ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ބަޔަކު މައްކާގައި: ގިނަ އަދަދެއްގެ ބަޔަކު ހައްޖަށް ދާން ކިއުގައި އެބަ ތިބި
24 އޮކްޓޯބަރ 2022 - 06:48
ސަރުކާރުން ހައްޖާއި އުމްރާ އަށް މީހުން ގެންދިއުމަށް އުފައްދާފައިވާ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދާން މިދިޔަ މަހުގެ ނިޔަލަށް 3،750 މީހަކު ކިއޫގައި އެބަތިބި ކަމަށާއި އެ މުއްދަތަށް އެ މީހުން ދެއްކި ފައިސާގެ އަދަދު 235 މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހައްޖު ކޯޕަރޭޝަނުން ދިން މައުލޫމާތުގައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 30 އާ ހަމަޔަށް ހައްޖު ކިއޫގައި 3،750 މީހަކު ތިބި އިރު އެ މީހުން ދައްކާފައިވާ ފައިސާގެ އަދަދަކީ 235,796,346.01ރ. އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނުން މިހާރު ހައްޖު ދަތުރަކަށް މީހަކަށް ނަގަނީ 69,965ރ. އެވެ. ހައްޖަށް ދާން ކިއުގައި ޖެހޭނީ ހައްޖަށް ދާން ނަގާ ޖުމްލަ ފީގެ މަދުވެގެން 75 ޕަސެންޓް ދެއްކުމުންނެވެ. އެހެންވެ މިހާރު 52،500ރ. ދެއްކުމުން ކިއޫގައި ޖެހޭނެ އެވެ. މާނައަކީ ކިއުގައި ތިބި އެންމެންނަކީ ފައިސާ އެއްކޮށް ދައްކާފައިވާ މީހުންނަށް ނުވުމެވެ.
ހައްޖަށް ދާން އެދި ހުށަހެޅި މީހުން ދެއްކި ފައިސާގެ ތެރެއިން ހައްޖު ކޯޕަރޭޝަންގައި މިހާރު ހުރީ ކިހާ ފައިސާއެއްތޯ އޮޅުންފިލުވަން އެދުމުން އެ ކޯޕަރޭޝަނުން ބުނީ އެއީ ވިޔަފާރީގެ ސިއްރު މައުލޫމާތު ކަމަށާއި އެހެންވެ މައުލޫމާތު ހޯދައި ލިބިގަތުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ނުދޭން ނިންމީ ކަމަށެވެ. މީގެ އިތުރުން ހައްޖަށް ގެންދިއުމަށް އެވްރެޖްކޮށް މީހަކަށް ހިނގާ ހަރަދަކީ ވެސް ވިޔަފާރީގެ ސިއްރެއްގެ ގޮތުގައި ބަލައި، އެ މައުލޫމާތު ވެސް ހާމައެއް ނުކުރި އެވެ.
ނަމަވެސް ހައްޖު ކޯޕަރޭޝަންގެ ވެބްސައިޓްގައި އެންމެ ފަހުން ޝާއިއުކޮށްފައިވާ އަހަރީ ރިޕޯޓް ކަމަށްވާ އެ ކުންފުނީގެ 2020 ވަނަ އަހަރުގެ ރިޕޯޓްގައިވާ ގޮތުން ޑިސެމްބަރު 31، 2020 ގެ ނިޔަލަށް ބޭންކްގައި ހުރި ފައިސާގެ ތެރެއިން، "ކަސްޓަމަރުންގެ އެޑްވާންސް" ފައިސާގެ އަދަދަކީ 151،350،543ރ. އެވެ. މި މުއްދަތުގައި ކުންފުންޏަށް ވެފައިވަނީ 1.6 މިލިއަން ރުފިޔާގެ ގެއްލުމެވެ. އަދި 2019 ވަނަ އަހަރު 12.2 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެ އެވެ.
