މާއުނގޫދޫގައި ރޭ ހިންގި މާރާމާރީގައި ޒަހަމްވި މީހާގެ ގައިން ފައިބާފއިވާ ލޭތައް ބިންމަތީ.-- ފޮޓޯ: ސޯޝަލް މީޑިއާ
09 ނޮވެމްބަރ 2022 - 09:56
ށ. މާއުނގޫދޫގައި ރޭ ހިންގި މާރާމާރީއެއްގައި ދެ ޒުވާނަކަށް ވަޅިން ހަމަލަދީ، ޒަހަމްކޮށްލައިފި އެވެ.
ރޭގެ ދަންވަރު 12 ޖަހާކަންހާއިރު ހިންގި އެ މާރާމާރީއާ ގުޅޭ ގޮތުން ކައުންސިލްގެ ރައީސް އާދަމް ސަލީމް "މިހާރު" އަށް މިއަދު ވިދާޅުވީ، އެންމެ ބޮޑަށް އަނިޔާވި ޒުވާނާ އަށް މާއުނގޫދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް މިހާރު ގެންގޮސްފައި ކަމަށެވެ.
ހަމަލަ އަމާޒުވީ، އުމުރުން 31 އަހަރުގެ އެ ޒުވާނާގެ ބަނޑަށް ކަމަށް ސަލީމް ވިދާޅުވި އެވެ.
ރިސޯޓެއްގައި މަސައްކަތްކުރާ އެ މީހާގެ ހާލު ސީރިއަަސް ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އެ މާރާމާރީގައި ދެން އަނިޔާވީ އުމުރުން 25 އަހަރުގެ ޒުވާނަކަށެވެ.
ފުލުހުން މިއަދު ބުނީ، މާރާމާރީގެ މައުލޫމާތު ލިބުނީ ރޭގެ ދަންވަރު 12:40 ހާއިރު ކަމަށެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 31 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މާރާމާރީ އާއި މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ކައުންސިލްގެ ރައީސް ތުހުމަތު ކުރެއްވިޔަސް ފުލުހުން އަދި އެ މައްސަލައިގެ ތަފުސީލެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy