އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޔާޒް (މ) ވާހަކަ ދައްކަވަނީ: އިންތިޚާބުގެ ތާރީޚު އިއުލާން ނުކުރުމަކީ އިންތިޚާބު ނުބާއްވަން ދައްކާ އުޒުރެއް ކަމަށް ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
08 ޖެނުއަރީ 2017 - 17:46
އަންނަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ނުބާއްވަން ދެއްކޭނެ ހުރިހާ އުޒުރެއް އިލެކްޝަންސް ކޮމިޝަނުން ދައްކަމުންދާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
މިމަހުގެ 14 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ނިންމާފައި ވަނިކޮށް އެ އިންތިޚާބު ފަސް ކުރަން ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން މިހާރު ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ އަށްް ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށެވެ. އެކަން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިއުލާން ނުކުރިޔަސް އެ ކޮމިޝަނުން ޕާޓީތަކާ އެކު އެކަން ވަނީ ހިއްސާކޮށްފަ އެވެ.
އެމްޑީޕީން މިއަދު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ އޭޕްރީލް މަހު އިންތިޚާބު ނުބޭއްވޭނެ ކަމަށް ކޮމިޝަނުން ގަބޫލުކުރާހާ ހިނދަކު އެ އިންތިޚާބު ނުބޭއްވޭނެ ކަމަށާއި އެކަމަށް ހުރިހާ އުޒުރެއް ކޮމިޝަނުން ދައްކަމުންދާ ކަމަށެވެ. އެގޮތުން ކެމްޕެއިން ޕޯސްޓަރުތައް މަގުމައްޗަށް އެޅުމަކީ މަނާ ކަމެއް ކަން އަންގައި، ކޮމިޝަނުން މިއަދު ސިޓީ ފޮނުވާފައިވާ ކަމަށާއި އިންތިޚާބުގެ ތާރީޚު ރަސްމީކޮށް އިއުލާން ނުކުރަނީ ވެސް އެހެންވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންތިޚާބަށް ހުރި ހުރިހާ ހުރަސްތައް އަޅުގަނޑުމެންނަށް ހަނދާންކޮށް ދެއްވައި އަދި އިންތިޚާބެއް ބޭއްވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ވިސްނިވަޑައިގެން އެ ކޮމިޝަންގެ ފަސް މެމްބަރުން ތިއްބަވާ ކަމަށް ވަންޏާ އިންތިޚާބުގެ ތާރީޚު އިއުލާން ކުރަން ޖެހިލުންވެ ވަޑައިގަންނަވާނެ. އެހެން ނޫން ނަމަ މިއަދު އޮންނަނީ ތާރީޚު އިއުލާންކޮށްފައި،" ނިޔާޒު ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ ކޮމިޝަންގެ ވިސްނުން ހުރީ ކުރިން އިންތިޚާބަށް ކުރިމަތިލާފައި ތިބި ކެންޑިޑޭޓުން ވެސް ކޮންމެވެސް ގޮތަކުން އަލުން ފޯމް ހުށަހަޅަންޖެހޭ ގޮތަށް ކަމަށާއި އެކަމަކު އެ ކެންޑިޑޭޓުން އަލުން ފޯމް ހުށަހަޅަންޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ސަބަބަކީ އިންތިޚާބު ފަސްވުމަކީ އާ އިންތިޚާބެއް އިއުލާން ކުރުން ނޫން ކަމަށާއި ކޯޓުގެ ހުކުމުގައި ވެސް އޮތީ އެގޮތަށް ކަމަށްވާތީ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
