10 އޯގަސްޓް 2022 - 15:25
ނިއު ލެގޫން ސްވިމިން ކްލަބުން މުޅިން އަލަށް 100 އަށް ވުރެ ގިނަ ކުދިން ފެތުމުގެ ތެރެއަށް ނެރެފި އެވެ.
ކޮންމެ އަހަރެއްގެ ސްކޫލްގެ ބޮޑު ޗުއްޓީއާ ދިމާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްގައި މި ފަހަރު 150 ކުދިން ތަމްރީނު ފުރިހަމަކުރި އެވެ. އޭގެ ތެރެއިން ކުޅިވަރެއްގެ ގޮތުގައި ފެތުން އިހުތިޔާރު ކުރަން ބޭނުންވާ ކުދިން ވެސް ދެނެގަނެ، އެ ކުދިންގެ ތަމްރީނުތައް މިހާރު ފަށައިފައިވާ ކަމަށް އެ ކްލަބުން ބުނެ އެވެ.
ކްލަބްގެ ޖެނެރަލް ސެކްރެޓަރީ ޝާދިޔާ ހަސަން މިއަދު ބުނީ، ކުޅިވަރެއްގެ ގޮތުގައި ފެތުން އިހުތިޔާރު ކުރަން ބޭނުންވާ 80 ކުދިން އެ ޕްރޮގްރާމްގެ ތެރެއިން ދެނެގަނެވިފައިވާ ކަމަށެވެ.
ނިއު ލެގޫންގެ ހޮލޑޭ ޕްރޮގްރާމްގައި ބައިވެރިވި ބައެއް ކުދިން ތަމްރީން ހަދަނީ
"މިހާރު އެ ކުދިން ވަނީ ކްލަބްގެ އެކަޑެމީއާ ގުޅިފައި،" މަޝްހޫރު ފުޓްބޯޅަ ކޯޗު މުހައްމަދު ނަޒީހުގެ އަންހެނުން ޝާދިޔާ ބުންޏެވެ.
ޖުލައި 1 ގައި ފެށި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ޕްރޮގްރާމް ފުރިހަމަ ކުރުމުން ކޮންމެ ކުއްޖަކަށް ވަނީ ސެޓްފިކެޓެއް ވެސް ދީފަ އެވެ. ގައުމީ ސްވިމިން ޓީމުގެ ކުރީގެ ކޯޗު އިސްމާއީލް ފަރުހާން އިސްކޮށް މަސައްކަތް ކުރާ ނިއު ލެގޫން އަކީ ރާއްޖޭގެ ސްވިމިންގައި އޮތް އެންމެ ބޮޑު ކްލަބެވެ.
ގައުމީ ފެންވަރުގެ ފެތުންތެރިން ވެސް އެ ކްލަބްގައި ތަމްރީނު ހަދަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy