ރޯމާ އިން ސެމްޑޯރިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ރޯމާ
18 އޮކްޓޯބަރ 2022 - 09:56
ޖެނޯއާ (އޮކްޓޫބަރު 18) - ލީގުގެ ފުލުގައި އޮތް ސެމްޑޯރިއާއާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބު ކޮށްގެން ރޯމާ އިން އިޓާލިއަން ސެރީއޭ ގެ ހަތަރު ވަނައަށް ޖެހިލައިފި އެވެ.
ރޯމާ ހަތަރު ވަނައަށް ޖެހިލީ ކުޅުނު 10 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. އަދި ރޯމާ އާއި އެއް ވަނައިގައި އޮތް ނަޕޯލީއާ ދެމެދު އޮތީ ހަތަރު ޕޮއިންޓެވެ. ލީގުގައި ރޯމާ އަށް ދެން އޮތީ އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗެވެ.
ހޯޒޭ މޮރީނިއޯ އިރުޝާދުދޭ ރޯމާ އިން ލީޑު ހޯދީ މެޗުގެ ނުވަ ވަނަ މިނިޓުގައި ކެޕްޓަލް ލޮރެންޒޯ ޕެލެގްރިނީ ކާމިޔާބު ކޮށްދިން ޕެނަލްޓީއިންނެވެ. މި ޕެނަލްޓީ ލިބުނީ ޓެމީ އަބްރަހަމް އޭރިއާ ތެރެއިން ހުރަސްކޮށްލި ބޯޅައެއް ކައިރީގައި ހުރި ސެމްޑޯރިއާ ކުޅުންތެރިއެއް އަތުގައި ޖެހުމުން ވީއޭއާރު ބެލުމަށް ފަހު އެވެ.
ދެވަނަ ހާފުގައި ރޯމާ އަށް ލީޑު ފުޅާކުރަން ފުރުސަތު ލިބުނެވެ. ނަމަވެސް އަންޑްރޭ ބެލޮއްޓީ ފޮނުވާލި ހަމަލާ ސެމްޑޯރިއާގެ ކީޕަރު އެމީލް އައުޑޭރޯ ދިފާއު ކުރި އެވެ. އެއަށް ފަހު ނިކޯލޯ ޒަނިއޯލޯ އަށް ލިބުނު ދެ ފުރުސަތެއް ބޭކާރުވި އެވެ. ފުރަތަމަ ހަމަލާ ކީޕަރާ ދިމާއަށް ފޮނުވާލި އިރު، ދެވަނައަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެން ދަނޑި ކައިރިން ބޭރަށެވެ.
"ހުރިހާ އަނިޔާގެ މައްސަލަތަކަކާ އެކު ވެސް އަހަރެމެން މި ދަނީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރަމުން،" މެޗަށް ފަހު ކޯޗު މޮރީނިއޯ ބުންޏެވެ.
"މިއީ ހައްގު މޮޅެއް، ފަހަރުގައި އަހަރެމެންނަށް ކޮންމެވެސް ވަރެއްގެ ތަކުލީފެއް އުފުލަން ޖެހުނު. އަހަރެންނަށް އެނގުނު ފަހު 20-30 މިނިޓުގައި ޒަނިއޯލޯ ހުންނާނީ ހުސްވެފައި، އޭނާ ގޯލެއް މިސް ކޮށްލި. މޮޅުވީ ހަމައެކަނި 1-0 އިން އެކަމަކު ވެސް މިއީ ހައްގު މޮޅެއް."
މިހާތަނަށް މޮޅެއް ނުހޯދި ލީގު ފުލުގައި އޮތް ސަމްޑޯރިއާ އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ސެމްޑޯރިއާ އަށް ލީގުގައި ދެން އޮތީ އެޓީމަށް ވުރެ ޕޮއިންޓެއް އިތުރަށް ހޯދާފައިވާ ކްރެމޮނީސޭއާ ދެކޮޅަށެވެ. އެޓީމަށް ވެސް އަދި މެޗެއް ކާމިޔާބު ނުކުރެވެ އެވެ.
ސެރީއޭ ގައި ފިއޮރެންޓީނާ ރަށުން ބޭރުގައި ލެއްޗޭ އާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ފިއޮރެންޓީނާ އޮތީ 10 ޕޮއިންޓާ އެކު 13 ވަނައިގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
18 October 2022
''ލީގުގައި ރޯމާ އަށް ދެން އޮތީ އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރޯމާއާ ދެކޮޅަށް ކުޅޭ މެޗެވެ.'' ހެހެހެހެހެ.ސަޅި މެޗަކަށްވާނެ.