އެންޓި ކޮރަޕްޝަން ކޮންފަރެންސްގައި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވާހަކަ ދައްކަވަނީ: ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ ގިނަ އަދަދެއްގެ މައްސަލަތައް ހުށަހަޅާ ކަމަށް އޭސީސީން ބުނޭ. -- ފޮޓޯ | އޭސީސީ
31 އޮކްޓޯބަރ 2022 - 11:50
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައެއް ބިޑްތަކަށް އިއުލާންކުރަނީ ޝަރުތުތައް ވަކި މީހަކަށް ނުވަތަ ވަކި ކުންފުންޏަކަށް ހެޔޮވަރުވާނެ ހުރިހާ ގޮތަކަށް "ލިބާސް ފަހާފައި" ކަން ތަހުގީގުކުރަން ހުށަހަޅާ މައްސަލަތަކުން އެނގޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީ އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި ފުލުހުންނާއި ކަމާގުޅޭ އެހެން އިދާރާތަކުގެ ވެސް ބައިވެރިވުމާ އެކު ކުރިއަށް ގެންދާ އެންޓި ކޮރަޕްޝަން ކޮންފަރެންސްގައި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވަނީ އެސްއޯއީތައް މެދުވެރިވެ ހިޔާނާތް ހިންގާ ގޮތުގެ ތަފްސީލް ހިއްސާކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ކޮމިޝަނަށް ތަހުގީގުކުރަން ހުށަހަޅާ ގިނަ އަދަދެއްގެ މައްސަލަތައް އެސްއޯއީތަކަށް ބޮޑެތި ތުހުމަތުތަކެއްކޮށްފައި ހުންނަ ކަމަށެވެ. އޭގެތެރޭގައި ގިނައީ ބިޑްތައް ވަކި މީހަކަށް ނުވަތަ ކުންފުންޏަކަށް ހާއްސަކޮށްގެން އިއުލާންކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިއުލާންކުރެވޭ ބިޑްތައް މި ހުންނަނީ ވަކި މީހަކަށް ފެތޭ ގޮތަށް ފަހާފައޭ ބުންޏަސް ރަނގަޅުވާނެ. އަޅުގަނޑުމެން ތަޖުރިބާ މި ހިއްސާކުރަނީ މި އަހަރު ހުށަހަޅާފައި ހުރި މައްސަލަތަކަށް ބަލާފައި," އޭނާ ވިދާޅުވި އެވެ.
"ސްޕެސިފިކޭޝަން ދިމާވާ މިންވަރަށް ލިބާސް ފަހާ ނިންމާފައި ހުރޭ."
އެ މައްސަލަ އޭސީސީއަށް ހުށަހެޅިޔަސް ބިޑް އިއުލާންކުރާ އިރު ހުރިހާ ޝަރުތުތަކެއް ވަކި ބަޔަކަށް ލިބޭގޮތަށް އޮންނާތީ ބެލޭކަށް ނޯވެ އެވެ. މިއީ ކަނޑައެޅި އެނގި ތިބެ ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށް އަބްދުއްސަލާމް ވިދާޅުވި އެވެ.
އެންޓި ކޮރަޕްޝަން ކޮންފަރެންސްގައި ބައެއް އިދާރާތަކުގެ މުވައްޒަފުން ބައިވެރިވަނީ.
ބިޑް ކާމިޔާބުވާ ކުންފުނިތަކުގެ ތެރެއިން ވަކި ބަޔަކަށް ފައިސާ ދޫކުރަމުންދާ މައްސަލަ ވެސް ބޮޑެވެ.
އަބްދުއްސަލާމް ވިދާޅުވި ގޮތުގައި އޭގެތެރެއިން ފައިސާ ދޫކުރާ ބައެއް ކުންފުނިތަކަކީ ގުޅުން އޮންނަ ނުވަތަ އެ ފައިސާ ދޫކޮށްގެން މަންފާއެއް ލިބޭނެ ކުންފުނިތަކެވެ. މިގޮތަށް ހެދުމުން ބިޑަށް ދެން ކުރިމަތިލާ އެހެން ކުންފުނިތަކުގެ ކޭޝްފްލޯއެއް ނުހުންނަ ކަން ފާހަގަވާ ކަމަށް އޭސީސީން ބުންޏެވެ.
