ކުޅިވަރު

ފްރާންސްގެ މޮޅާ އެކު ޖިރޫ އަށް ޝަރަފެއް

ރޭގެ މެޗުގައި ފްރާންސްގެ ދެވަނަ ލަނޑު ޖެހުމަށް ފަހު ޖިރޫ، އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (ސެޕްޓެމްބަރު 23) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ އޮސްޓްރިއާ އަތުން 2-0 އިން ފްރާންސް މޮޅުވި މެޗުގައި ލަނޑު ޖަހައި، ފްރާންސް ގައުމީ ޓީމަށް ލަނޑެއް ޖެހި އެންމެ ދޮށީ ކުޅުންތެރިޔާގެ ޝަރަފް އޮލިވިއޭ ޖިރޫ ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ފްރާންސުން ކުޅުނު މެޗުގައި އެ ޓީމުން މެޗު ޑޮމިނޭޓްކުރި އެވެ. ކުރީކޮޅު ކިލިއަން އެމްބާޕޭ ޖެހި ގޯލެއް އޮފްސައިޑު ވެގެން ބަލައި ނުގަތެވެ. އޭގެ ފަހުން އޮރޭލިއަން ޗުއަމެނީ ބައިސިކަލް ކިކަކުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފަ އެވެ.

ޖިރޫ ދިން ބޯޅައެއް ހިފައިގެން ކުރިއަށް އަރައި، އޭރިއާތެރެއަށް ވަދެ މެޗުގެ 56 ވަނަ މިނިޓުގައި ފްރާންސަށް ލީޑު ނަގައިދިނީ އެމްބާޕޭ އެވެ. އަދި އޭގެ ނުވަ މިނިޓު ފަހުން ޖިރޫ، ފްރާންސްގެ ދެ ވަނަ ލަނޑު ޖަހައިދިނީ އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ޖިރޫ މި ލަނޑޫ ޖެހިއިރު އޭނާގެ އުމުރަކީ 35 އަހަރާއި 357 ދުވަހެވެ. މީގެ ކުރިން ފްރާންސްގެ ގައުމީ ޓީމަށް ލަނޑޫ ޖެހި އެންމެ ދޮށީ ކުޅުންތެރިޔާގެ ޝަރަފު އޮތީ ކުރިން ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު ރޮޖާ މާޝް އަތުގަ އެވެ. ސްޕެއިންއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި 1959 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ގައުމީ ޓީމަށް ޖަހައިދިން ހަމައެކަނި ލަނޑު ޖެހި އިރު، ޖިރޫގެ އުމުރަށް ވުރެ 70 ދުވަސް އޭނާ ހަގު ވާނެ އެވެ.

ރޭގެ ލަނޑަކީ ޖިރޫ، އޭނާ ގައުމީ ޓީމަށް ކުޅެދިން 113 ވަނަ މެޗުން ޖެހި 49 ވަނަ ލަނޑެވެ. ޖިރޫ އަށް ވުރެ ދެ ގޯލު އިތުރަށް ޖަހައިގެން ފްރާންސް ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ، 51 ލަނޑު ކާމިޔާބު ކޮށްފައިވާ ކުރީގެ ފޯވާޑް ތިއެރީ އޮންރީ އަތުގަ އެވެ.

ރޭގެ މެޗުގައި ފްރާންސް ބަލިވި ނަމަ އަންނަ ސީޒަނަށް އެ ޓީމު 'ލީގު ބީ' އަށް ރެލިގޭޓް ވާނެ އެވެ. ގުރޫޕުގެ ކޮންމެ ޓީމަކަށް ވެސް އެއް މެޗު ބާކީ އޮތްއިރު، ފްރާންސަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. އަދި އެންމެ ފުލުގައި އޮސްޓްރިއާ އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.

ރެލިގޭޝަނުން ސަލާމަތްވާން ފްރާންސްގެ ފަހު މެޗުގައި ރަށުން ބޭރުގައި ޑެންމާކު ބަލިކުރުން މުހިއްމެވެ. އަމިއްލަ ދަނޑުގައި ޑެންމާކާ ދެކޮޅަށް، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ފްރާންސް ވަނީ ބަލި ވެފަ އެވެ.

"އަހަރެމެންގެ މަސައްކަތް މެޗުގައި ފުރިހަމައަށް އަދާކުރެވިއްޖެ، އެއީ މޮޅުވުން. ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، މެޗު ޑޮމިނޭޓް ކުރިން. މެޗުގައި ވަރަށް ބައިވަރު ޕޮޒިޓިވް ކަންތައްތަކެއް ފެނުނު،" ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ބުންޏެވެ.

އަނިޔާގެ މައްސަލަތަކާ ގުޅިގެން ފްރާންސުން ކުޅުނީ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް އާއި މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އާއި ޕައުލް ޕޮގްބާ އަދި ފޯވާޑް ކަރީމް ބެންޒެމާ ޓީމުގައި ނުހިމަނަ އެވެ.

ފްރާންސް ހިމެނޭ ގުރޫޕް 1 ގެ އެއް ވަނައިގައި އޮތީ 10 ޕޮއިންޓް ހޯދާފައިވާ ކްރޮއޭޝިއާ އެވެ. އެއް ޕޮއިންޓު މަދުން ދެ ވަނައިގައި އޮތީ ޑެންމާކެވެ.

އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕުގެ ފައިނަލުގައި ވެސް ފްރާންސާ ދެކޮޅަށް ކުޅުނު ކްރޮއޭޝިއާ ވަނީ އަމިއްލަ ދަނޑުގައި ރޭ ޑެންމާކާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.

