ކުޅިވަރު

ބެލްޖިއަމް ބަލިކޮށް ނެދަލެންޑްސް ފައިނަލް ބުރަށް، ވޭލްސް ރެލިގޭޓް ވެއްޖެ

ވެން ޑައިކް، ބެލްޖިއަމް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅޫކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެމްސްޓެޑާމް (ސެޕްޓެމްބަރު 26) - ޔުއެފާ ނޭޝަންސް ލީގު އޭގެ ގުރޫޕް ސްޓޭޖުގައި ނެދަލެންޑްސް ކުޅުނު ފަހު މެޗުގައި ޑިފެންޑަރު ވާޖިލް ވެން ޑައިކް ގެ ގޯލުން 1-0 އިން ބެލްޖިއަމް ބަލިކޮށް އެ ޓީމު މުބާރާތުގެ ފައިނަލް ބުރަށް ދަތުރު ކޮށްފި އެވެ.

ނެދަލެންޑްސް އިން ބެލްޖިއަމާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ވެސް ކާމިޔާބު ހޯދި އެވެ. އެއްވެސް މެޗަކުން ބަލި ނުވެ، ނެދަލެންޑްސް އިން ފައިނަލް ބުރުގެ ޖާގަ ހޯދި އިރު، އެ ޓީމު އެއްވަރު ވެފައި ވަނީ އެންމެ މެޗަކުންނެވެ.

ބެލްޖިއަމް އިން މެޗަށް ނުކުތީ ސަސްޕެންޝަނުގައި ހުރި ކޯޗު ރޮބާޓޯ މާޓިނޭޒްގެ ބަދަލުގައި އެސިސްޓެންޓް ކޯޗު ތިއެރީ އޮންރީގެ އިރުޝާދުގެ ދަށުންނެވެ. ފުރަތަމަ މެޗުގައި ނެދަލެންޑްސް އަތުން 4-1 އިން ބަލިވި މެޗަށް ފަހު ކޯޗު މާޓިނޭޒް ވަނީ މިއީ ޓީމު ހޭލަންވީ ވަގުތު ކަމަށް ބުނެފަ އެވެ. އަދި އެމްސްޓެޑާމް ގައި ކުޅޭ މެޗުގެ ކުރިން އޭނާ ވަނީ، ޓީމު ނުކުންނާނީ ފުރަތަމަ މެޗުން ބޮޑު ތަފާތަކުން ބަލިވުމުގެ ބަދަލު ހިފަން ކަމަށެވެ.

ރޭގެ މެޗުތެރޭން ބެލްޖިއަމްގެ އެޑެން ހަޒާޑް ބަދަލުކުރުމުން، ދަނޑުން ފައިބަމުން ޓީމަށް އިރުޝާދު ދިން އެސިސްޓެންޓް ކޯޗު އޮންރީއާ ސަލާން ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ނެދަލެންޑްސްގެ މޮޅާ އެކު އެޓީމު ވަނީ ހަ މެޗުން 16 ޕޮއިންޓް ހަމަކޮށްފަ އެވެ. ބެލްޖިއަމް އަށް ލިބިފައި ވަނީ 10 ޕޮއިންޓެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެޑެން ހަޒާޑަށް ބެލްޖިއަމް އަށް ގޯލު ޖަހަން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނު އިރު، މިޗީ ބަޓްޝުއާއީ އާއި އަމަޑޫ އޮނާނާ ފޮނުވާލި ހަމަލާ ގޯލްކީޕަރު ރެމްކޯ ޕަސްވީރު ދިފާއު ކުރި އެވެ.

މި ހާފުގައި ނެދަލެންޑްސް އަށް ގޯލު ޖަހަން މާ ރަނގަޅު ފުރުސަތެއް ނުހޯދުނު، ނަމަވެސް ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، ވެން ޑައިކްގެ ގޯލުން ލީޑު ހޯދީ 73 ވަނަ މިނިޓުގައި ކޯޑީ ގަކްޕޯ ނަގައިދިން ކޯނަރެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. އޭގެ ދެ މިނިޓު ފަހުން ލީޑު ފުޅާކުރަން ސްޓީވެން ބާގްވެއިން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

ފަހު ހާފުގައި ބެލްޖިއަމްގެ އޮނާނާ ފޮނުވާލި އިތުރު ހަމަލާއެއް ކީޕަރު ޕަސްވީރު ދިފާއު ކުރި އިރު، އެންމެ ފަހު ވަގުތު ކުޅެން އެރި ޑޮޑީ ލުކޭބަކިއޯ އޯވާހެޑަކުން ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

މިއީ ބެލްޖިއަމް އިން އެންމެ ފަހުން ކުޅުނު 50 މެޗުގައި އެޓީމަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ފުރަތަމަ މެޗެވެ. އެންމެ ފަހުން ބެލްޖިއަމް އިން ގޯލެއް ނެޖެހި ނިންމާލީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުގައި، ޗެމްޕިއަން ފްރާންސާ ދެކޮޅަށް ކުޅުނު މެޗެވެ.

އެހެން ނަމަވެސް، މިދިޔަ އަހަރު ޗެކް ރިޕަބްލިކް އަތުން ބަލިވެގެން ޔޫރޯ މުބާރާތުގެ ނޮކައުޓް ބުރުން ކެޓި، ލުއިސް ވެން ހާލް ގެ އިރުޝާދުގެ ދަށުން ކުޅޭ ނެދަލެންޑްސް ޓީމު ވޯލްޑް ކަޕަށް ދާނީ ބަލި ނުވެ، 15 މެޗުގެ ރެކޯޑަކާ އެކު އެވެ.

ވޭލްސް އަނެއްކާ ވެސް ލީގު ބީ އަށް

ނެދަލެންޑްސް އާއި ބެލްޖިއަމް ހިމެނޭ ގުރޫޕް ހަތަރަކުން ރެލިގޭޓްވީ ވޭލްސް އެވެ. ފަހު މެޗުގައި ރޭ ޕޮލެންޑް އަތުން 1-0 އިން ބަލިވުމާ އެކު އެޓީމު ނިންމާލަން ޖެހުނީ އެންމެ ޕޮއިންޓަކާ އެކު ގުރޫޕުގެ ފުލުގަ އެވެ. ޕޮލެންޑުން ވަނީ ހަތް ޕޮއިންޓް ހޯދައިފަ އެވެ.

ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ވޭލްސްގެ ކެޕްޓަން ބޭލް، ބޯޅަ ހިފައިގެން ކުރިއަށް ދަނީ. -- ފޮޓޯ: އޭއެފްޕީ

މި ނަތީޖާއާ އެކު، މިއަހަރު ވޯލްޑް ކަޕަށް ދާ ވޭލްސް ޓީމަށް ޖެހިގެން އަންނަ ނޭޝަންސް ލީގުގައި ކުޅެން ޖެހޭނީ 'ލީގު ބީ' ގަ އެވެ. ލީގު ބީ އިން ނޭޝަންސް ލީގުގައި ކުޅެން ފެށި ވޭލްސް، 'ލީގު އޭ' އަށް ޕްރޮމޯޓް ވީ ވެސް މިދިޔަ ސީޒަނުގައި އެއްވެސް މެޗަކުން ބަލި ނުވެ، އެޓީމު ހިމެނޭ ގުރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ.

އަމިއްލަ ދަނޑުގައި ވޭލްސް އިން ޕޮލެންޑު އަތުން ބަލިވި މެޗުގެ ދެ ވަނަ ހާފުގައި ޕޮލެންޑުގެ ހަމައެކަނި ލަނޑު 57 ވަނަ މިނިޓުގައި ރޮބާޓް ލެވަންޑޯސްކީގެ ޕާހަކުން ކެރޯލް ސްވިޑާސްކީ އެވެ.

ވޭލްސް އަށް ލަނޑު ޖަހަން ފުރުސަތު ލިބުނު ނަމަވެސް، އެ ޓީމުގެ ބްރޭނަން ޖޯންސަން ފޮނުވާލި ހަމަލާ ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ ދިފާއު ކުރިއިރު، އިތުރު ވަގުތުގައި ގަރެތު ބޭލް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލު ހުރަސް ދަނޑީގައި ވެސް ޖެހުނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454