ޖަޕާން ސަޕޯޓަރަކު ސްޓޭޑިއަމް ސާފުކުރަނީ.
24 ނޮވެމްބަރ 2022 - 11:06
ވޯލްޑް ކަޕުގައި ރޭ، ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަން އަތުން 2-1 އިން ޖަޕާން ހޯދީ ވޯލްޑް ކަޕުގެ ތާރީހުގައި އެ ޓީމުގެ އެންމެ ބޮޑު މޮޅެވެ. މިފަދަ މޮޅުތަކަކީ، އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލައި އުފާފާޅުކުރާމައިގެން ޓީމާއި ސަޕޯޓަރުން އުޅޭ ފަދަ ކާމިޔާބީތަކެވެ. އެކަމަކު ޖަޕާން ކުޅުންތެރިންނާއި ސަޕޯޓަރުން ތަފާތެވެ.
މެޗު ނިންމައި އުފާފާޅުކުރަން ދިއުމުގެ ބަދަލުގައި ޖަޕާން ސަޕޯޓަރުން އަވަސްވެގަތީ ސްޓޭޑިއަމުގައި އެ މީހުން ތިބި ސަރަހައްދު ސާފުކުރުމައިގެންނެވެ. ޑަސްބިން ކޮތަޅުތަކަށް، ބިންމައްޗަށް އެޅިފައި ހުރި ކާއެއްޗެހިސް ހުސްކުރި ޕެކެޓްތަކާއި އެހެނިހެން ކުނިބުނިއަޅައި މުޅި ސަރަހައްދު ސާފުކުރި އެވެ.
ޓީމު ވެސް އެފަދަ އެވެ. މެޗު ނިންމާފައި އެންމެން ވެގެން ޗޭންޖިން ރޫމް ތާހިރުކުރި އެވެ. ޖަޕާން ޓީމު ސްޓޭޑިއަމް ދޫކޮށް ދިޔައިރު ޗޭންޖިން ރޫމް ހީވަނީ ދުވަހަކު ބޭނުންކޮށްފައި ނެތް ތަނެއްހެންނެވެ. އެހާ ވެސް ސާފެވެ.
ޖަޕާން ޓީމުން ޗޭންޖިން ރޫމު ސާފުކޮށްފައި.
ޖަޕާން ޓީމާއި ސަޕޯޓަރުންގެ މި އަމަލަށް މުޅި ސޯޝަލް މީޑިއާގައި އަންނަނީ ތައުރީފު އޮހެމުންނެވެ. ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އިން ވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ.
"ވޯލްޑް ކަޕުގައި ޖަރުމަން އަތުން ޖަޕާން ތާރީހީ މޮޅެއް ހޯދުމަށް ފަހު އެ ޓީމުގެ ސަޕޯޓަރުން ވަނީ ސްޓޭޑިއަމުގައި ތިބި ސަރަހައްދު ސާފުކޮށްފައި. އަދި ޖަޕާން ޓީމުން ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް ދޫކޮށްދިޔައީ އެންމެ ކުނިކޮޅެއް ވެސް ނުބާއްވާ،" ފީފާ އިން ޓްވީޓްކުރި އެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ."
މުބާރަތް ހުޅުވަން ގަތަރާއި އިކުއެޑޯ ކުޅުނު މެޗު ބަލަން ވަދެ ތިބި ޖަޕާން ސަޕޯޓަރުން ވަނީ އެ މެޗަށް ފަހު ވެސް ސްޓޭޑިއަމް ސާފުކޮށްފަ އެވެ.
ސާފުތާހިރުކަމަކީ ޖަޕާނުގައި ސްކޫލް ދަރިވަރުންގެ މުގައްރަރުގައި ހިމެނޭ ބަޔެކެވެ. އެ ގައުމަކީ ވެސް ސާފުތާހިރުކަމާއި ރަނގަޅު އަހުލާގާއި ސުލޫކުގެ ނަމޫނާ އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
24 November 2022
އަހަރެމެންގެ ތެރޭގައި މިކަން އޮތީ ދިމާ އިދިކޮޅަށް. ސްކޫލްތަކުން މިފަދަ ކަންތައް ކުދިންލައްވާ ކުރުވަން ބޭނުންވިއަސް ބައެއްބެލެނިވެރިން ދެކެނީ މަސައްކަތު މީހުންލައްވާކުރަންޖެހޭ ކަންކަން ކުދިންލައްވާކުރުވަނީކަމަށް! އެހެންވީމަ އަލުން ބަލުން ބޮޑެތި މީހުނަށް މިޖެހެނީ ދަސްކޮށްދޭން.