"އެ ބޭފުޅުންގެ ގާނޫނީ ޓީމު ބޭނުންވަނީ މިހާރު ކުރިމަތިލާފައި ތިބި ކެންޑިޑޭޓުން ވެސް ކޮންމެވެސް ސިފައެއްގައި އެޕްލިކޭޝަން ހުށަހަޅަންޖެހޭ ގޮތަށް. އެކަމަކު މިހާރު ތިބި ކެންޑިޑޭޓުންގެ ކެންޑިޑެސީ އޮތްގޮތަށް އޮވެގެން ބާއްވާ އިންތިޚާބެއް އަޅުގަނޑުމެން ބޭނުންވަނީ. މިހާރު ތިބި 900 އެތައް ކެންޑިޑޭޓުންނެއްގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން،" ނިޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ލީގަލް ޑައިރެކްޓަރު ހިސާން ހުސައިން ވިދާޅުވީ ޕާޓީގެ ޕްރައިމަރީތަކުގައި ވާދަކޮށް، ނާކާމިޔާބުވާ ފަރާތްތަކަށް އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ޕާޓީތަކުގެ ޕްރައިމަރީ ހިންގަންޖެހޭ ގޮތުގެ އުސޫލެއް ކޮމިޝަނުން މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އެކަމަކު ޕާޓީތަކުގެ އެތެރޭގެ ހިންގުމުގެ ކަންކަމާ ބެހުމުގެ އެއްވެސް ބާރެއް ކޮމިޝަނަށް ނޯންނާނެ ކަމަށް ހިސާން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވާހަކައަކީ ގާނޫނަށް އެ އައި އިސްލާހު ނިވައިފަތްގަނޑަކަށް ބޭނުންކޮށްގެން ޕާޓީތަކަށް ނުފޫޒެއް ނުފޯރުވޭނެއޭ. އިލެކްޝަންސް ކޮމިޝަނަށް ނޭންގޭނެއޭ ޕާޓީތަކުގެ އެތެރޭގެ ހިންގުމުގެ ގަވާއިދުތަކުގައި ހިމަނަންޖެހޭނެ ކަންކަމާއި ހިމަނަން ނުޖެހޭނެ ކަންކަން،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ޕްރައިމަރީ ނުބާއްވައި، ކެންޑިޑޭޓުން ނެރޭ ޕާޓީތައް ވެސް އެބަހުރި ކަމަށާއި އެކަމަކު އެފަދަ ޕާޓީތަކާ މެދު އަމަލުކުރާނެ ގޮތެއް އެ އުސޫލުގައި ބުނެފައި ނެތް ކަމަށެވެ. އެހެންވެ، އެ އުސޫލަކީ އެމްޑީޕީ އަށް އަމާޒުކޮށްގެން ހެދި އުސޫލެއް ކަމަށް ހިސާން ތުހުމަތު ކުރެއްވި އެވެ.
މިމަހުގެ 14 ގައި ކައުންސިލް އިންތިޚާބު ބާއްވަން ނިންމާފައި ވަނިކޮށް އިތުރު ދެ މަހަށް ފަސްކުރަން ކޯޓުން އަމުރުކުރީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި އެ ޕާޓީއަށް އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ކޯޓަށް ހުށަހެޅުމުންނެވެ. ކޯޓުން ނިންމީ ޕީޕީއެމަކީ އެންމެ ބޮޑު ޕާޓީއަށްވާއިރު އެ ޕާޓީއަށް ބައިވެރި ނުވެވޭ ފަދަ ގޮތަކަށް އިންތިޚާބު ބޭއްވިގެން ނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްޔަ
09 January 2017
ނުޖެހެ އިންތިހާބު ބާއްވާކަށް. މި ގައުމުދަނީ ވަރަށް ރަގަޅަށް ހިނގަމުން.
ޒަންބީރު
09 January 2017
ޜަތްއަތުން ގެ މާބޮޑު އަގެއް ނެއްމިހާރަކު
އަލްޖިބްރާ
09 January 2017
ބަލަ ! މިރާއްޖޭގައި މިހާރުމިއޮތް ވެރިކަމަކީވެސް އިންތިޚާބަކުން ކާމިޔާބު ކޮށްފާ އޮތް ވެރިކަމެއް ނޫނެވެ. މިއީވެސް ކޯޓަކުން ބަޔަކާ ހަވާލު ކުރި ވެރިކަމެކެވެ. ދެން ތިޔަ ލޯކަލް ކައުންސިލުގެ އިންތިޚާބަށް ވެސް ހަދާނީ މިވެރިކަމުގައި ތިބި ވެރިން ބޭނުންގޮތެކެވެ. މިކަން އެންމެނަށްވެސް އެގެއެވެ އިލެކްޝަން ކޮމިޝަނަކީ ވެސް މިހާރު މިރާއްޖޭގެ ވެރިކަން ކުރާ ސަރުކާރުގެ ފީކުދާނެކެވެ.
ބޫ
09 January 2017
ސަބަބަކީ އިންތިޚާބު ފަސްވުމަކީ އާ އިންތިޚާބެއް އިއުލާން ކުރުން ނޫން ކަމަށާއި ކޯޓުގެ ހުކުމުގައި ވެސް އޮތީ އެގޮތަށް ކަމަށްވާތީ ކަމަށް ނިޔާޒު ވިދާޅުވި އެވެ. ކޯޓުތަކަކީ ލިޔެފައި ދޭ ޙުކުމް ހާމަކުރާ މަރުކަޒުތަކަކަށް ވެފައި ވާކަން ޢަލީ ނިޔާޒަށް އެނގިވަޑައި ނުގަންނަވަނީތޯ؟ ބަލަ މާދަމާ އިޢުލާމުކުރާނެ މަސްދުވަހަށްވުރެ ލަސްވެފައިވާ ހުރިހާ ފޯމެއް ބާޠިލްވީ ކަމަށާއި އިންތިޚާބުގައި ބައިވެރިވާން ބޭނުންނަމަ އަލުން ފޯމު ފުރުމަށް. އެއީ ހަމަ ކައިފަ ވައެއްލުންހާ ފަސޭހަކަމެއް.
