މިނީ ބަހަށް ބަޔަކު އަރަނީ. އިއްޔެ ބަހުގައި ދެހާހެއްހާ މީހުން ދަތުރު ކޮށްފައިވޭ--ފޮޓޯ:މިހާރު
06 ސެޕްޓެމްބަރ 2022 - 13:17
މާލޭގައި މިނީ ބަހުގެ ދަތުރުތަކުގެ ފުރަތަމަ ދުވަހު 2،200 މީހުން އެ ބަސްތަކުގައި ދަތުރުކުރި ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނިން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އިއްޔެ އެންމެ ގިނަ މީހުން ބަހުގައި ދަތުރުކުރީ އަމީނީ މަގު ރޫޓުންނެވެ. އެއީ 880 މީހުންނެވެ. ސޯޝަލް ރޫޓުން 750 މީހުން، އޯކިޑް ރޫޓުން 620 މީހުން ދަތުރުކުރި ކަމަށް އެމްޓީސީސީން ބުނެ އެވެ.
ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ފުރަތަމަ ދުވަހު ދަތުރު ކުރި މީހުންގެ އަދަދާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އޭނާގެ އުންމީދަކީ ބަހުގައި ދަތުރުކުރާ މީހުންގެ އަދަދު ކުރިމަގުގައި އިތުރުވުމެވެ.
ބަސް ދަތުރުތަކަށް ޑިމާންޑު އޮންނަ ވަރަކުން ބާރު ބޮޑުވާ ގަޑިތަކުގައި އެ ސަރަހައްދުތަކަށް ބަސްތައް އިތުރު ކުރާނެ ކަަމަށް އާޒިމް ވިދާޅުވި އެވެ.
މާލޭގައި އިއްޔެ އިން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ބަހުގެ ހިދުމަތް ދޭނީ ހިލެ އެވެ. އޭގެ ފަހުން ކޮންމެ ކޮޅަކަށް 7ރ. ނަގާނެ އެވެ.
އާރްޓީއެލްގެ 18 މިނީ ބަސް މާލޭގައި ދަތުރުކުރާނެ އެވެ. އޭގެ ތެރެއިން 8 ބަހަކީ 20 ސީޓާއެކު ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ފަސޭހައިން އަރައިފޭބޭނެ ގޮތަށް ރޭމްޕް ހުންނަ ބަސްތަކެކެވެ. ބާކީ ބަސްތަކުގައި 22 ސީޓު ހުންނާނެ އެވެ. ހުރިހާ ބަހެއްގައި ވެސް އިތުރު 10 މީހުންނަށް ކޮއްޅަށް ތިބެވޭނެހެން ހޭންޑްލް ހުރެ އެވެ.
ބަސް ދަތުރުތައް އޮންނާނީ ކޮންމެ ދުވަހެއްގެ ފަތިހު 5:45 އިން ދަންވަރު 12:15 އަށެވެ. އެ ދަތުރުތަކަށް ތިން ރޫޓެއް ކަނޑައަޅާފައިވާއިރު، 40 ބަސް ހުއްޓި ވަނީ ހަދައިފަ އެވެ. އެ އިން ކޮންމެ ސަރަހައްދަކަށް ވެސް 10 މިނިޓާއި 15 މިނިޓާ ދެމެދު ބަސް ދަތުރުކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންގުމަރުމަރު
06 September 2022
މިއުޅޭ ފޮނި، ކިބުރުވެރި ޓެކްސީތަށް އެންގުން ވާވަރު ކޮށްލާތި! ފޮނިކަމުން ނުވެސް ހުއްޓާ، ރަގަޅަށް ބަނޑަށް ޖެހޭ ވަރު ވީމަ މައިތިރިި އަރައިގެން މާލޭ ދަތުރު ކުރާނެ.... ވަރަށް ރަގަޅު ކަމެއް
ކުޗީ
06 September 2022
އެޕުން ބަސް އޮތް ހިސާބު އެނގުން ވަރަށް މުހިންމު، އަގު 2ރ. އަށް ކުޑަކުރުން ވަރަށް މުހިންމު. ބަސް ހުއްޓާ ތަންތަން ފާހަގަ ކޮއްފަކާނެތް.
ރައްޔިތުންތައް
06 September 2022
ޝުކުރިއްޔާ ރައީސް. މީ ސީދާ ރައްޔިތުން ނަށް ފަސޭހަ އިހުސާސްވާ ފަދަ ޕްރޮޖެކްޓެއް.
އެމްސް
07 September 2022
އަގު، މާ ބޮޑީ!
ގުދުގުދާބެއްޔާ
06 September 2022
ކާރު ޑްރައިވަރުން މިހާރު ތިބޭނީ ގަޔަށް ސީލެވޭ ވަރު ވެފަ!