މިއީ ވެސް ވަކި ބަޔަކަށް ޕްރޮޖެކްޓް އެވޯޑްކުރަން ހިންގާ އަމަލެއްގެ ގޮތުގައި ބެލުމުގެ ޖާގަ އެބައޮތް ކަމަށް އަބްދުއްސަލާމް ވިދާޅުވި އެވެ.
ކޮމިޝަންގެ މެމްބަރު ތޯހާ މުހައްމަދު ވިދާޅުވި ގޮތުގައި އަގު ހެޔޮކޮށް ލިބެން ހުންނަ މުދާ ބޮޑު އަގުގައި ހޯދަން ވެސް ކުންފުނިތަކުން އިއުލާންކުރާކަން ތަހުގީގުކުރަން ހުށަހަޅާ މައްސަލަތަކުން އެނގެ އެވެ.
އޭސީސީއަށް ހުށަހަޅާ މައްސަލަތަކުން އެނގޭ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަބަދުވެސް އޮންނަނީ އިމަޖެންސީ ހާލަތު މެދުވެރިވެފަ އެވެ. ހިދުމަތް ހޯދުމާއި އިއުލާންކުރަން ޖެހޭ ހިސާބުން މި އިމަޖެންސީ ހާލަތު ކުންފުނިތަކަށް ދިމާވެ އެވެ.
"އެ ބޭފުޅުން ބޭނުންވާ މުދަލެއް ހޯދަން ޖެހޭ ހާލަތުގައި އަސްލު އިމަޖެންސީ ހާލަތެއް މެދުވެރި ނުވިޔަސް އޮންނަނީ އެމެޖެންސީގައި މުދަލާއި ހިދުމަތް ހޯދަން ޖެހިފައި. އިމަޖެންސީވާ ސަބަބެއް އެއްވެސް ވަރަކަށް ނޯވޭ. އިމަޖެންސީވާ ހާލަތް ބޭނުންކޮށްލާ ލޫޕްހޯލް ބޭނުންކޮށްފައި މި އޮންނަނީ," ސަލާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުއްލިއަކަށް މުދަލާއި ހިދުމަތެއް ހޯދަން ވެއްޖެ ނަމަ ސަބަބު އެނގެން ޖެހޭނެ ކަމަށެވެ.
ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ބޭނުންވެއްޖެ ނަމަ ވަޒީފާތަކަށް އިއުލާންކުރެވޭ ގޮތަށް ބައެއް ކުންފުނިތަކުގައި މިހާރު ވެސް އަމަލުކުރެ އެވެ.
"ވަގުތީ ގޮތުން ވަޒީފާއަކަށް މީހަކު ނަގާފައި, ދޭތެރެއަކުން އެ ވަޒީފާ ދާއިމީ އެބަކޮށްލާ. އެކަމެއް ކުރަން ބަޔަކު ތިއްބާ ވެސް އެހެން ބަޔަކު ހަމަ އެކަމަށް އެބަ ނަގާ," ކޮމިޝަންގެ މެމްބަރު ތޯހާ ވިދާޅުވި އެވެ.
އެސްއޯއީތަކަށް އަބަދުވެސް ހިޔާނާތުގެ ބޮޑެތި ތުހުމަތުތައް ކުރެ އެވެ. އޭގެތެރޭގައި ބޮޑެތި އަދަދުތަކުން ހިޔާނާތް ހިންގާފައިވާ މައްސަލަތައް ވެސް ހިމެނެ އެވެ. އޭސީސީން އަންނަނީ އެފަދަ ގިނަ މައްސަލަތަކެއްގެ ތަހުގީގު ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްކަންދަރު ޓީޗާރު
31 October 2022
މައްސަލައަކީ އޭސީސީގެ ފެންވަރެއް ހުނަރެއް އަދި ކަންކަން ހައްލުކުރާނެ ގޮތް ބުނެދޭން އަދި ލަފައެއްދެން އެނގޭނެ މިހަކުވެސް ނެތްކަމެވެ. ލިބާސްފަހަނީ އެސީސީގެ ޑިޒައިނަށެވެ. އޭސީސީ އަށް ފަރުމާ ކުރަން ނޭގުމަކީ އެސްއޯއީތަށް ހަމަމަގުން ނެއްޓުމުގެ އަސްލު މައްސަލައެވެ. ތިޔަތާނގައި ކުރިންތިބި މީހުންްވެސް އުޅުއްވީ ކަމަކާއި ޖެހިގެން ބަލާލިއިރު ހުޅު މާލެއިން ފްލެޓް ބައްލަވައިގެން ‘ޕަދްމާވަތީ’ ބަލަން ބައިސިކޯފްގައެވެ.
