ކަނޑުއަޑީގެ ސާވޭކުރަން ބޭނުންކުރާ ސަބްމާސިބަލް "އޮމެގާ ސީމާސްޓާ 2" ކަނޑުއަޑިއަށް ފައިބާއިރު، ދުރުގައި އެ އުޅަނދު އުފުލާ ބޯޓު "އާރްވީ އޮޑެސީ": އެ ބޯޓު މިހާރު މަސައްކަތް ކުރަނީ އައްޑު އާއި ފުވައްމުލަކުގެ ކަނޑުގެ ސަރަހައްދުގައި -- ފޮޓޯ: ޑެނީސް | ނެކްޓަން
21 ސެޕްޓެމްބަރ 2022 - 12:53
ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާއެއް ކުރާ ބޯޓު އައްޑު އާއި ފުވައްމުލަކުގެ ބޭރުގައި ސާވޭކުރުމުގެ މަސައްކަތް މި ދުވަސްވަރު ކުރަމުން އަންނާތީ އެ ސަރަހައްދުތަކުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރު ސަމާލުވުމަށް އިއްޔެ އަންގައިފި އެވެ.
މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރްއައި) ކުރި ޓުވީޓެއްގައި ބުނީ އެ ދިރާސާގެ މަސައްކަތް ކުރާ ބޯޓު "އާރްވީ އޮޑެސީ" ކުރިއަށް އޮތް ދެ ހަފުތާގައި ވެސް އައްޑު އާއި ފުވައްމުލަކުގެ ކަނޑުގެ ސަރަހައްދުގައި ސާވޭގެ މަސައްކަތް ކުރާނެ ކަމަށެވެ.
The RV Odyssey will be active in the seas outside Addu and Fuvahmulah in the coming two weeks. Please make sure to keep a 500m distance from the vessel at all times. pic.twitter.com/IIew6UjkNz
— Maldives Marine Research Institute (@MMRI_Maldives) September 20, 2022
"އެހެންވެ، ކަނޑު އުޅަނދުފަހަރުތަކުން އެ ބޯޓާ 500 މީޓަރު ދުރުން ދަތުރުކުރުމަށް އިލްތިމާސްކުރަން،" އެމްއެމްއާރްއައި އިން ބުންޏެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް، ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ ރިސާޗު ފައުންޑޭޝަން "ނެކްޓަން" ގުޅިގެން ކުރާ، "ނެކްޓަން މޯލްޑިވްސް މިޝަން"ގެ ދިރާސާގެ އަމަލީ މަސައްކަތް ފެށީ މި މަހު ހަތަރެއްގަ އެވެ. އެ ދިރާސާގައި ވ. އަތޮޅުން ފެށިގެން އައްޑޫގެ ކަނޑުގެ ސަރަހައްދު އަންނަނީ ސާވޭކުރަމުންނެވެ. އެ ސާވޭގެ މަސައްކަތްތައް އަންނަ މަހު ހަތެއްގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
ތާރީހީ މަސައްކަތެއް، ތާރީހީ ބޯޓެއްގައި https://t.co/YhERxR57UW
— Mihaaru (@Mihaarunews) September 17, 2022
އެ ދިރާސާގެ މިޝަންގައި ރާއްޖެ ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ޓީމެއް، ކަނޑުތަކުގެ އެންމެ މަތީ ފަށަލައިގެން ފެށިގެން، 1،000 މީޓަރު އަޑި އަށް ސާވޭ ކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.
ކަނޑުގެ ސަތަހައިން ފެށިގެން 1،000 މީޓަރާ ހަމަ އަށް ސާވޭ ކުރާ އެ ދިރާސާގައި، ކަނޑުގެ އަޑީގެ ދިރުންތަކުގެ ސިއްހަތު ދެނެގަނެ، ކަނޑުތައް ހިމާޔަތްކުރެވޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންވާނެ މައުލޫމާތު ހޯދާނެ އެވެ. އަދި ފުރަތަމަ ފަހަރަށް ރާއްޖޭގެ ކަނޑުގެ ފުނުގައި ދިރުންތައް އަލާވެފައިވާ މިންވަރު ދެނެގަނެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަކާސް
21 September 2022
މިޝަން އިންޑިއާ
ކިރު ސައި
21 September 2022
ތެދެއް، 'ބޮޑު' ދިރާސާކުރާއިރު ކައިރި ނުވައްޗޭ އެއްވެސް މީހަކު.