ކަސްޓަމަރުންގެ މައުލޫމާތު މުވައްޒަފަކު ހާމަކޮށްފިނަމަ، ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ބީއެމްއެލް އިން އަންގައިފި
29 ސެޕްޓެމްބަރ 2022 - 23:31
ކަސްޓަމަރުންގެ މައުލޫމާތު ރައްކާތެރިކުރުމަކީ ބޭންކިން ގާނޫނުގެ ދަށުން މުވައްޒަފުން އަދާކުރަންޖެހޭ މުހިންމު ޒިންމާއެއް ކަމަށާއި އެފަދަ އަމަލެއް ކޮށްފި ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބީއެމްއެލް އިން އެ ތަނުގެ މުވައްޒަފުންނަށް އަންގައިފި އެވެ.
ބީއެމްއެލްގެ މުވައްޒަފުންނަށް އެ ބޭންކުން ފޮނުވި ލިއުމެއްގައި ވާގޮތުން، ކަސްޓަމަރުންގެ މައުލޫމާތު ހާމަކުރުމަކީ ގާނޫނީ ކުށަކަށް ވެފައި، އެފަދަ އަމަލެއް ހިންގައިފި ނަމަ ވަޒީފާ އިން ވަކި ކުރެވޭނެ ކަމަށް ބޭންކުގެ ގަވައިދުތަކާއި އުސޫލުތައް ބަޔާންކުރެ އެވެ.
ހުއްދަ ނެތި ކަސްޓަމަރުންގެ އެކައުންޓަށް ވަނުމާއި މައުލޫމާތު ބެލުމަށް ފަހު އެހެން ފަރާތަކާ އެ މައުލޫމާތު ހިއްސާ ކުރިއަސް، ނުވަތަ ނުކުރިއަސް، އެއް ހަމަޔަކުން ފިޔަވަޅު އަޅާނެ ކަމެއް ކަމަށް އެ ލިއުމުގައިވެ އެވެ.
އެފަދަ އަމަލުތަކަށް ފިޔަވަޅު އެޅުމުގައި، ވަކި މުވައްޒަފަކަށް ތަފާތު ނުކުރާނެ ކަމަށާއި، ބޭންކުގައި ވަޒީފާ އަދާކުރި މުއްދަތާއި ރޯލަށް ވެސް ނުބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ލިއުމުގައި ވާގޮތުން، 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް ހުއްދަނެތި ކަސްޓަމަރުންގެ މައުލޫމާތު ބެލުމާއި އެ މައުލޫމާތު ހިއްސާކޮށްގެން ހަ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވެ އެވެ. އޭގެ ތެރޭގައި 25 އަހަރު ބޭންކުގެ ވަޒީފާ އަދާކޮށްފައިވާ މީހެއް ވެސް ހިމޭނެކަން ވަނީ ފާހަގަކޮށްފަ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ކަސްޓަމަރެއްގެ މައުލޫމާތު ހާމަކޮށްގެން ދާދިފަހުން ބޭންކުގެ މެނޭޖަރެއް ވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
އެފަދަ މައުލޫމާތު ބީއެމްއެލްގެ މުވައްޒަފަކު ހާމަކުރުމަކީ އިޔާދަނުކުރެވޭނެ ފަދަ ގެއްލުމެއް ބޭންކަށް ލިބި، އެކަމުގެ ސަބަބުން ކަސްޓަމަރުންގެ އިތުބާރު ގެއްލިދާނެ ސަބަބަކަށް ވާތީ، މުވައްޒަފުން އެ ކަމާ ދުރުވާން އެ ލިއުމުގައި އިލްތިމާސްކޮށްފައިވެ އެވެ.
ބޭންކިން ގާނޫނު ބުނާ ގޮތުން ހުއްދަދީފައިވާ ހާލަތެއްގައި މެނުވީ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮޒިޓް ބޮކްސްއާ ބެހޭ އެއްވެސް މައުލޫމާތެއް ސީދާކޮށް ވެސް ނުވަތަ ނުސީދާކޮށް ވެސް ހާމަކުރުމަކީ ކުށެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީއެމް
02 October 2022
އެތައްބަޔަކަށް އަނިޔާ ލިބިފައިވާއިރު ބެންކުން ޒިންމާ ނުނަގަނީ ކީއްވެތޯ؟ އިތުބާރު ގެއްލިއްޖެ
ބީބީއެމްއެމްއެލް
02 October 2022
ހަމަ އެކަނި ފައިސާ ރައްކާ ކޮށް، ފައިސާ ނުނަގާ ހުންނަ އެކައުންޓް ތަކުން ގިނަ އަދަދަކަށް ފައިސާ މަދުވެފައިވޭ، ޝަކުއާ ހިފައިގެން ދިޔާމަ ބަލައެއްވެސް ނުދިން، އަދި އަޑު އިވިފައިވާ ގޮތުން، މުވައްޒަފުން އެހެން ހުންނަ އެކައުންޓްތަކުން ފައިސާ ނަގާ.