ދެވަނަ ހާފުގައި ކްރޮއޭޝިއާގެ ފުލްބެކް ބޯނާ ސޯސާ ޖަހައިދިން ލަނޑުން ލީޑު ނަގައިދީފައި ވަނިކޮށް 77 ވަނަ މިނިޓުގައި ކްރިސްޓިއަން އެރިކްސަން ޑެންމާކަށް ނަތީޖާ އެއްވަރު ކޮށްދިނެވެ. ނަމަވެސް ދެ މިނިޓު ތެރޭ އިތުރު ލަނޑެއް ޖަހައި ޑެންމާކަށް އަލުން ލީޑު ހޯދައިދިނީ މިޑްފީލްޑަރު ލޮވްރޯ މެޔާ އެވެ.

38 އަހަރުގެ ކީޕަރު ކުޅުނު ފުރަތަމަ މެޗުން ނެދަލެންޑްސް މޮޅުވެ އެންމެ ކުރީގައި

ނޭޝަންސް ލީގުގެ ގުރޫޕް 4 ގައި ރޭ ނެދަލެންޑްސް އިން ވަނީ ރޭ 2-0 އިން ޕޮލެންޑް ބަލިކުރި މެޗަށް އަޔެކްސް އަށް ކުޅޭ އުމުރުން 38 އަހަރުގެ ގޯލްކީޕަރު ރެމްކޯ ޕަސްވީރު ކުޅެން އަރުވައިފަ އެވެ.

ޕަސްވީރު، ރޭގެ މެޗުގައި ޕޮލެންޑާ ދެކޮޅަށް ނެދަލެންޑްސްގެ ގައުމީ ޓީމުގެ ގޯލު ބަލަހައްޓަނީ.

މިއީ ޕަސްވީރު ނެދަލެންޑްސްގެ ގައުމީ ޓީމަށް ނެގި ފުރަތަމަ ފަހަރެވެ. ޓީމަށް ނެގި ފުރަތަމަ ފަހަރު ވެސް ކޯޗު ލުއިސް ވެން ހާލް ވަނީ، ޓީމުގެ އެއް ނަމްބަރު ކީޕަރު ޖެސްޕާ ސިލެސެން، 33، ބެންޗުކޮށް، އޭނާގެ ބަދަލުގައި ޕަސްވީރަށް ފުރުސަތު ދީފަ އެވެ.

އަޔެކްސް ގައި ޕަސްވީރު ދައްކަމުން އަންނަ ކުޅަދާނަކަން ގައުމީ ޓީމުގައި އޭނާގެ ފަރާތުން ދެކެން ބޭނުންވާކަން ވެން ހާލް މެޗުގެ ކުރިން ބުނި ނަމަވެސް، ރޭގެ މެޗުގައި ނެދަލެންޑްސްގެ ގޯލަށް، ރޮބާޓް ލެވަންޑޯސްކީގެ ޕޮލެންޑަށް މާ ނުރައްކާ ކުރެވޭ ގޮތެއް ނުވި އެވެ.

ނެދަލެންޑްސް އިން ވަނީ ރަށުން ބޭރުގައި ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޕޮލެންޑު ކޮޅަށް ދެ ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. ޑެންޒެލް ޑަމްފްރީސް ހުރަސްކޮށްލި ބޯޅައަކުން 13 ވަނަ މިނިޓުގައި ކޯޑީ ގަކްޕޯ އެވެ. އަދި ދެ ވަނަ ހާފުގެ 15 ވަނަ މިނިޓުގައި ވިންސެންޓް ޔަންސެންގެ އެހީތެރިކަމާ އެކު ނެދަލެންޑްސްގެ ދެ ވަނަ ލަނޑު ޖަހައިދިނީ ސްޓީވެން ބާގްވެއިން އެވެ.

މި ނަތީޖާއާ އެކު ގުރޫޕް 4 ގެ އެއްވަނައިގައި ނެދަލެންޑްސް އޮތީ މެޗަކުން ބަލިނުވެ، ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ވިއްދާފައި އޮތީ 10 ޕޮއިންޓް ހޯދާފައިވާ ބެލްޖިއަމް އެވެ.

ބެލްޖިއަމް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ވޭލްސް ބަލިކޮށްފަ އެވެ. ބެލްޖިއަމްގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މިޗީ ބަޓްޝުއާއީގެ އެހީތެރިކަމާ އެކު ކެވިން ޑިބްރޭނާ، ބެލްޖިއަމް އަށް ލީޑު ނަގައިދިން އިރު، ޑިބްރޭނާގެ ޕާހަކުން ދެވަނަ ލަނޑު ޖެހީ ބަޓްޝުއާއީ އެވެ.

ވޭލްސް އިން ޖެހި ހަމައެކަނި ލަނޑު، ދެ ވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ބްރޭނަން ޖޯންސަން ނެގި ހުރަހަކުން ބޮލުން ކާމިޔާބު ކުރީ ބޯންމައުތަށް ކުޅޭ ފޯވާޑް ކިއެފާ މޫރް އެވެ.

ގުރޫޕުގެ އެއް ވަނަ ހޯދައިގެން ފައިނަލް ބުރަށް ދަތުރުކުރަން ބެލްޖިއަމް އެންމެ ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ނެދަލެންޑްސްއާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި ހަތަރު ޕޮއިންޓު ހޯދައިފައިވާ ޕޮލެންޑުން ފަހު މެޗުގައި ކުޅޭނީ ރަށުން ބޭރުގައި ވޭލްސްއާ ދެކޮޅަށެވެ. ވޭލްސް އަށް މިހާތަނަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454