ކުޅިވަރު / އޭޝިޔާ ކަޕް ކްރިކެޓް މުބާރާތް

ޕާކިސްތާން ބަލިކޮށް ލަންކާ އިން ހަ ވަނަ ފަހަރަށް ކްރިކެޓް އޭޝިއާ ކަޕް ކާމިޔާބުކޮށްފި

ފައިނަލުގައި ޕާކިސްތާނު ބަލިކޮށް ލަންކާ އިން ހަވަނަ ފަހަރަށް އޭޝިއާ ޕަކް އުފުލާލަނީ. ލަންކާ އެންމެ ފުރަރަމަ ޗެމްޕިއަންކަން ހޯދީ ވެސް ޕާކިސްތާން ބަލިކޮށްފައި.-- ފޮޓޯ: އޭއެފްޕީ

ދުބާއީ (ސެޕްޓެމްބަރު 12) - ފައިނަލްގައި 23 ލަނޑުން ޕާކިސްތާން ބަލިކޮށް، ސްރީ ލަންކާ އިން ހަ ވަނަ ފަހަރަށް ކްރިކެޓް އޭޝިއާ ކަޕް ކާމިޔާބުކޮށްފި އެވެ.

ލަންކާ އިން އޭޝިއާގެ ޗެމްޕިއަންކަން ހޯދީ އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެ ޓީމުން އެންމެ ފުރަތަމަ އޭޝިއާގެ ޗެމްޕިއަންކަން ހޯދީ ވެސް ޕާކިސްތާނު ބަލިކޮށްފަ އެވެ. ލަންކާ ވަނީ މީގެ ކުރިން 1986، 1997، 2004، 2008 އަދި 2014 ގައި މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. އެންމެ ގިނައިން އޭޝިއާގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ހަތް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިންޑިއާ އެވެ.

ދުބާއީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ އުކާށެވެ. މި އިނިންސްގައި ލަންކާ އިން ވަނީ 20 އޯވަރުން ހަ ކުޅުންތެރިން ނުބައި ވެގެން 170 ލަނޑު ހަދައިފަ އެވެ. ލަންކާގެ ބަނޫކާ ރާޖަޕަކްސާ ވަނީ ހަވަނަ އޯވަރުގައި ކުޅެން އަރައި، 45 ބޯޅައިން ނުބައި ނުވެ 71 ލަނޑު ހަމަކޮށްފަ އެވެ.

ފުރަތަމަ އިނިންސްގައި ލަންކާއިން އެންމެ ރަނގަޅަށް ކުޅުނު ބަނޫކާ ރާޖަޕަކްސާ އޭނާގެ ހާފް ސެންޗަރީ (50 ލަނޑު) ހަމަކުރުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުން ޖަވާބުގައި ކުޅެން އަރައި 20 އޯވަރުތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަމަކުރެވުނީ 147 ލަނޑެވެ. އޯޕަނިން ބެޓްސްމަން މުހައްމަދު ރިޒްވާން 49 ބޯޅައިން 55 ލަނޑު ހެދި ނަމަވެސް، އޭނާއާ އެކު އޯޕަނިން ގައި ކުޅެން އެރި ކެޕްޓަން ބާބާ އަޒާމް އަށް ހަ ބޯޅައިން ހެދުނީ ފަސް ލަނޑެވެ.

މި އިނިންސްގައި ލަންކާއިން އެންމެ ރަނގަޅަށް އުކީ ޕްރަމޯދް މަދުޝާން އެވެ. އެޓީމުގެ ވަނިންދު ހަސަރަންގަ ޑި ސިލްވާ ތިން ވިކެޓު ނެގި އިރު، ޗަމިކަ ކަރުނަރަތުނޭ އާއި މަހީޝް ތީކްޝަނާ ވެސް ވިކެޓު ނެގި އެވެ.

ލަންކާ އިން މުބާރާތް ފެށީ، އަފްގާނިސްތާނު އަތުން ނާކާމިޔާބީއަކާ އެކުގަ އެވެ. ނަމަވެސް ބަންގްލަދޭޝް ބަލިކޮށް، ގަދަ ހަތަރު ޓީމު ވާދަކުރާ ބުރުގައި ލަންކާ އިން ވަނީ އަފްގާނިސްތާނާއި ޕާކިސްތާނުގެ އިތުރުން، މުބާރާތުގެ ފޭވަރިޓުން ކަމަށް ބެލެވުނު އިންޑިއާ ވެސް ބަލިކޮށްފަ އެވެ. މި ބުރުގައި ޕާކިސްތާނުން އިންޑިއާ އާއި އަފްގާނިސްތާނު ބަލިކުރި އިރު، އިންޑިއާ އަށް ބަލިކުރެވުނީ އަފްގާނިސްތާނު އެކަންޏެވެ.

