ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ): އޭނާ ބުނީ ކްލަބްތަކުގައި މިހާރު އޮތް މާލީ ހާލަތަކީ ކޯޗުންނަށް މަސައްކަތް ކުރެވޭނެ ހާލަތެއް ނޫން ކަމަށް
31 އޯގަސްޓް 2022 - 10:20
ކްލަބްތައް މާލީ ގޮތުން ދަށް ހާލަތަކަށް ވެއްޓުމަކީ، ކޯޗަކަށް އޭގެ ތެރޭގައި މަސައްކަތް ކުރެވޭނެ ހާލަތެއް ނޫން ކަމަށް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އިސްމާއީލް މަހްފޫޒު (އިންމަ) ބުނެފި އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ރެލިގޭޝަންގެ ޕްލޭއޮފްގެ ފަހު މެޗުން ރޭ މޮޅުވެ، ސަސް ވަނީ އަންނަ އަހަރު ވެސް އެއްވަނަ ޑިވިޝަނުން ޖާގަ ކަށަވަރުކޮށްފަ އެވެ. މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އިންމަ ބުނީ މާލީ ގޮތުން ދަށް ހާލަތަކަށް ނުވެއްޓުނު ނަމަ ސަސް އަކީ ރެލިގޭޝަން ކުޅެން ޖެހޭނެ ކްލަބެއް ނޫން ކަމަށެވެ.
ކުޅުންތެރިންނަށް މުސާރަ ނުދެވި އެކި ދިމަދިމާ އަށް ކުޅުންތެރިން ވިއްސިވިހާލި ވެގެން ދިއުމުން ކްލަބް ވަރަށް ނިކަމެތި ހާލަތަކަށް ވެއްޓުނު ކަމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން މާޒިޔާގައި މަސައްކަތް ކުރި އިންމަ ބުންޏެވެ. އެގޮތުން ޓީމުގެ ޕްރެޓިހުގައި ބައެއް ދުވަސް ދުވަހު ފަސް ކުޅުންތެރިންނާއެކު ކުރިއަށް ގެންދަން ޖެހުނުކަން އިންމަ ފާހަގަ ކުރި އެވެ. އޭނާ އިތުރަށް ބުނިގޮތުގައި ބައެއް މެޗުތަކަށް ކުޅުންތެރިން ހަމަވަނީ މެޗު ކުޅެލެވޭ ވަރަށް އެކަންޏެވެ.
މިހާލަތު އެހެން ކްލަބްތަކަށް ވެސް ކުރިމަތިވި އެވެ.
"ކޯޗަކަށް ކުރެވޭނެ ވަރުގެ ކަންތައްތަކެއް ނޫން މިއީ. ޕްރެކްޓިހުގައި ފަސް ކުޅުންތެރިން ހަ ކުޅުންތެރިން ގޮވައިގެން ޓްރެއިން ކުރަން ޖެހޭ ހާލަތަކަށް ދިއުމަކީ ކޯޗަކަށް ކުރެވޭނެ ކަންތައްތަކެއް ނޫން،" ތަޖުރިބާކާރު ކޯޗު ބުންޏެވެ.
މިދިޔަ ދެ އަހަރު ގްރާްންޑޭގައި ވެސް މާލީ ގޮންޖެހުންތަކުގެ ތެރޭގައި ވެސް މަސައްކަތް ކުރި އިންމަ ބުނީ އެ ހާލަތުގެ ތެރެއިން ވެސް އެ ޗެލެންޖް އޭނާ ނެގީ ރާއްޖޭގެ ފުޓްބޯޅައިގެ ސަގާފަތް އޮތް ގޮތުންނާއި ފުޓްބޯޅައިގެ މިސްރާބު މިހާރު ދާ ގޮތުން ކަމަށެވެ.
"އެކަމަކު ކޯޗަކަށް ކުރެވޭ ވަރުކަމެއް ނޫން މިއީ. އަޅުގަނޑުމެން ކޯޗުންނަށް މިހެން މިކަމެއް ނުކުރެވޭނެ. އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެ ހާލަތެއް ނޫން މިއީ،" އިންމަ ބުންޏެވެ.
"އަޅުގަނޑުމެން [ކޯޗުން] ނަކީ ޓެކްނިކަލް މީހުން. އެހެންވީމަ އަޅުގަނޑުމެންނަށް ނަތީޖާތައް ލިބޭނެ ކަހަލަ މާހައުލެއް ބިނާ ކުރުމަކީ އެ ޓީމެއް ހިންގާ ފަރާތުގެ ޒިންމާއެއް."
އިންމަ ބުނީ ދިވެހި ލީގުގެ ދެ ވަނަ ބުރާއި ހަމައިން ފެށިގެން ސަސް އިން ވިސްނަމުން ދިޔައީ އެންމެ އުނދަގޫ ހާލަތަށް ކަމަށާއި ރެލިގޭޝަން ކުޅެން ޖެހޭނަމަ އެކަމަށް ތައްޔާރުވާން އޭރުން ފެށިގެން ވިސްނުން ގެންގުޅެމުން ދިޔަކަމަށް އޭނާ ބުންޏެވެ.