ހައްޖު ކޯޕަރޭޝަނަށް ގެއްލުން ވިޔަސް މީހުން ހައްޖަށް ގެންދާ އަމިއްލަ ކުންފުނިތަކުން މިކަން ކުރަނީ ފައިދާގަ އެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ހެދި ހައްޖުގެ އަޅުކަމަށް ވެސް ހުރަސްއެޅުނެވެ. ސައޫދީން ވަނީ ގައުމުތަކަށް ދޭ ހައްޖު ކޯޓާ މަދުކޮށްފަ އެވެ. މީގެ ކުރިން ހާހުން ކޯޓާ ދިން ނަމަވެސް މިފަހަރު ވެސް ރާއްޖެއަށް ލިބުނީ އެންމެ 453 ޖާގަ އެވެ. ކޯޓާގެ ދަތިކަމާ ހެދި ހައްޖު ކިއޫ ވަނީ ދިގުވެފަ އެވެ. ކުރީގެ އުސޫލާ އެއްގޮތަށް ފުރުސަތު ލިބޭ ނަމަ ތިން އަހަރުގެ ތެރޭގައި ކިއު ހުސްކޮށްލެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ކުރިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
25 October 2022
ދައުލަތުން ވިޔަފާރިކުރަންވާނީ އާއްމުން ދޭ ހިދުމަތަކަށްވުރެ އަގުހެޔޮކޮށް އެ ހިދުމަތްދޭން..ހައްޖަށް ގެންދިޔަސް ގެއްލުމުގަ. އެސްޓީއޯއިން އެއްޗެއް ގަތަސް އެހެނިހެން ވިޔަފާރިތަކަށްވުރެ އަގުބޮޑު.. ވިނަރެސް ފެލްޓް 2.7 މިލިއަނަށް ވިއްކާއިރު އަމިއްލަ މީހުން އެއަށްވުރެ ޖާގަ ތަނަވަސް ރީތިތަންތަން 2.5 އެބަ ވިއްކާ. މަގެއް ހެދިޔަސް ބަދަރެއް ހެދިޔަސް މަހެއްގަތަސް ގެއްލުމުގަ ނޫންގޮތަކަށް ނުކުރެވޭ.
ޢަލްފާޞިލް
24 October 2022
ޙައްޖައްދާން ކޯޕަރޭޝަނަށް ފައިސާ ދައްކަނީ، ފައިސާ އެއްކުރާ ސޭވިސް ސްކީމެއްކަމަށް ވަންޔާ..ބޭންކް އެކައުއްޓެއް ހުޅުވާފައި ފައިސާ ޖަމާކުރާ ސޭވިން ސްކީމެއް ހެދުންމާ ރަނގަޅުވާނެ. ދެންޕްރައިވްޓް ހައްޖު ގްރޫޕްތައް ސަރުކާރުން ރެގިޔުލޭޓްކުރީމާ ނިނުމީ. ކޯޕަރޭޝަން އުވާލަންވީ.އެވާ ގެއްލުން ސަރުކާރުން ރައްޔިތުން ހައްޖަށް ފޮނުވީމާ މާރަނގަޅުވާނެ....
އަސަރުފެނިފަވީ
24 October 2022
ތީއީ ކަރަޕްޝަން ހާޔެއް. 2019 އަހަރު އަމިއްލަ ޤުރޫޕަކާއިއެކު ހައްޖަދާވެގެން، ހައްޖު ކޯޕަރޭޝަނަށް ދެއްކި ފައިސާ ނަގަން ދިޔާމަ ނުދީ ހިފަހައްޓައިގެންތިބި އެތައް ދުވަހެއް ވަންދެން. އެއިރު ހުރި އެމް.ޑީ އާއި ހަމަ މައްސަލަ ގޮސްގެން، ވަރަށް ހަޑިހުތުރުކޮށް ވާހަކަ ދެއްކީ. ބުނީ ތިމަންނަ އަށް ފެނުނު ވަގުތަކުންނޭ ސޮއިކުރާނީ.
ސޭޑް22
24 October 2022
އެމެރިކާއާ ހުޅަނގުން އެންމެ ފަހުގެ ޒަމާނީ ހަތިޔާރު ގަނެގެން ޔަމަނަށް ބޮންކޮޅެއް އަޅާލަން އެބަޖެހޭ އެތައް އާއިލާއެއް ބިކަވެ އެތައް ކުދިންނެއް ޔަތީމުވެ ބޮޑު ކާރިސާއެއް ވަނީ ކުރިމަތިވެފައި. ހޫ އިޒް ފަންޑިން އޯލް ދިސް. ސޯ ސޭޑް.
