ ލަނޑު ޖެހިއިރު، ސާދު އަލީ އޭނާގެ ދެވަނަ ލަނޑު ޖެހީ 54 ވަނަ މިނިޓުގަ އެވެ.

ކެޕިޓަލް ސިޓީ އިން މެޗުގެ ފުރަތަމަ ބަދަލު ގެނައީ ވެސް ކުޑަހެންވޭރު ޔުނައިޓެޑުން ފަސް ގޯލު ޖަހައިފައި ވަނިކޮށެވެ. ނަމަވެސް ކުޑަހެންވޭރު ޔުނައިޓެޑްގެ އެޓޭކްތައް ހުއްޓުވުމުގައި ކެޕިޓަލް ސިޓީ އަށް ކާމިޔާބެއް ނުވި އެވެ.

ކުޑަހެންވޭރު ޓީމުގެ އަޖްމަލް އަތުން ބޯޅަ ހޯދަން ކެޕިޓަލް ސިޓީގެ ކުޅުންތެރިއެއް މަސައްކަތް ކުރަނީ.-- ފޮޓޯ: އެފްއޭއެމް

ކުޑަހެންވޭރުގެ ހަވަނަ ލަނޑު 66 ވަނަ މިނިޓުގައި ޝާފިއު ރަޝީދު ކާމިޔާބު ކޮށްދިން އިރު، ހަތްވަނަ ލަނޑު ޖެހީ މިސްރު ފޯވާޑް އިސްލާމް ފެކްރީ އެވެ. އަދި ފަހު 10 މިނިޓުތެރޭ ފަހު ހަތަރު ލަނޑު ފެނުނީ ގާތްގާތުގަ އެވެ. އަހުމަދު ރައްޔާން 83 ވަނަ މިނިޓުގައި ޓީމުގެ އަށްވަނަ ލަނޑު ޖަހައިދިން އިރު، 85 ވަނަ މިނިޓުގައި އަޖްމަލް ވަނީ މެޗުގައި ޓީމުގެ ނުވަވަނަ ލަނޑު ޖަހައިފަ އެވެ. އަދި ޖެހިގެން އައި މިނިޓުގައި ޓީމުގެ 10 ވަނަ ލަނޑާ އެކު ލިތޯފް އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އެވެ.

ކުޑަހެންވޭރު ޔުނައިޓެޑްގެ 11 ވަނަ ލަނޑު، ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ޖެހީ އަޖުމަލް އެވެ.

އެންމެ ގިނަ ލަނޑެއް ނޫން، ނަމަވެސް ރޭގެ މެޗު ހާއްސަ

ކުޑަހެންވޭރު ޔުނައިޓެޑް ދެވަނަ ޑިވިޝަނުގައި ވާދަކުރަން ފެށީ، 2016 ވަނަ އަހަރުގެ ތިންވަނަ ޑިވިޝަނުގެ ސެމީ ފައިނަލަށް ދަތުރު ކޮށްގެން، 2017 ވަނަ އަހަރުން ފެށިގެންނެވެ.

ދެވަނަ ޑިވިޝަނުގެ ފުރަތަމަ މެޗުގައި އެޓީމު ކުޅެން ޖެހުނީ ސްޕޯޓްސް ކުލަބް މެކާނޯ އާއެވެ. އެ މެޗުގައި ކުޑަހެންވޭރުން 12 ލަނޑު ޖެހި ނަމަވެސް، މެކާނޯ އިން އެއް ލަނޑު ޖެހުމުން ނިންމާލީ، ފައިދާ 11 ގޯލާ އެކު އެވެ. ރޭގެ މެޗުގެ ނަތީޖާ ހާއްސަ ވަނީ ބައިކޮޅަށް ގޯލެއް ނުވަދެ، ކްލީންޝީޓަކާ އެކު ނިންމާލެވުމުންނެވެ. ކުޑަހެންވޭރު ޔުނައިޓެޑްގެ ގޯލު ރޭގެ މެޗުގައި ބެލެހެއްޓީ އިސްމާއިލް އަލީ އެވެ.

ކެޕިޓަލް ސިޓީއާ ދެކޮޅަށް ކުޅުނު ކުޑަހެންވޭރު ޔުނައިޓެޑްގެ ފުރތަމަ 11.-- ފޮޓޯ: އެފްއޭއެމް

އެ އަހަރުގެ ދެވަނަ ޑިވިޝަން ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑާއި ކްލަބް ޒެފްރޯލް ކުޅެ، ކާމިޔާބު ކުރީ ޒެފްރޯލް އެވެ. ފައިނަލުގައި ކުޅެގެން އަންނަ ސީޒަނުގެ މާލޭ ލީގު ކޮލިފައިން އިން ޖާގަ ލިބުނު ނަމަވެސް، މާލީ ދަތިތަކާ ހުރެ ދެ ޓީމުވެސް ކޮލިފައިންގައި ވާދައެއް ނުކުރެ އެވެ.