އަބްދުއްލާ އަލީ
08 January 2017
ހަގީގަތުގާ ދިވެހި ރާއްޖެ އަކަށް މިހާރު މި ބާއްވާވައްތަރުގެ ކައުންސިލް ތަކެއް ބޭނުމެއްނުވޭ ، ކޮންމެ ރަށަކަށް އިންތިހާބު ކުރަންވީ އެންމެ މެމްބަރެއް، ނުވަތަ މަޖިލީހުގެ މެމްބަރުން ތިބޭ ކޮންމެ ދާއިރާއަކަށްކައުންސިލްމެމްބަރެއް. ދާއިރާތަކުން އިންތިހާބު ކުރެވޭ ހުރިހާ މެމްބަރުްނނަކީ އަތޮޅުކައިންސިލް ގެ މެމްބަރުން، އަތޮޅުކައުންސިލްގެ ރައީސަކީވެސް ނާއިބު ރައީސަކީވެސް އެ މެމްބަރުންގެ ތެރެއިން ހޮވޭ ބޭފުޅެއް، މުސާރަ ދިނުމުގާ ތަފާތު ވާނަވީ ހަމައެކަނި އަތޮޅުކައުންސިލް ގެ ރައީސް ނާއިބުރައީސް އަށް އޮންނަ އެކަވަންސް ދެން އިތުރަށްއޮންނަނީ އަތޮޅު ކައުންސިލްމީޓިންގް އެލަވަންސް މުއަދަތަކީ 5 އަހަރު
ކޯއްޗެކޭ
08 January 2017
އީސީގެ ގާނޫނީ ޓީމު ބޭނުންވަނީ މިހާރު ކުރިމަތިލާފައި ތިބި ކެންޑިޑޭޓުން ވެސް ކޮންމެވެސް ސިފައެއްގައި އެޕްލިކޭޝަން ހުށަހަޅަންޖެހޭ ގޮތަށް. އެހެން ކަމަށްވާނަމަ އެމްޑީޕީން ޖެހޭނީ އެގޮތަށް އަމަލު ކުރާށެވެ. މީގައި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެ އަދި އިތުރު އެއްވެސް ޗޮއިސް އެއްވެސް އޮވެގެން ނުވާނެއެެވެ. މިމަގުން މިކަން ހިނގަން ޖެހޭނެއެވެ. އެނިމުނީއެވެ. ދެން މާ ބޮޑު ބަހަނާ ތައް ދައްކަން ނަހަދަގަ އެމްޑީޕީން. ތަމެން ގެ އެއްވެސް ބާރެއް ނެތީސް ކިއެއް ކުރާނަމޭ ހިތާތޭ ތިޔާ އުޅެނީ.
މެންޓަލިސްޓް
08 January 2017
ހަގީގަތުގައި ކައުންސިލް އިންތިޙާބު މިހާރު އޮތްގޮތަކަށް ބާއްވާނެކަމެށްނެތް ،،، ރިޔާސީ ނިޒާމްއެއްގެ ތެރެއަށް ކައުންސިލް ތަކެށް ލައިގެން މަސްހުނިކޮއްގެން ތިޔަކަންކުރީމައި ދައުލަތުގެ ޙަރަދު އިންތިހާހަށް ބޮޑުވެގެންދަނީ ،،، ރާއްޖެއަކަށް ތިޔަހައިބައިވަރު ކައުންސިލަރުން ބޭނުމެއްނުވާނެ ،، ކޮންމެ ރަށެއްގައި ބޮޑުކަތީބާޢި ކުޑަކަތީބް ހުރީމައި އޯކޭވާނެ ،، އެމީހުން އެކަމު ހޮވާނީ ރައްޔަތުންގެ ވޯޓަކުން ،،، ދެންރަށުގެ ކަންކަން ނިންމާނީ ރައްޔަތުން އެސްއެމްއެސް ގެ ޒަރިއްޔާއިން ވޯޓްލައިގެން ،، އޭރުން ވާނީ ޑައިރެކްޓް ޑިމޮކްރެސީއަށް ،،، ރިޕްރެސެންޓެޓިވް ޑިމޮކްރެސީ މިއަދުގެ ދުނިޔޭގައި ވަނީ ފެއިލްވެފައި ކަމުގައި ދަންނަވާންޖެހެނީ ،،، ވަރަށްވެދުން