ސްޕެއިން އަށް ދެ ލަނޑު ޖަހައިދިން ފެރާން ޓޯރޭޒް އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ
23 ނޮވެމްބަރ 2022 - 23:06
ދޯހާ (ނޮވެމްބަރު 23) - މެޗު ފެށިގެން ނިމެންދެން ސްޕެއިން އިން ކޮންޓްރޯލްކޮށް ކޮސްޓަރިކާގެ މައްޗަށް 7-0 ގެ ބޮޑު މޮޅަކުން ވޯލްޑް ކަޕް ފަށައިފި އެވެ.
ވޯލްޑް ކަޕްގެ ފޭވަރިޓް ޓީމުތައް ކަމަށް މަޝްހޫރު ވެފައި އޮންނަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ސްޕެއިން މިރޭ ވަނީ ކޮސްޓަރިކާގެ މައްޗަށް މުޅި ގޭމްގެ ކޮންޓްރޯލް ހޯދައިފަ އެވެ. ބޯޅަ ޑޮމިނޭޓްކޮށްގެން ކުޅުމުގައި ވެސް ސްޕެއިންގެ ޕަސަންޓޭޖް އުޅެނީ މާ މަތީގަ އެވެ.
ފުޓްބޯޅައިގައި ވަރުގަދަ ބާރެއްގެ ގޮތުގައި ބަލާ ޓީމުތަކުގެ ތެރެއިން މުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ސްޕެއިންނެވެ. އެ ލިސްޓްގައި ހިމެނޭ އާޖެންޓީނާ، ޖަރުމަން ވަނީ ބަލި ވެފަ އެވެ. ފަހުގެ ޗެމްޕިއަން ފްރާންސް މޮޅުވިޔަސް ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ހިފަހައްޓައެއް ނުލެވުނެވެ.
ސްޕެއިންގެ ކުޅުންތެރިން އުފާފާޅު ކުރަނީ: އެ ޓީމު ވަނީ ބޮޑު މޮޅެއް ހޯދާފަ --- ފޮޓޯ: އޭއެފްޕީ
މެޗުގައި ގާތްގަނޑަކަށް 30 މިނެޓް ތެރޭ ސްޕެއިން އިން ތިން ލަނޑު ޖެހި އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓްގައި ޖެހީ ޑެނީ އޮލްމޯ އެވެ. އޭނާގެ އެ ލަނޑަކީ ވޯލްޑް ކަޕްގައި މިހާތަނަށް ސްޕެއިން ޖެހި 100 ވަނަ ލަނޑެވެ. އޭގެ ގާތްގަނޑަކަށް 10 މިނެޓް ފަހުން މާކޯ އެސެންސިއޯ ވަނީ ޖޯޑީ އަލްބާ ތަަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އޭގެ 10 މިނެޓް ފަހުން ލިބުނު ޕެނަލްޓީގައި ފެރާން ޓޯރޭޒް ވަނީ ސްޕެއިންގެ ހަތަރުވަނަ ލަނޑު ޖަހައިފަ އެވެ.
ދެވަނަ ހާފުގައި އަނެއްކާ ވެސް ފެރާން ޓޯރޭޒް ދެވަނަ ލަނޑެއް ޖަހައި ސްޕެއިންގެ ނަތީޖާ 4-0 ށް ބަދަލު ކުރި އެވެ. ސްޕެއިންގެ ފަސް ވަނަ ލަނޑު ޖަހައި އުމުރުން 18 އަހަރުގެ ޕަބެލޯ މާތީން ގަވީ ވަނީ ވޯލްޑް ކަޕްގައި ސްޕެއިންގެ ޓީމަށް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިންގެ ލިސްޓްގައި ހިމެނިފަ އެވެ. ސްޕެއިންގެ އަނެއް ދެ ލަނޑު ޖެހީ ކާލޯސް ސޯލާ އާއި އަލްވާރޯ މޮރާޓާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ފުތާގެ ބެންޖޯ
24 November 2022
ބައެއް ގުޅިގެން މެޗު ވިއްކާލައިފައި ހުރި ކަމަށް ޝައކު ކުރެވޭ