ގުދުގުދާބެއްޔާގެ ހިޔަނި
06 September 2022
މި މިނީ ބަހެއްގެ ވާހަކަ އިވުނު ހިސާބުން މުޅިންވެސް އިވުނީ ޓެކްސީތަކަށް މަލާމަތްކޮށް ދުލަށް އައިހާ އެއްޗެއް ގޮވި އަޑު. ޓެކްސީ ޑްރައިވަރުންގެ ތެރޭގައި އެބަ އުޅޭ ހަމަ ރަގަޅު މީހުން ވެސް. އެތަށް ބައެއްގެ އާމްދަނީ ހަމަ ކުއްލިއަކަށް ހުއްޓިގެން އެދިޔައީ. ދެރަވާނެ އެކަމުގެ އަސަރުކުރާނެ މީހުން ވެސް ތިބޭނެކަން ޔަގީން. ގުދުގުދުބެއްޔާ ގަޔަށް ސީނުލާ ގޮސް ފާހަނައަށް ވަނީމަ ރަގަޅުވާނެ.
އެމްސް
07 September 2022
ޓެކްސީ ޑްރައިވަރުން ރަޢިއްޔަތުން ފެލާ ފެލުން ތަންކޮޅެއް ނަމަވެސް މަދުވީ! ރަގަނޅު ޓެކްސީ ޑްރައިވަރުން އެންމެންވެސް ބަލައިގަންނާނެ، އަދި އެއްވެސް ބަޔެއްގެ އާމްދަނީއެއްވެސް ނުހުއްޓޭނެ!
ރަންދެލި
06 September 2022
އާޒިމް ތިޔަ ކޮށްދެއްވާ ބިޔަ ބުރަ މަސައްކަތަށް ޝުކުރު ދަންނަވަން!
އެމްސް
06 September 2022
ޝުކުރު، ކޮންކަމަކަށް؟ އެތައް ލައްކައިން އާމްދަނީ ނަގާ އިރު ކޮންމެވެސް ކަމެއްވެސް ކުރަންވާނެ ނުން! އެމްޓީސީސީ އާއި އެސްޓީއޯ އަކީ އެއްވެސް ވާދަވެރި ވިޔަފާރިއެއް ކުރާ ބަޔެއް ނޫން! ދައުލަތުން ހިލޭބިން ނަގައިގެން، އެއްވެސް ބިޑަކާއިނުލާ ދައުލަތުގެ ޕްރޮޖެކްޓްސް ނަގައިގެން ތިބެ ވިޔަފާރި ހަލާކު ކުރުން ނޫން ކަމެއް ނެތް! ހުރިހާ ސުޕަރމާރޓް ތަކަށްވުރެ އެސްޓީއޯ އިން ތަކެތި ވިއްކާނީވެސް ބޮޑުކޮށް! ދެން އެމްޓީސީސީއަށް ބެއްޔަސް ވަޒީފާގަވެސް އިންތިހާއަށް ބިދޭސީން!
ނުނން
06 September 2022
ޕިންކީ ކުދިންކޮޅު މިކަމާބުނާނީ ކީކޭބާ ؟؟؟؟؟
އެމްސް
06 September 2022
ބައިބައިވުމާއި ފުރައްސާރައިން ފަސާދަވާނީ ޤައުމު! ޕިންކަސް އަދި ބުލޫ އަސް މިއީ 1 ބައެއް، 1 ޤައުމެއް!
ސަނައްޓޭ
06 September 2022
ލޮލް. އަލަށް އަދި ރައްޔިތުންނަށް ކަމެއް ކޮށްދެވުނީ. 4 އަހަރު ތެރޭ. އަހަރުމެން އެއްޗެއް ބުނާކަށް ނެތިން
އަފްރާސިޔާބު
06 September 2022
@އެމްސް. ރަނގަޅުވާހަކައެއް. ކޮންމެ ބަޔަކު ކުރިޔަސް ކުރާ ރަނގަޅުކަންކަން ބަލައިގަންނަންވާނެ. ގޯސްކަމެއް ކުރަމުންދާނަމަ އެކަން ހުއްޓުވޭތޯ ބަލަންވެސް ވާނެ. ގޯސްކަމެއްކުރާނަމަ އެކަން ގޯސްކަމަށް ބުނެ ނުވަތަ އެކަމާ ހިތްހަމަ ނުޖެހޭކަން ފާޅުކުރުމަކުން މައްސަލައެއް އޮންނާނެ ކަމަށް ނުބެލެވޭ. ވެރިން ގޯސްކަމެއް ކުރާނަމަ ރައްޔިތުން އެކަމަށް ފާޑުކިޔަންވެސް ވާނެ.