އަލްއުސްތާޒް
24 October 2022
މިއީ ރާއްޖޭގައި އެން،މެ ފުޅާދާއިރާއެއްގައި ހިންގާ ޕްންޒީ ސްކީމެއް، ކުންފުންނަށް ފެށުނީސްސުރެ ވަނީ ގެއްލުން. އެފޫބައްދަމުން ދަނީ ފަހުން އެކުންފުންޔަށް ފައިސާ ދައްކާފަރާތްތަކުގެ ފައިސާއިން.މުޅި ކުންފުންޔަށް ގެއްލުންވެ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ރައްޔޮތުންގެ ޓްކެސް ފައިސާއިން. ސަރުކާރުން ޓްރެވެލް އެޖެންޓް ކުރުން ހުއްޓާލާ، ހައްޖުގެ ކަންކަމާއިގުޅޭ ކަންކަން ރެގިޔުލާޓެކުރުން މާ ބުއެްދިވެރި،. ގެއްލުންވާ ފައިސާއިން ހިލޭ ހައްޖައްފޮނުވުންވެސް މާރަނގަޅު.
ކިހިނެއްއެވަނީ
24 October 2022
އެހެންވީމަ ކުރިއަށް އޮތް 1 އަހަރުބާ ދެން މީހުން ހައްޖަށް ގެންދެވޭނީ. އެއަށްފަހު ބަނގުރޫޓުވީއޭ ކިޔައި ފައިސާކޮޅުވެސް އަނބުރާ ނުލިބޭނެހެން ހީވަނީ.
توبة
24 October 2022
ޒިއްމާދާރުކަމާއިއެކު ހިންގާ އެއްވެސް مؤسسةއެއް ނެތޭ ބުނީ ތިހެންވީމާ!
ހަސަނު
24 October 2022
ކުންފުނަޏަށް ގެއްލުން ވެއްޖެ ނަމަ، ކުންފުނީގެ ހިއްސާދާރު އެ ގެއްލުން ވި އަދަދަށް ވާ ފައިސާ ކުންފުންޏަށް އިންޖެކްޓު ކުރާން ޖެހޭނެ. އަލަށް ފައިސާ ދައްކާ މީހުން ދައްކާ ފައިސާއިން، ކުރިން ފައިސާ ދެއްކި މީހުން ހައްޖަށް ފޮނުވާ ނަމަ އެކަން އެބަ ވޭ ޕޮންޒީ ސްކީމަކަށް. ހައްޖަށް ފޮނުވުމަށް ހަރަދު ކުރަން ޖެހޭނީ އެ މީހަކު އެ ބަޔަކު ދެއްކި ފައިސާއިން..
އެޑްމުންޑޯ
24 October 2022
އަޖާއިބެއް ، އެންމެ ބޮޑު އަގުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުންގެންދަނީ ހައްޖު ކޯރޕަރޭޝަން ،ދޭޚިދްމަތާއި ތިބޭހޮޓާވެސް އެންމެ ދައްފެންވަރެއްގައި ހުންނަނީ ހައްޖު ކޯރޕަރޭޝަންގައި ،އެކަމަކު ގެއްލުން ، ވައްކަމާއި ފޭރުން ހައްޖުކޯރޕަރޭޝަނަށްވެސް ވަނީކަމަށް ލަފާކުރެވެނީ ...
ރޯޒަސް
24 October 2022
ވިޔަފާރީގެ ސިއްރޭ؟؟؟؟ ދައުލަތުން ރައްޔިތުންގެ އަޅުކަމަށް މަގުފަހިކުރުމަށާ މަންފާއަށް އުފައްދާފައި ކުންފުންޏަކުން ތި މައުލޫމާތު ދީގެން ތި ވިޔަފާރިއަށް ވާނެ ގެއްލުމެއް މަށަކަށް ނުވިސްނޭ. 12.2 މިލިއަން ރުފިޔާ ގެއް ލުންވާއިރު ހުންނާނީ ސިއްރުން ލައްކަ ކަންކަން ކުރެވިފަ.