އެގޮތުން ސަސް އިން ތައްޔާރުވީ އެފްއޭ ކަޕުގައި ރަނގަޅު ހިސާބަކަށް ދިއުމަށް ކަމަށް އޭނާ ބުންޏެވެ.
"އެއީ ކޮންމެހެން އެފްއޭ ކަޕުގައި ވަނަ އެއް ހޯދާކަށް ނޫން. އަޅުގަނޑުމެން ތައްޔާރުވީ ރެލިގޭޝަނަށް،" އިންމަ ބުންޏެވެ.
ސަސް އިން މުޅި ސީޒަން ނިންމާލީ ބިދޭސީ އެއް ވެސް ކުޅުންތެރިޔެއްގެ އެހީ އާ ނުލަ އެވެ. އެކަމަކު އިންމަ ބުނީ ބިދޭސީ ކުޅުންތެރިން ތިބުން މުހިންމު ކަމަށެވެ.
އޭނާ އާއެކު ސަސް އިން އެއްބަސްވުން ހެދީ މި ސީޒަންގެ ނިޔަލަށެވެ. އަންނަ އަހަރު ވެސް ޓީމުގައި ދެމި ހުންނާނަންތޯ ސުވާލު ކުރުމުން އިންމަ ބުނީ މިވަގުތު އެކަމާ ބެހޭގޮތުން ވަކި ގޮތަކަށް ނުވިސްނާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުޖު
31 August 2022
ފުޓުބޯޅަ ގޭންގުތަކާ އެކު ކުރިއަރުވަން ހަދައިން މީހުން ފޫހި ވެއްޖެ. އިންމަ މެންވެސް ފުޓުބޯޅަ ދެކެ ލޯބިވަންޏާ ދައްކަންވީ އެވާހަކަ. މުޅި ސީޒަންގަަ ހަމައަށް ނޭނގެ 50 ޓިކެޓުވެސް ކެނޑޭނެ ހެނެއް.
އޮފްސައިޑް
31 August 2022
އެފެއޭއެމްގަ ތިބީި އެއްވެސް ކަމެއްވާ ބައެއްތަ؟ ގަލޮޅުދަނޑު ފީއިލޮއްޓަށް ވެފައޭ ބުނިތާ ދެއަހަރުވަނީ. ކުރިމަރާމާތެއްނެތް. އާސްޓެޑިއަމެއް ނާޅާ. ދޭތެރެ ދޭތެރެއިން ރޭގަޑު އެތަނު ބޮކިދިއްލާފައި ހުންނާތީ މީހެއްކައިރިން އަހާލީމަ ބުނީ މުބާރާތް ކުރިއަށް ދަނީއޭ. އެކަމަކު އެއީ ހުސްދަނޑެއް، ކުޅިބަލާނެ މީހެއްނެތް.
އެބަކުޅޭތަ
31 August 2022
އެފްއޭއެމްގެ ރައީސަކަށް ހުރީ ވަރަށް މޮޅުބޭފުޅެކޭ ކިއާއަޑު އިވޭ، އެބޭފުޅާ މިދައުރަށް ހޮވިވަޑައިގަތީ ވަރަށް ބޮޑެތި ޕްރޮމިސްތަކަކާއެކު، ދެމެހެއްޓެނިވި ގޮތުގައި ކުލަބު ހިންގޭނެ މޮޑެލްއެއް އިންޕްލިމެންޓްކޮށް ދިވެހި ފުޓުބޯޅައަށް އާދިރުމެއް ގެންނަން. އެހެންވީމަ އެއި ހުސްދޮގު ދޯ.
އެމްސް
31 August 2022
ދުނިޔެ އޮތީ އިޤްތިސާދީ ކާރިސާއެއްގަ! މިޤައުމު އޮތީ ދަރަނީގަ! އަދިވެސް ދިވެހިން އުޅޭތަން ފެންނަނީ ކުޅިވަރުގަ، ކޮފީގަ/ސައިކަލު ބުރުތަކުގަ، ޗުއްޓީއަށް ބޭރު ޤައުމުތަކުގަ، ހަފްލާތަށް ރޭވުމުގަ! ހުރިހާ ކަހަލަ ވަޒީފާތަކުގަ ތިބީ ބިދޭސީން! އިޤްތިސާދު ކުރުމަކީ ކޮބައިބާ؟ މަހެއްގެ މައްޗަށް އެތައްސަތޭކަ މިލިޔަން ޑޮލަރު، ހުރިހާ ބިދޭސީންގެ މުސާރައަށް އެކަނިވެސް މިޤައުމުން ބޭރުވާ ބޭރުވުން ހުއްޓުވަން ސަރުކާރުގެވެސް ޕްލޭނެއް ނެތް/ޢާއްމުންވެސް ހޭލުންތެރިއެއް ނޫން!