ޗެލްސީގެ ކުރީގެ ފޯވާޑް ޑްރޮގްބާ.
10 ޖެނުއަރީ 2017 - 13:45
ލަންޑަން (ޖެނުއަރީ 10) – ފްރާންސް ލީގުގެ ކްލަބަކުން އޮފާއެއް ލިބިފައިވާ ކަމަށާއި އަދިވެސް ކުޅޭ ހިތްވާ ކަމަށް މިވަގުތު ހުސްކޮށް ހުރި އައިވަރީ ކޯސްޓުގެ ފޯވާޑް ޑިޑިއާ ޑްރޮގްބާ ބުނެފި އެވެ.
ކެނެޑާގެ މޮންރެއަލް އިމްޕެކްޓަށް ކުޅުމަށް ފަހު މިވަގުތު ކްލަބެއް ނެތި ހުރި އުމުރުން 38 އަހަރުގެ ޑްރޮގްބާ ކޯޗެއްގެ ގޮތުގައި ކުރީގެ ކްލަބް ޗެލްސީއާ ގުޅެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު އޭނާ ބުނީ ރިޓަޔާކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.
"ފްރާންސަށް އެނބުރި ދިއުމަށް އެބައޮތް ފުުރުސަތު ލިބިފައި. އެކަމަކު އިތުރަށް އެ ވާހަކަ ދައްކާކަށް ނެތިން،" ޑްރޮގްބާ ބުންޏެވެ.
އޭނާ ބުނީ ކުރީގެ ކުރީގެ ކްލަބް ފްރާންސުގެ އޮލިމްޕިކް މާސޭ އަށް އެނބުރި ދާން ބޭނުންވާ ކަމަށެވެ. އެކަމަކު އޭނާ އަށް ފުރުސަތު ލިބިފައިވަނީ މާސޭ އިން ކަމެއް ނޭގެ އެވެ.
"އަހަރެން މާސޭ އަށް އެނބުރިދާނެތޯ މިއީ މިދިޔަ 12 އަހަރު އަބަދުކުރެވޭ ސުވާލެއް. އަހަރެން އަބަދުވެސް ދޭ ޖަވާބަކީ ކޮންމެވެސް ދުވަހަކު އެނބުރި ދާނަމޭ،" ޑްރޮގްބާ ބުންޏެވެ. "އަހަރެން މިވަގުތު ބޭނުންވަނީ އަނެއްކާ ވެސް ކުޅެން ފަށަން. އަހަރެންގެ ކިބައިގައި ހިތްވަރު އެބަހުރި. ކީއްވެ ހުއްޓާލަންވީ؟"
މާސޭ އަށް 2003/2004 ގައި ކުޅެ ޖެހި 34 ލަނޑާ އެކު ޑްރޮގްބާ މުޅި ދުނިޔެއަށް މަޝްހޫރުވި އެވެ. ޖެހިގެން އައި އަހަރު ޗެލްސީ އަށް ބަދަލުވެ އެ ކްލަބަށް 200 އަށް ވުރެ ގިނަ މެޗު ކުޅެދީ 100 އަށް ވުރެ ގިނަ ލަނޑު ޖަހައިދިނެވެ. އޭނާ އެ ކްލަބް ދޫކޮށް ޗައިނާ އަށް ބަދަލުވީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް ފަހު އެވެ. އޭގެ ފަހުން އޭނާ 2014 ވަނަ އަހަރު ވެސް ޗެލްސީ އަށް ކުޅުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy