ކުޅިވަރު / ވޯލްޑް ކަޕް 2022

ބޮލަށް އަނިޔާ ވެފައިވަނިކޮށް އިރާންގެ ކީޕަރަށް ކުޅެން ހުއްދަ ދިން މައްސަލަ

އިރާންގެ ކީޕަރު އަލި ރޭޒާގެ ބޮލަށް އަނިޔާވެފައި: އޭނާގެ ބޮލަށް އަނިޔާ ވެފައިވާއިރު ވެސް ކުޅުމުގެ ހުއްދަ ވަނީ ދީފަ --- ފޮޓޯ: ގެޓީ އިމޭޖަސް

21 ނޮވެމްބަރ 2022 - 20:52

ދޯހާ (ނޮވެމްބަރު 21) - ވޯލްޑް ކަޕްގެ ދެވަނަ މެޗުގައި މިރޭ އިންގްލެންޑާ ދެކޮޅަށް އިރާން ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީ ކޮޅު އިރާންގެ އެއްވަނަ ކީޕަރު އަލި ރޭޒާ ބެއިރަންވަންދުގެ ބޮލަށް އަނިޔާވުމުން ވެސް މެޗު ކުރިއަށް ގެންދިޔަ އެވެ.

އިންގްލެންޑުން އުފެއްދި ހަމަލާއެއް ދިފާއު ކުރަން ނުކުތް ވަގުތު އަލީ ރެޒާ އާއި އޭނާގެ އަމިއްލަ ޓީމުގެ އެހެން ކުޅުންތެރިޔަކު ޖެހި ކީޕަރުގެ ބޮލަށާއި މޫނު މައްޗަށް އަނިޔާވި އެވެ. ލިބުނު އަނިޔާ އަށް ފަރުވާ ހޯދަން ގާތްގަނޑަކަށް 12 މިނެޓަށް ހާއިރަށް ދެމިގެން ދިޔަ އެވެ.

އޭނާ އަށް ފަރުވާ ދޭން ފެށި ތަނާ ހެން ބެންޗުގައި ހުރި ބަދަލު ކީޕަރު ހުސައިން ހުސައިނީ ވޯމް އަޕް ކުރަން ފެށި އެވެ. އެކަމަކު ގިނަ އިރުތަކެއް ވަންދެން ފަރުވާ ހޯދުމަށް ފަހު އަލީ ރެޒާ ކުޅުން ކުރިއަށް ގެންދަން ނުކުތެވެ.

އަލީ ރެޒާ އަށް ދަނޑު މަތީގައި ފަރުވާ ދެނީ: ފަރުވާ އަށް ފަހު ކުޅެން ނުކުތް އިރު ވެސް އޭނާގެ ހާލަތު ރަނގަޅު ކަން ކަށަވަރުނުކޮށް މެޗުން ވަނީ ފުރުސަތު ދީފަ --- ފޮޓޯ: އޭއެފްޕީ

އުމުރުން 30 އަހަރުގެ ކީޕަރު، ފަރުވާ އަށް ފަހު ކުޅެން ނުކުތް އިރު ވެސް ނޭފަތުން ލޭގެ އަސަރު ފެންނަން ހުއްޓެވެ. އޭނާގެ ބޮލަށް ލިބުނު އެ އަނިޔާ ނުރައްކާ ކަމަށް ފެންނަ ފެނުމުން ވެސް ބެލެވުނެވެ. އެކަމަކު މެޗުގެ ރެފްރީ ބްރެޒިލްގެ ރަފޭލް ކްލައުސް ވަނީ މެޗު ކުރިއަށް ގެންދިއުމުގެ ހުއްދަ ކީޕަރަށް ދީފަ އެވެ. އިރުކޮޅަކު މެޗުގެ ތެރޭގައި ހޭދަ ކުރުމަށް ފަހު އަލީ ރެޒާ ވަނީ އޭނާ ބަދަލު ކުރުމަށް އަމިއްލަ އަށް އެދި، ދަނޑު މަތީގައި އޮށޯ ވެފަ އެވެ. އޭނާ ބާލަން ޖެހުނީ އަށި ގަނޑުގައި އެހީތެރިން ކައިރީގައި ތިބެގެންނެވެ.