ހިޔާލީ އަލީ
01 October 2022
މަޝްހޫރު މީހުންނަށާއި ވިޔަފާރިވެރިންނަށް މިހާރުވެސް ބެންކުއޮފް މޯލްޑިވްސްއިން ތިބުނާ ކަންތައްތައް ކޮށްދޭ
ވަގުކަލޭގެ
01 October 2022
އެކައުންޓްތަކުން ވައްކަންކުރާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އެޅޭތަ؟
ކައްދާ
30 September 2022
ނޭޅޭނެ
ދޮންބޭ
30 September 2022
ދޮންބެ ތިކިދިންނަށް ބުނެލަން އޮތީ ދެތިން އެއްޗެއް، އަޅުގަޑުމެން އައިޕޯން 14 ގެންގުޅުނަސް އަދި ތަހުޒީބެއްނުވޭ، ހުރިހާ ރައްޔަތުންގެ އައިޑީ ކާޑުގެ މައުލޫމާތު ހުރިހާ ސިޔާސީ އޮފީސްތަކަށް ލިބޭ، މެޑިކަލް ހުރިހާ ހިސްޓުރީ އެއް ލީކުވޭ، އެކައުންޓު ބެލެސް ލީކުވޭ ދެން މިހެންގޮސް ކޮޓަރިތެރޭ ވާކަންތަކުންގޮސް މިތާގަ ލީކުނުވާކަމެއް ނެތް.
ރީތިލޯބި ބުޅާ
01 October 2022
ކޮޓަރި ތެރޭ ވާ ކަންތައް ލީކު ވެގެންނު ފޯނުތަކުން ޝެޔައެކުރަނީ!
ވެލާބޭންކް
30 September 2022
އެންމެ ފުރަތަމަ ތި ސްކޭމެއް ފެށިއިރު މުޅިންވެސް ގުޅީ 50 އަހަރުން މަތީގެ މުސްކުޅިންނަށް. އެމީހުންގެ ތެރެއިންވެސް އެކައުންޓްގަ ރުފިޔާ ހުރި މީހުންނަށް. މާފުށީ ޖަލަކީ ބޭންކު މުވައްޒަފުން ތިބޭ ތަނެއް ނޫން. އެކަމު ގުޅާމީހާއަށް އިނގޭ ލައްކަ މައުލޫމާތު. ބޭންކުން ކޮންމެ އެއްޗެއް ކިޔަސް ހަމަ ބޭންކް މުވައްޒަފުން ކުރާކަމެއް ތިއީ
ކޮރަލް
30 September 2022
ބޭންކް އިން ކަން ކުރާ ގޮތް ރަނގަޅެއް ނޫނެވެ. މައުލޫމާތު ހާމަ ކުރާނަމަ ވަޒީފާއިން ވަކި ކޮށް ފުލުހުންނާ ހަވާލު ކޮށް ތަހުގީގު ކޮށް އަދަބެއް ދޭން ޖެހެ އެވެ. ނޫނީ މައުލޫމާތުން ވައްކަން ކޮށް މުއްސަނދި ވީމަ ކަނޑާލީމަ އޭނަ އަށް ވާނީ ފައިދާ އެވެ.
މއަސަލައެއްނެތް
30 September 2022
ބީއެމްއެލްއިން މުއައްޒަފުން ނަގާގޮތުން ތިހެންވަނީ ދެއަހަރައް އެއް އަހަރައް ތިކުދިންނަގަނީ
ބޮޑުމީހާ
30 September 2022
ބޭންކުން ބޭންކުގެ މުވައްޒަފުންނަށް އިތުބާރު ނުކުރެވެންޏާ އަހަރުމެން ތި ބޭންކަށް އިތުބާރު ކުރާނެ ގޮތެއް ނުވިސްނޭ..
އަލިފުސް
01 October 2022
ސަތޭކައިގެ ކޮމެންޓެއް