އެއަހަރު؛ 2017 ގެ، މިނިވަން ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ދަތުރުކުރި ހަތަރު ޓީމަށް، އެއަހަރުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ދޭން އެފްއޭއެމް އިން ނިންމުމުން، ދެވަނަ ޑިވިޝަނުގެ ޓީމުތަކަށް އޮތީ މާލޭ ލީގު ޕްރޮމޯޝަނެވެ. ދިހަ އަހަރަށް ފަހު މާލޭ ލީގު ފަށައި، ޕްރިމިއާ ލީގުން ދެން ޖާގަ ދިނީ މާލޭ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.

މާލޭ ލީގު ކޮލިފައިން ހަމަޖެހުނީ، މާލޭ ލީގު ފުލަށްދާ ހަތަރު ޓީމާއި، ދެވަނަ ޑިވިޝަނުގެ ފައިނަލް ކުޅޭ ދެ ޓީމާ އެކު ޖުލްމަ ހަ ޓީމު ލީގު އުސޫލުން ކޮލިފައިން ކުޅެ، އެންމެ ރަނގަޅު ހަތަރު ޓީމަށް މާލޭ ލީގުން ޖާގަ ދޭގޮތަށެވެ. ނަމަވެސް ޒެފްރޯލް އާއި ކުޑަހެންވޭރު ޔުނައިޓެޑް ކޮލިފައިންގައި ވާދަ ނުކުރާތީ، ކްލަބް އީގަލްސް އާއި ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ޔުނައިޓެޑް ވިކްޓަރީ އަދި ކްލަބް ވެލެންސިއާ އަށް މެޗެއް ކުޅެން ނުޖެހި ސަލާމަތް ވެވުނެވެ.

ދެވަނަ ޑިވިޝަނުގެ ފުރަތަމަ ސީޒަނަށް ފަހު، ދެން ބޭއްވި 2018 އަދި 2020 ވަނަ އަހަރުގެ މުބާރާތުގައި ވެސް ކުޑަހެންވޭރު ޔުނައިޓެޑަށް ގުރޫޕް ސްޓޭޖް ފަހަނައަޅައި ނުދެވެ އެވެ. އެހެން އަހަރުތަކާ ހިލާފަށް ގިނަ ޓީމުތަކަކާ އެކު މިއަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖްގައި ކުޑަހެންވޭރަށް އަދި ބާކީ ތިން މެޗު އެބަ އޮތެވެ. އެއީ ދެވަނަ ޑިވިޝަނުގައި ތަޖުރިބާ ގިނަ، ސިފައިންގެ ކުލަބާއި ޖޭޖޭ ސްޕޯޓްސް ކުލަބާއި، މިއަހަރު އަލަށް ވާދަކުރާ ބިސްބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

ކުޑަހެންވޭރު ޔުނައިޓެޑަށް ރޭގެ މެޗުގައި ހެޓްރިކް ހެދި ލިތޯފް، ބޮލުން ގޯލެއް ޖަހަނީ.-- ފޮޓޯ: އެފްއޭއެމް

ސިފައިންނާއި ޖޭޖޭ އަދި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅު ވެވުނީ އެންމެ މެޗަކުންނެވެ. ބާކީ ދެ މެޗުން ވަނީ ބަލި ވެފަ އެވެ. މިދިޔަ އަހަރުގެ ފައިނަލް ކުޅުނު ބިސްބުރު ސްޕޯޓްސް މިވަގުތު އޮތީ، ހަތަރު މެޗު ކުޅެ، ދެ މެޗު ކާމިޔާބު ކޮށްގެން ހޯދި ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އަދި ތިންވަނައިގައި އޮތް ޓެންޓް ސްޕޯޓްސް ކުލަބަށް ވެސް ވަނީ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗް ކާމިޔާބު ކޮށްގެން ހަ ޕޮއިންޓް ލިބިފަ އެވެ.

ސެމީ ފައިނަލަށް ދަތުރުކުރާނީ، ގުރޫޕުގެ އެންމެ ރަނގަޅު ދެ ޓީމުތެރޭގައި ހިމެނިގެންނެވެ. ކުޑަހެންވޭރުން ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް އަތުން ބަލިވި ނަމަވެސް އެޓީމު ވަނީ ފަހުން ކުޅުނު ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓް ހޯދައިފަ އެވެ. އެއްވަނައިގައި އޮތީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށްފައިވާ ބުރު ސްޕޯޓްސް އެވެ.

ދެވަނަ ޑިވިޝަނުގައި މިއަދު ވެސް މި ގުރޫޕުގެ ދެ މެޗް ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ޕީކޭ އާއި ދިވެހި ސިފައިންގެ ކުލަބެވެ. އަދި މިރޭގެ މެޗުގައި ބައްދަލުކުރާނީ ޓެންޓް ސްޕޯޓްސް ކުލަބާއި ޖޭޖޭ ސްޕޯޓްސް ކުލަބެވެ. މި ދެ މެޗް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މާފަންނު ޓާފް ދަނޑުގަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454