ކުޅިވަރު

ތިންވަނަ މެޗުން ވެސް ޒުވާން ޓީމަށް ފުރިހަމަ މޮޅެއް

މި އަހަރުގެ ތިންވަނަ ޑިވިޝަން ގައި ޒުވާން ޓީމު ކުޅުނު ފުރަތަމަ މެޗުގެ ތެެރެއިން.-- ފޮޓޯ: އެފްއޭއެމް

މިހާރު ކުރިއަށްދާ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ވާދަކުރަމުން އަންނަ 19 އަހަރުން ދަަށުގެ ގައުމީ ޓީމު ކުޅުނު ތިންވަނަ މެޗުގައި އަނާކީ ސްޕޯޓްސް ކުލަބު އަތުން 4-1 އިން މޮޅު ވެއްޖެ އެވެ.

އެފްއޭއެމް އެއް ނަމްބަރު ޓާފް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިންމާލީ، 16 ވަނަ މިނިޓުގައި އަބްދުﷲ ލޫތު އިބްރާހިމް ޖަހައިދިން ގޯލުން ކުރި ހޯދައިގެންނެވެ. ދެވަނަ ހާފު ފަށައިގެން ދެ މިނިޓު ތެރޭގައި ޒުވާން ޓީމަށް ދެވަނަ ލަނޑު ޖަހައިދިނީ ޝަނާން ރަޝާދެވެ. އަދި 59 ވަނަ މިނިޓުގައި ލޫތު ވަނީ މެޗުގައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ޒުވާން ޓީމުގެ ހަތަރުވަނަ ލަނޑު 83 ވަނަ މިނިޓުގައި ޖަހައިދިނީ ޔޫޝައު ބިން އަލީ ނަޝީދެވެ. އަނާކީ ސްޕޯޓްސް އިން ސުން ކަނޑުވާލީ 85 ވަނަ މިނިޓުގައި އަމާން އާދަމް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ޒުވާން ކުޅުންތެރިންނަށް ވާދަވެރި މެޗްތަކެއްގެ ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި މިއަހަރުގެ ތިންވަނަ ޑިވިޝަންގައި ވާދަކުރާ 19 އަހަރުން ދަށުގެ ޓީމު ވަނީ މިހާތަނަށް ތިން މެޗެއް ކުޅެފަ އެވެ. ފުރަތަމަ މެޗުގައި އިންވިކްޓޯ ސްޕޯޓްސް އާ ދެކޮޅަށް ކުޅެ އެއްވަރު ކުރި އެވެ. އަދި ދެވަނަ މެޗުގައި ވަނީ ޔޫއެން ފްރެންޑްސް އާ ވާދަކޮށް ފުރިހަމަ މޮޅެއް ހޯދައިފަ އެވެ. ފަހު މެޗުގައި ވާދަކުރާނީ، ގުރޫޕްގެ އެންމެ ވަރުގަދަ ޓީމް، މަސްއޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނީ، ޓީމުގެ ތައްޔާރީތަކަށް ބަލައި ޕާފޯމަންސާއި ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ވީހާވެސް ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދިނުމަކީ ވެސް މުބާރާތުގެ ބޮޑު ޓާގެޓެއް ކަމަށެވެ.

"ޓީމުގެ ޕޮއިންޓްތައް ވެސް ނުގުނާނެ، އެކުގައި ކުޅެލައި ތަޖުރިބާ ހޯދައިދޭން ކުޅޭ މުބާރާތަކަށް ވެފައި ނަތީޖާއަށް މާ ބޮޑަށް ނުވިސްނަން، އެކަމަކު ބަލިވާކަށް ވެސް ބޭނުމެއް ނުވޭ،" ޝާކިއްޓޭ ބުންނެވެ.

"މުބާރާތް ނިމޭއިރު ހުރިހާ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމަކީ ވެސް ވަރަށް ބޮޑު ޓާގެޓެއް، ކޮންމެ މެޗެއްގައި މި އަންނަނީ މުޅިން އަލަށް ދޭއް ނުވަތަ ތިން ކުޅުންތެރިއަކަށް ފުރުސަތު ދެމުން."

މި ފަހަރުގެ ޓީމުގައި ހިމެނެނީ 2005 އާއި 2006 ވަނަ އަހަރު އުފަންވި ކުޅުންތެރިންނެވެ. ޒުވާން ޓީމަށް ކުޅުންތެރިން ނެގީ މިދިޔަ ސެޕްޓެމްބަރު މަހު، 108 ކުޅުންތެރިންގެ ސިލެކްޝަނެއްގެ ތެރެއިންނެވެ. އަދި މުބާރާތާ ކުރިމަތިލީ މަހެއްހާ ދުވަހުގެ ފަރިތަކުރުންތަކަށް ފަހު އެވެ.

ޝާކިއްޓޭ ބުނީ މާލޭގައި ބޭއްވި ސިލެކްޝަން ގައި ރާއްޖެތެރޭން ވެސް ފާހަގަ ކޮށްލެވޭ ގިނަ ކުޅުންތެރިންނެއް ބައިވެރިވި ކަމަށެވެ. ނަމަވެސް މުބާރާތް އޮންނަ ދުވަސްވަރާއި، އޯލެވެލް އަދި އޭލެވެލް އިމްތިހާނާ ދިމާވާތީ ބައެއް ކުޅުންތެރިންނަށް މުބާރާތް ކުޅެން މާލޭގައި މަޑުކުރަން ދަތިތަކެއް ދިމާވި ކަން އޭނާ ފާހަގަ ކުރި އެވެ. މި މުބާރާތުގައި އެ ކުޅުންތެރިންގެ ބޭނުން ނުކުރެވުނަސް ކުރިއަށް އޮތް ތަނުގައި އޭގެ ތެރޭން ފާހަގަވި ކުޅުންތެރިން ބޭނުން ކުރާނެ ކަމަށް ވެސް ކޯޗު ބުންޏެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454