ކުޅިވަރު / ޓެނިސް

ފެޑެރާ ކެރިއަރު ނިންމާލީ އުފާވެރިކަމުގެ ކަރުނައާ އެކު

ވަދާއީ މެޗަށް ފަހު ލެވާ ކަޕް ގައި ޓީމް ޔޫރަޕް ތަމްސީލުކުރި ކުޅުންތެރިން ފެޑެރާ އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ

25 ސެޕްޓެމްބަރ 2022 - 09:48

ލަންޑަން (ސެޕްޓެމްބަރު 24) - ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ ރަސްމީކޮށް ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 41 އަހަރުގައި ފެޑެރާ ކުޅުން ހުއްޓާލީ ލަންޑަނުގައި ކުރިއަށްދާ ލެވާ ކަޕް ގައި ޓީމް ޔޫރަޕް ތަމްސީލުކޮށް، އޭނާއާ އެންމެ ވާދަވެރި ސްޕެއިންގެ ރަފައެލް ނަޑާލް އާއެކު ކުޅުނު ޑަބަލްސް މެޗަށް ފަހު އެވެ.

ޑަބަލްސް މެޗުގައި ފެޑެރާ އާއި ނަޑާލްގެ ޕެއާ ބަލިވީ، އެމެރިކާގެ ޖެލް ސޮކް އާއި ފްރެންސިސް ޓިއަފޯގެ ޕެއާއާ ވާދަކޮށް، 6-4، 6-7 (2-7)، 9-11 އިންނެވެ. ފެޑެރާ އާއި ނަޑާލް؛ 'ފެޑާލް' ގެ ޕެއާ އަށް ޑިސައިޑާ ގައި 9-8 އިން މެޗް ޕޮއިންޓް ލިބުނު ނަމަވެސް ފަހު ވަގުތު ކާމިޔާބެއް ނުކުރެވުނެވެ.

ފެޑެރާގެ ފަހު މެޗުގައި އެންމެ ބޭނުންވި ނަތީޖާ ނުލިބުނު ނަމަވެސް، އޭނާ ކުޅުން ހުއްޓާލީ، ދުނިޔޭގެ އެންމެ މޮޅު އެއް ކުޅިވަރު އެތުލީޓުގެ ގޮތުގަ އެވެ. ލަންޑަނުގެ އޯޓޫ އެރީނާގައި އެތައް ހާސް ސަޕޯޓާރުންނެއް ކުރިމަތީގައި ކުޅުން ހުއްޓާލި އިރު އޭނާ ވަނީ ކާމިޔާބު 25 އަހަރު ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިއެއް ގޮތުގައި ހޭދަ ކޮށްފަ އެވެ.

ފެޑެރާ (ކ) ގެ ވަދާއީ މެޗުގައި ނަޑާލް އާއެކު. -- ފޮޓޯ: އޭއެފްޕީ

"އަހަރެން މިއަދު މިހުރީ އުފަލުން. ދެރަވެފައެއް ނޫން. މިއީ ވަރަށް ފުރިހަމަ ދަތުރެއް. އަހަރެން އަނެއްކާ ވެސް މިކަން ތަކުރާތު ކުރަން ޖެހުނަސް ކޮށްފާނަން. އެންމެން ވެސް، އަހަރެންގެ ދަރިންނާއި އަންހެނުން ވެސް ވަރަށް ސަޕޯޓިވް. މީގެ އެތައް ދުވަހެއް ކުރިން އޭނާ އަށް އަހަރެން ހުއްޓުވޭނެ، އެކަމަކު އޭނާ އެގޮތަށް ކަންތަކެއް ނުކުރި. އޭނާ އަބަދުވެސް ބާރު އެޅި ކެރިއަރާއިގެން ކުރިއަށް ދާން، އެކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ފެޑެރާ ބުންޏެވެ.

"ކުދިންނާއެކު އުޅުމާއި އާއިލާއާއި ރައްޓެހިން ތިބުމުން މެޗުގެ ތެރޭގައި ކަމެއް (ގޯސްކޮށް) ހިނގާނެހެން ހީވިޔަސް އެހާ ބޮޑަށް ސްޓްރެސް އިހުސާސެއް ނުކުރެވޭ. އަހަރެން ވަރަށް އުފާވޭ މިކަން ފުރިހަމަ ކުރެވުނީމަ އަދި މެޗު ވެސް ދިޔައީ ވަރަށް ރަނގަޅަށް. މިއަށްވުރެ ބޮޑަށް އަހަރެންނަށް އުފަލެއް ނުވެވޭނެ."