ލަތީ
31 October 2022
އެންމެން ދަންނަ ބޮޑުސިއްރު ނޫހުގެ ފަލަސުރުހީގަ
ރައްޔިތުކަލޭގެ
31 October 2022
ތަޅަނީ އަގައެވެ. ބާއްވަނީ ބައްދަލުވުމެވެ. މައްސަލަ ބަލާ ދުވަހަކު ނުނިމެއެވެ. ފިޔަވަޅެއްވެސް ނޭޅޭއެވެ. އޭސީސީ އުވާލާށެވެ!!!
މުސީބާތް
31 October 2022
ތިކަމުގައި އާރުޑީސީ އޮތީ ޖައްވުގަ. އަދިކޮބާ މުވައްޒަފުން ލައްވާ އަޅު ހައްދައިގެން ދުވާލަކު 10ގަޑިއިރު ވެސް އެބަ މަސައްކަތްކުރުވާ ސައިޓުތަކުގައި މޫކޭ އިސްވެހުރެ. ރައްޔިތުމީހާ ވަޒީފާ ބޭނުމިއްޔާ އަގަ ލައްޕައިން ތިބެންޖެހެނީ. ރައްޔިތުންނަކީ އަޅުންނެއްނޫން!!!! ސޯލިހުއަށް ވޯޓެއް ނުދޭނަން
ބާރުބާރު
31 October 2022
އެޗްޑީސީ ތިކަމުގެ އެންމެ ކުރީގާ. ކޮރަޕްސަންގެ ފަނިއަޅާ ކުނިވެފަ އޮތްތަނެއް
ކޮރަލް
31 October 2022
އެންމެން ދަންނަ ވާހަކަ އެއް ދައްކާ ލުމުން ވަޒީފާ ގެ ޒިންމާ އަދާ ކުރެވުނީ ކީ ނޫނެވެ. ފިޔަވަޅު އަޅާ ބަލަށެވެ. އެންމެ މައްސަލަ އެއް ވެސް ނިންމަ ބަލާށެވެ.
ބޮޑުމީހާ
31 October 2022
އެސްއޯއީތައް ގަވާއިދުތަކަސް ފައްތަން ދައުލަތުން ބޮޑު ޚަރަދުކޮށް އޭސީސީއެއް ހަދާފަ ހުންނަނީ. ދެން ކޮންފަރެންސް ބާއްވައިގެން، ނޫސް ކޮންފަރެންސް ދީގެން ތިކަމެއް ހައްލެއް ނުވާނެ. ތީ އޭސީސީއާއި ގުޅިގެން ހިންގާ ޖަރީމާތައް. މިއަދު ތިކޮންފަރެންސްއަށް މިލިއަނުން ޚަރަދު ނުކޮށް އޮފީހުގަ މައްސަލަތައް ބަލާ މީހުން ހާޒިކޮށް ކޯޓަށް މައްސަލަތައް ލުން މާ އައުލާކަންބޮޑު. ކޮރަޕްޝަން ހިންގާގޮތް ނޭގިގެން އުޅޭ ދިވެއްސެއް ނެތް މިގައުމުގަ
އަބީލް
31 October 2022
ލިބާސްފަހާނެތާ ރައީސްއޮފީހުގެ މިނިސްޓަރުންނާއި މަޖިލީސްމެންބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ލިބޭގޮތް ހަދަން...