ފައިނަލް މެޗުގެ ދެވަނަ އިނިންސްގެ ފަހު ބޯޅައިން ޕާކިސްތާނުގެ އެންމެ ފަހު ކުޅުންތެރިޔާ ނުބައިކޮށްލުމަށް ފަހު ލަންކާގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންކާގެ ކޯޗު، ކުރިން އިންގްލެންޑަށް ވެސް ކޯޗު ކޮށްދިން ކްރިސް ސިލްވާވުޑް ބުނީ، "ޓީމުގެ ހުނަރުވެރިކަމާ މެދު އަބަދުވެސް ޔަގީންކަން އޮތް" ކަމަށާއި، ނަތީޖާ ނެރެން ބޭނުންވީ ރަނގަޅު ޕްލޭނެއް ކަމަށެވެ. އަދި މި ކާމިޔާބަކީ ހުރިހާ ކުޅުންތެރިން ވެސް ޓީމެއްގެ ގޮތުގައި އެކުގައި ކުރި މަސައްކަތުގެ ނަތީޖާކަން އޭނާ ފާހަގަކުރި އެވެ.

އިންޑިއާގެ ވިރާތު ކޯލީ ފަހަތަށް ޖައްސާލުމަށް ފަހު މުބާރާތުގެ އެންމެ ގިނަ ލަނޑު ހެދީ، ޕާކިސްތާނުގެ ރިޒްވާން އެވެ. އޭނާ ވަނީ ހަ އިނިންސް އިން 281 ލަނޑު ހަދައިފަ އެވެ. ފަސް އިނިންސް އިން ކޯލީ އަށް ހެދުނީ 276 ލަނޑެވެ. އެންމެ ގިނަ ވިކެޓު ނެގީ އިންޑިއާގެ ބަވްނޭޝްވަރު ކުމާރެވެ. އޭނާ ވަނީ ފަސް އިނިންސް އިން 11 ވިކެޓު ނަގައިފަ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ދެވަނައަށް އެންމެ ގިނަ ވިކެޓު ނެގި ލަންކާގެ ހަސަރަންގަ އެވެ. އޭނާ ވަނީ ޖުމްލަ ނުވަ ވިކެޓު ނަގައިފަ އެވެ.

މިއީ 50 އޯވަރުގެ އޯޑީއައި ފޯމެޓަށް ކުޅެން ފެށި މުބާރާތް، ޓީ-20 ފޯމެޓަށް ކުރިއަށް ގެންދިޔަ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ޓީ-20 ފޯމެޓަށް މުބާރާތް ކުޅުނީ 2016 ވަނަ އަހަރެވެ. އެ އަހަރު ބަންގްލަދޭޝް ބަލިކޮށްފައި ޗެމްޕިއަންކަން ހޯދީ އިންޑިއާ އެވެ.

މިއަހަރުގެ މުބާރާތް އެންމެ ފުރަތަމަ ތާވަލް ކުރެވުނީ 2020 ވަނަ އަހަރު އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މުބާރާތް ޕާކިސްތާނުން ހޯސްޓިން ރައިޓްސް ދޫކޮށްލުމުން ދެން ނިންމީ މިދިޔަ އަހަރު ލަންކާގައި މުބާރާތް ބާއްވާށެވެ. ނަމަވެސް ކޮވިޑުގެ ދެވަނަ ރާޅާ އެކު މިއަހަރަށް މުބާރާތް ފަސްކުރަން ޖެހުނު އިރު، ޔޫއޭއީ ގައި މުބާރާޓް ބާއްވަން ނިންމީ، ލަންކާގެ އިގްތިސޯދީ ހާލަތާ ހުރެ އެ ގައުމުގައި މުބާރާތް ކުރިއަށް ގެންދެވެން ނެތުމުންނެވެ.

ލަންކާ އާއި އިންޑިއާގެ އިތުރުން، ޕާކިސްތާނުން ވަނީ ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޯޑީއައި ފޯމެޓަށް، 16 ވަނަ އޭޝިއާ ކަޕް އަންނަ އަހަރު ބާއްވަން ހަމަޖެހިފައި ވަނީ ޕާކިސްތާނުގަ އެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިޔާލީ އަލީ

12 September 2022

ގިނަ ދިވެހިން ހީކުރީ މުޅި ސްރީލަންކާ ރައްޔިތުން ނިކުމެ ގޮތަބަޔަ ގަނޑުވަރާއި އޮފިސް ތެރެއަށްވަނީ އޭ، އަދި ލަންކާ އެންމެ ތިބީ ނުކައި ނުބޮއި މުޒާހަރާގަ ކަމަށް، އެކަމަކު ހަގީގަތަކީ ލަންކާގެ މަދު ބަޔަކު އެކަމެއް ކުރި އިރު އެހެން މީހުން ކައިގެން ބޮއިގެން އިގްތިސާދުކޮށްލައިގެން އުޅުނީ، އަދި ކުޅިވަރުތަކުގައި ވެސް ގަވައިދުން ބައިވެރިވެ ވަނަތައްވެސް އައީ ހޯދަމުން

The name is already taken The name is available. Register?

ވަގާރު ޔޫނުސް

12 September 2022

ޕާކިސްތާނުގެ ބާބަރަށް މުޅި މުބާރާތުގަ ނުކުޅެވުނު ތާނގަ ކެޕްޓްންސީ ވެސް ވަރަށް ސަކަރާތް. ޑެސިޝަންސް ހަމަ ސުމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454