މެޗަށް ފަހު ވާހަކަ ދައްކަމުން ނަޑާލް ބުނީ، މިއީ އުނދަގޫ ވަގުތެއް ނަމަވެސް ހަޔާތުގައި ވަރަށް ހާއްސަ ވަގުތުކޮޅެއް ކަމަށެވެ.

"ރޮޖާ (ފެޑެރާ) ޓުއާ ދޫކޮށްލާއިރު އެ ދަނީ އަހަރެންގެ ހަޔާތުގެ މުހިންމު ބަޔެއް ވެސް ހިފައިގެން، އެއީ އަހަރެންގެ ހަޔާތުގެ އެންމެ މުހިއްމު ހުރިހާ ވަގުތެއްގައި ވެސް ކޯޓު މަތީގައި އެކުގައި ނުވަތަ އިދިކޮޅުގައި އޭނާ ހުރި ނަމަވެސް އެއީ ހަޔާތުގައި ހާއްސަ ވަގުތުތަކެއް،" ނަޑާލް ބުންޏެވެ.

ވަދާއީ މެޗަށް ފަހު ނަޑާލް (ކ) އާއި ފެޑެރާ އަށް ރޮވިފައި. -- ފޮޓޯ: އެންޓޮއިން ކޮވަސޭލޭ

"އެހެންވެ އާއިލާ އާއި ހުރިހާ އެންމެން އެކުގައި ފެނުމުން މިހުރީ ވަރަށް އިމޯޝަނަލް ވެފައި. މިއީ ސިފަކުރަން އުނދަގޫ އެކަމަކު އަޖައިބު ކުރުވަނިވި ވަރަށް ހާއްސަ ވަގުތުކޮޅެއް. ބާއްޖަވެރި ރިޓަޔާމެންޓަކަށް އެދެން، ފެޑް،"

މެޗަށް ފަހު ފެފެޑެރާގެ ކެރިއަރުގެ އުސްއަލިތައް ދައްކާލި ވަގުތު ނަޑާލް އާއި ފެޑެރާ އަށް ވެސް ރޮވުނެވެ. މި ދެ ކުޅުންތެރިންގެ ވާދަވެރިކަމަކީ ޓެނިހުގެ ދުނިޔޭގައި ދުށް އެންމެ މަގުބޫލު އެއް ވާދަވެރިކަމެވެ. ދެ ކުޅުންތެރިން 40 ފަހަރު ބައްދަލު ކޮށްފައި ވާއިރު، ނަޑާލް ވަނީ 24 މެޗު ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް މި ދެ ކުޅުންތެރިންނަކީ ކޮންމެ އަހަރަކު ވެސް ގްރޭންޑް ސްލޭމް މުބާރާތްތަކުގެ ތަށްޓަށް ވާދަކުރާ ކުލުންތެރިންނެވެ.

މިދިޔަ އަހަރުގެ ވިމްބަލްޑަންގެ ކުއާޓާ ފައިނަލުން ކެޓި ފަހުން އެއްވެސް ގްރޭންޑް ސްލޭމް މުބާރާތެއްގައި ފެޑެރާ ކުޅެފައެއް ނުވެ އެވެ. މިއާ އެކު ނަޑާލް ވަނީ މިއަހަރުގެ ފުރަތަމަ ދެ މުބާރާތް ކާމިޔާބުކޮށް، ފެޑެރާއަށް ވުރެ ކުރިއަށް ޖެހިލައި، 22 ގްރޭންޑް ސްލޭމް ތަށި ހަމަކޮށްފަ އެވެ.

ކާމިޔާބީއާ އެއްވަރަށް ފެޑެރާ އަކީ ޓެނިހުގެ ތާރީހު ދުށް އެންމެ މަގުބޫލު އެއް ކުޅުންތެރިޔާ ވެސް މެ އެވެ.

ގްރޭންޑް ސްލޭމް 20 ފަހަރު ކާމިޔާބު ކޮށްފައިވާ ފެޑެރާ، އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރެފައި، އޭނާ ވަނީ ލެވާ ކަޕަށް ފަހު ރިޓަޔާ ކުރާނެކަން ހާމަ ކޮށްފަ އެވެ.

ގްރޭންޑް ސްލޭމް މުބާރާތްތަކުގެ އިތުރުން ފެޑެރާ ވަނީ 103 އޭޓީޕީ ޓައިޓަލް ކާމިޔާބުކޮށް، ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި 310 ހަފްތާ ހޭދަކޮށްފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454