މި އަހަރުގެ ޖޫން މަހު ބޭއްވ އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ބޯޑުގެ ބައެއް މެމްބަރުން.---ފޮޓޯ: މިހާރު
03 ނޮވެމްބަރ 2022 - 20:41
މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ސާފު ފައިދާގެ ގޮތުގައި 11.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނިން ނެރުނު މާލީ ހިސާބުތަކުގައި ވާ ގޮތުން، މި އަހަރުގެ ކުއާޓަރުގެ ސާފު ފައިދާ ވަނީ ދެވަނަ ކުއާޓާއާ އަޅާބަލާއިރު 16.5 ޕަސެންޓު ކުރިއަރައިފަ އެވެ. ދެވަނަ ކުއާޓަރުގައި، 25،000 ހިއްސާދާރުން ތިބި އެމްޓީޑީސީގެ ސާފު ފައިދާއަކީ 9.9 މިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ ކޯޕަރޭޝަނަށް 28 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އެއީ ދެ ވަނަ ކުއާާޓާއާ އަޅާބަލާއިރު 1.4 ޕަސެންޓުގެ ކުރިއެރުމެކެވެ.
ތިން ވަނަ ކުއާޓަރުގައި އެ ކޯޕަރޭޝަންގެ ހިންގުމުގެ ހަރަދުތައް އިތުރުވި ނަމަވެސް، އެހެނިހެން ހަރަދުތައް ވަނީ ކުޑަކޮށްފަ އެވެ. އެ ކުއާޓަރުގައި ލިބުނު ސާފު ފައިދާ އިތުރުވެފައި ވަނީ އެހެންވެ އެވެ.
އެމްޓީޑީސީން ވަނީ 11 އަހަރަށް ފަހު، މިދިޔަ ތިން އަހަރެއްހާ ދުވަހު އެ ކުންފުނީގެ ހިއްސާދާރުންނަށް ފައިދާ ބަހައިފަ އެވެ. އަދި ކުންފުންޏަށް މިހާރު ވަނީ ފައިދާ ކަމަށް މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވި އެވެ.
އެމްޓީޑީސީގެ ދަށުން ދެ ރިސޯޓެއް ކާމިޔާބުކަމާއެކު އަންނަނީ ހިންގަމުންނެވެ. އެއީ 2010 ވަނަ އަހަރު ގދ. މަގުދުވާގައި ހުޅުވި، އަޔާޑާ މޯލްޑިވްސް ރިސޯޓާއި ބ. ކިހަވަށް ހުރަވަޅީގައި 2011 ވަނަ އަހަރު ހުޅުވި އަނަންތަރަަ ކިހަވަށް ރިސޯޓެވެ.
އެމްޓީޑީސީން ޖޮއިންޓް ވެންޗާގެ ދަށުން ހިންގަން ފަށާ ފުރަތަމަ ރިސޯޓުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށަން އަންނަނީ ތައްޔާރު ވަމުންނެވެ. ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރޯ ގަލަދާރީ ކުންފުނީގެ 85 ޕަސެންޓާއި އެމްޓީޑީސީގެ 15 ޕަސެންޓާއެކު ތަރައްގީކުރާ އެ ރިސޯޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަންނަ އަހަރު ނިންމައި އެ އަހަރު ނިމުމުގެ ކުރިން ހުޅުވާނެ ކަމަށް އެމްޓީޑީސީން މިދިޔަ ހަފުތާގައި ބުންޏެވެ.
އެ މަޝްރޫއުގެ އިތުރުން އެމްޓީޑީސީން އަންނީ އަމިއްލަ ރިސޯޓެއް ހިންގުމަށް ވެސް ޕްލޭންތަކެއް ހަދަމުންނެވެ. އަދި އަމިއްލަ އޮފީސް އިމާރާތެއްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިކުރު
06 November 2022
ހިއްސާދާރުން ބޭނުންވަނީ އަމިއްލަ 3 ރިސޯޓްވަރު ކުންފުނިން ހިންގޭތޯ މަސައްކަތް ކުރުމަށެވެ. މިވަގު ކުންފުނީގެ މާލީ ހާލަތު ހުރިގޮތުން ފައިދާ ބާހަކަށް ހިއްސާދާރުން ބޭނުންމެއް ނުވެއެވެ. އެފައިސާއިން ކުންފުނި އިތުރަށް ހަރުދަނާ ކުރުމަށް ގޮވާލަމެވެ. ތިދޭ 50 ލާރި ބެހުން ބުއްދިވެރި ކަމެއްނޫނެވެ.
މުދިންބޭ
03 November 2022
ކޮން ފައިދާއެއްހޭ ވާނީ.. ފުރަތަމަ ދައުލަތަށް ދައްކަން އޮތް 13 މިލިއަން ޑޮލަރު ދައްކާފައި ދެން އެއްޗެއް ބާކީވެގެންދޯ ފައިދާ ވާނީ.. މުޅިންވެސް އޮޅުވާލުން
ޓީޓީ
05 November 2022
ހާދަ އަސަރެކޭ ތިކުރަނީ އެކަމަކުވާ. ތިކުންފުނި ކުރިއަރާ ދާތަން އެބަފެނޭ. ކުރިޔާ ވަރަށް ތަފާތު.