މީޑިއާ ތަކުން މިހާރު ފެންމަތި ކުރާ ސުވާލަކީ ކީޕަރުގެ ބޮލަށް އަނިޔާވެފައި ވަނިކޮށް ވެސް މެޗުގައި ކުޅުމުގެ ހުއްދަ ދިނީ ކީއްވެތޯ އެވެ.

ކީޕަރު އަލީ ރެޒާ ކައިރީގައި މެޗުގެ ރެފްރީ ރަފޭލް ކްލައުސް މަޑު ކޮށްލައިގެން: ކުޅުންތެރިޔާގެ ހާލަތު ރަނގަޅު ނޫންކަން ކަށަވަރު ނުކޮށް ރެފްރީ ވަނީ ކުޅުމުގެއް ހުއްދަ ދީފަ --- ފޮޓޯ: އޭއެފްޕީ

ގަވާއިދުގައި ބުނަނީ ކީކޭ؟

ކުޅުންތެރިޔާގެ ހާލަތު މެޑިކަލް ސްޓާފުން ބެލުން

ކުޅުންތެރިޔާ އަށް ލިބުނު އަނިޔާގައި އެއް ވެސް ޒަހަމެއް ހުރިތޯ ޓީމުގެ މެޑަިކަލް ސްޓާފުން ބަލަން ވާނެ އެވެ. އަދި އޭނާ އަށް އަނބުރައި ގަތުން ކަހަލަ ކަމެއް ނުވަތަށް ބޮލަށް ބަރު ވެފައި ހުރުން ކަހަލަ ތަދެއް ވެފައި ހުރިތޯ ބެލުމަށް ވީޑިއޯ އެވިޑެންސް ވެސް ބޭނުން ކުރެވިދާނެ އެވެ. މެޗު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ދޭން ޖެހޭނެ އެވެ. އެކަމަކު އެފަދަ އެއް ވެސް ޔަގީން ކަމެއް ޓީމަކުން ނުދެ އެވެ.

އިރާންގެ ކީޕަރާއި އެ ޓީމުގެ ކުޅުންތެރިޔަކު ވާހަކަ ދައްކަނީ

ކުޅުންތެރިޔާގެ ހެޔަށް ގޮތް ވެދާނެތީ ނުވަތަ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން އިތުރު ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ބެލެވިދާނެތީ އޭނާ އަލުން މެޗަށް އައުމަށް ފުރުސަތު ނުދިނުމަށް ބާރު އަޅަ އެވެ. ބޮލަށް ލިބޭ އަނިޔާއެއްގެ ސަބަބުން ހެޔަށް އަސަރު ކުރާ ކަމަށް ފެންނާތީ އާންމުކޮށް ކުރާ ފަސް ބަދަލުގެ ތެރޭގައި ނުހިމެނޭ ގޮތަށް ދެ ބަދަލު ކުރެވިދާނެ އެވެ. ކީޕަރުގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން މިރޭގެ މެޗުގައި އިރާނުން ކުރި ބަދަލު ހަޔަކަށް އެރީ އެ ގާވައިދުގެ ދަށުންނެވެ.

ފުޓްބޯޅައިގެ ގަވާއިދު ހަދާ އިންޓަނޭޝަނަލް ފުޓްބޯޅް އެސޯސިއޭޝަން ބޯޑުން ގަބޫލު ކުރާ ގޮތުގައި އެ ހާލަތުގައި ކުޅުންތެރިޔާ ކުޅެން ފުރުސަތު ދިން ނަމަވެސް ޓީމަށް އަދަބު ދޭން ނުޖެހޭ ކަމަށެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 70%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454