ދިރާގް މުއައްޒަފެއް
31 October 2022
މައްސަލައަކީ އޭސީސީއެވެ. ބަޔަކު ވަޒީފާއެއް ދޭއިރަށް ތިމަންނާއަށްވާނެއޭ ކިޔަފައި ގޮސް އެސީކަހަލަ ޓެކްނިކަލް، އަދި ކޮމްޕްލެކްސް، މަލްޓި ޑިސިޕްލިން ވަޒީފާތަކަށް ޝަރީއާއާއި އެކައުންޓްސް އިން ޑިގްރީ ހިފައިގެން ގޮސް ކުރިމަތިލާނަމަ، މިކަންކަން ހައްލު ކުރަން، އަދި ކަމެއް ރަނގަޅަށް ނުވަތަ ގޯސްކޮށް ކުރިޔަސް ނޭގޭނެއެވެ. ތިޔަ އުޅެނީ އަމިއްލައަށް ބަރަހަނާވާންތޯއެވެ؟ ފުރަތަމަ އިސްލާހްވާންވީ އޭސީސީއެވެ. ކަމަށް ޤާބިލުނުވުމުގެ ނަތީޖާއަކީ ހައްލު ނޭގުމެވެ.
އެދުރުކަލޭގެފާނު
31 October 2022
އޭސީސީގެ މުއައްޒަފުންގެ އެއްވެސް ޓެކްނިކަލް ހުނަރެއްވެސް މިފަދަ ކޮމެންޓް ކުރާން، އަދި މިފަދަ މަޢުލޫމާތުދޭން ނުހުންނާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެސްއޯއީ ތަކުގެ ވާހަކަ ދައްކާއިރު ތިޔަ އޭސީސީގައި ތިބެނީ އެކައުންޓެންޓްން ތަކަކެެވެ. ދެން އައިޖީއެމްއެޗްގެ ސައިންސް އިންސްޓުރޫމެންޓް ތަކަށް ހަމަ ޓެންޑާރގެ ބޭރުފުށަށް ބަލައި ކޮމެންޓް ކުރަނީއެވެ. ތިޔަކަން ބޮޑަށް ވައްތަރީ ޑޮކްޓަރަށް ދާށޭ ބުނީމައި ކީއްވެހޭ ޑޮކްޓަރ މުނައްވަރަށް ނުދެއްކީ ބުނުމާއި އެވެ.
ޖުހާނާ
31 October 2022
ކަލެއަށް ތިޔަހުރީ މާބޮޑަށް އެނގިފައި. އޭސީސީގެ އިންވެސްޓިގޭޝަން އޮފުސަރުންގެ ތެރޭގައި އެކައުންޓެންޓުންނަށްވުރެ ލޯޔަރުން މަދެއް ނުވާނެ. އަދި އިންވެސްޓިގޭޝަނާ ބެހޭ ތަމްރީންތައް ލިބިފައި ތިބި މީހުންވެސް މަދެއް ނުވާނެ.
ހުޒާމު
31 October 2022
ރާއްޖޭގެ ލޯޔަރުންގެ ފެންވަރި މާތްރަސް ކަނލާނގެއާއި ވަކީލެވެ. އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރުންގެ މަސައްކަތް، ބޮޑަށް ވައްތަރީ ވަދު މަސްވެރިކަމާއެވެ. އެސްއޯއީ ތަކަކީ އޭސީސީ ވަދާ ދުއްވާ މަސްކަނޑުތައް ހެންވެސް ތިޔަ އޮފިސަރުން އުޅުއްވާގޮތުން ހީވޭއެވެ. އަހަރުމެން އޮފީހަށް އެއްފަހަރަކު ދުރުވި އޮފިސަރަށް ވުރުން ރޭނގަޑުގައި އޮފީސް ދޮށޮގައި ހުންނަވާ ގާޑްގެ މަޢުލޫމާތުވެސް މުއްސަންޖެވެ. އޭސީސީގައި ތިބި ގިނަ މުއައްޒަފުން ބަދަލުކޮށްގެން ނޫނީ ހައްލެއްނެތެވެ.
ޑޮކްޓާރ. ބަނާނާ
02 November 2022
އެދުރުކަލޭފާނު ވެސް އެ ވިދާޅުވީ މުޅިން ދޮގުވާހަކައެއްނޫން... ލޯޔަރު ވެފަ ކަރުދާސް ކޮޅުއޮތީމާ ހުރިހާ އެއްޗެއް އެގުނީތޯ؟؟ ކޮބާ މައްސަލައެއް ބަލަން ބޭނުންވާ އިރު އެކަމުގެ ތަޖުރިބާ އަދި ހުނަރު؟؟