ކުޅިވަރު / ކްލަބް މޯލްޑިވްސް ކަޕް

އެމްޕީއެލް އާއި ފެނަކަ ކްލަބް މޯލްޑިވްސް ކަޕުގެ ފައިނަލަށް

ފެނަކައިގެ އަޔާޒް ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: އިމޭޖަސް އެމްވީ

ސެމީ ފައިނަލްގެ ފޯރި ގަދަ މެޗުތަކަކަށް ފަހު ޓީމް ފެނަކަ އާއި އެމްޕީއެލް، މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މެޗަކުން ބަލިނުވެ، ފެނަކަ އިން ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދީ، ހުޅުމާލޭގެ ރެހެންދި ޓާފުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 5-3 އިން ކްލަބް ވެމްކޯ ބަލި ކޮށްފަ އެވެ.

ފެނަކަ ޓީމުގެ އަހުމަދު އަޔާޒް (އަޔާ) ވަނީ ފުރަތަމަ ހާފުގައި އެޓީމަށް ތިން ލަނޑު ޖަހައިދީ، ހެޓްރިކް ހަދައިފަ އެވެ. އަދި ދެ ވަނަ ހާފުގައި ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) ވަނީ އިތުރު ދެ ލަނޑު ޖަހައިދީ ފަސް ގޯލުގެ ލީޑެއް ހޯދައިދީފަ އެވެ. ނަމަވެސް މި ހާފުގައި އަޔާ އަށް އަނިޔާވެގެން ވަނީ ބަދަލު ކުރަން ޖެހިފަ އެވެ.

އެއަށް ފަހު ޑިފެންސިވް ގޭމެއް ކުޅެމުން ދިޔަ ފެނަކަ ކޮޅަށް ވެމްކޯ އަށް ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޝައްފާން (ޝާކާ) އާއި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.

ފެނަކަ އިން ސެމީ ފައިނަލަށް ދަތުރު ކުރީ ކުއާޓާ ފައިނަލް ގައި ދިވެހި ސިފައިންގެ ކްލަބް ބަލިކޮށްފަ އެވެ. އަދި ވެމްކޯ ވަނީ ކުއާޓާ ފައިނަލްގައި، މިދިޔަ އަހަރުގެ ޗެމްޕިއަން އާރުއާރުސީ ބަލިކޮށްފަ އެވެ. ސެމީ ފައިނަލް މެޗަކީ ވެމްކޯ މި އަހަރުގެ މުބާރާތުގައި ބަލިވި ހަމައެކަނި މެޗެވެ.

މީގެ ކުރިން ތިން ފަހަރު ކްލަބް މޯލްޑިވްސް ކަޕް ގެ ޗެމްޕިއަންކަން ހޯދި އެމްޕީއެލް ވަނީ، ރޭގެ ސެމީ ފައިނަލް ގައި ޕެނަލްޓީ ޖަހައިގެން ކްލަބް އެޗްޑީސީ ބަލިކޮށްފަ އެވެ.

މެޗުގެ އެންމެ ފަހު ސިކުންތުގައި އެމްޕީއެލްގެ ތަޖުރިބާކާރު ގޯލްކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) ކާމިޔާބު ކުރި ލަނޑުން 3-3 އިން އެއްވަރު ވެގެން، ޕެނަލްޓީގައި ކުރި ހޯދީ 4-3 އިންނެވެ.

އެމްޕީއެލް މުބާރާތުގެ ސެމީ އިން ޖާގަ ހޯދީ، ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކުރި އެސްޓީއޯގެ މައްޗަށް ކުއާޓާގައި ކުރި ހޯދައިގެންނެވެ. އެޗްޑީސީ އިން ވަނީ ކުއާޓާ ގައި ސްޓެލްކޯ ބަލިކޮށްފަ އެވެ.

ސެމީ ފައިނަލްގެ މެޗުގައި ފުރަތަމަ ތިން ލަނޑު ވެސް ޖަހައި ކުރި ހޯދީ އެޗްޑީސީއިންނެވެ. ފުރަތަމަ ހާފުގައި އަބްދުﷲ ޝާފިއު (ޝާއްޕެ) ލަނޑެއް ޖަހައިދިން އިރު، ދެވަނަ ހާފުގައި ނާއިޒް ހަސަން (ދާދު) ވަނީ ދެ ގޯލު ކާމިޔާބު ކޮށްދީފަ އެވެ.

އެމްޕީއެލް އިން ނަތީޖާ އެއްވަރުކުރީ މެޗު ނިމެން ތިންވަރަކަށް މިނިޓަށްވެފައި ވަނިކޮށް ކާމިޔާބު ކުރި ލަނޑުތަކުންނެވެ. ގާތްގާތުގައި އަލީ ހައިސަމް (ޗުމްޕު) ދެ ލަނޑު ޖަހައިދިން އިރު، އެއްވަރުވީ ފަހު ސިކުންތުގައި ކީޕަރު ފާތިހު އެއްލި ބޯޅަ ގޯލަށް ވަނުމުންނެވެ.

ފާތިހު އެއްލި ބޯޅަ ކުޅުންތެރިއެއް ގައިގައި ނުޖެހި ގޯލަށް ވަތް ކަމަށް އެޕީލް ކުރި ނަމަވެސް، ވަރަށް ގިނަ އިރު ރެފްރީން މަޝްވަރާ ކުރުމަށް ފަހު އެއީ އެމްޕީއެލްގެ ލަނޑެއް ގޮތުގައި ނިންމީ އެވެ.

ކުއާޓާ ފައިނަލް މެޗެކޭ އެއްގޮތަށް ރޭގެ މެޗުގެ ފައިނަލް ގައި ވެސް ފާތިހުގެ ބަދަލުގައި އެމްޕީއެލްގެ ގޯލު ބެލެހެއްޓީ ދެވަނަ ކީޕަރު ވިޝާން އަބްދުލް މާޖިދެވެ. ޕެނަލްޓީގައި އެޗްޑީސީ އިން ވެސް ކީޕަރު ފައްޔާޒް ފަޔާޒްގެ ބަދަލުގައި ގޯލަށް އެރުވީ ބަދަލު ކީޕަރު މުހައްމަދު ޝާފިއު (ޗެކް) އެވެ.

އެޗްޑީސީ އަށް ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ ޝާއްޕެ އާއި ސާމިން މުހައްމަދު ނަސީީރު އަދި ހުސެއިން މިފްރާހް (މިއްޕެ) އެވެ. އެޓީމުގެ ހުސައިން ސުހައިލް އާއި ސުޖާން އަހުމަދުގެ ޕެނަލްޓީ ކީޕަރު ދިފާއުކުރި އެވެ.

އެމްޕީއެލްގެ ޕެނަލްޓީތައް ޖަހައިދިނީ އަހުމަދު ހުސެއިން އާއި މުހައްމަދު ޔަފާއު (ޔާ) އާއި އަހުމަދު ނިޒާމް (ނިޒާމްބެ) އަދި އަހުމަދު ޝަމާލް އަބްދުﷲ (ޝައްމު) އެވެ. ކާމިޔާބު ނުވީ ސާޖިދު ރަޝީދު ޖެހި ޕެނަލްޓީ އެވެ. އެ ޕެނަލްޓީ ދިޔައީ ގޯލު މަތިން ބޭރަށެވެ.

އެމްޕީއެލް އާއި ފެނަކަ ބައްދަލުކުރާ ކްލަބް މޯލްޑިވްސް ކަޕް ގެ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ. މިއީ ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެހެހެ

01 November 2022

އެފްއޭއެމް ލަލަލަލާ! ކްލަބް މޯލްޑިވްސް ހަބޭސް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454