02 ޑިސެމްބަރ 2022 - 22:15
އަލް ވަކްރާ (ޑިސެމްބަރު 2) - ވޯލްޑް ކަޕުގެ ގްރޫޕް އެޗްގެ ފަހު މެޗުގައި ގާނާ އަތުން 2-0 އިން އުރުގުއޭ މޮޅުވި ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް އަތުން 2-1 އިން ދެކުނު ކޮރެއާ މޮޅުވުމާ އެކު، އުރުގުއޭ ކަޓައި ކޮރެއާ ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
މި މެޗުގެ ކުރިން ވެސް ދެ ވަނަ ބުރު ކަށަވަރުކޮށްފައި އޮތް ޕޯޗުގަލް މެޗުން ބަލިވި ނަމަވެސް ހަ ޕޮއިންޓާ އެކު ވަނީ ގްރޫޕުގެ އެއް ވަނަ ހޯދައިފަ އެވެ. ކޮރެއާ ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދިޔައީ އުރުގުއޭއާ އެއްވަރަށް ހަތަރު ޕޮއިންޓް ލިބުނު ނަމަވެސް ޖެހި ގޯލު ގިނަވުމުންނެވެ. ދެ ޓީމުގެ ގޯލް ފަރަގު އެއްވަރެވެ. ގާނާ ފުލަށް ދިޔައީ ތިން ޕޮއިންޓާ އެކު އެވެ.
ކޮރެއާ އާއި ޕޯޗުގަލްގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން، ޕޯޗުގަލްއާ އެކު ދެ ވަނަ ބުރަށް ދާން އޮތީ އުރުގުއޭ އެވެ. އެކަމަކު އިތުރު ވަގުތުގެ ތެރޭ ކޮރެއާ އިން ލަނޑު ޖެހުމުން، އެ ޓީމާއި އުރުގުއޭ ޕޮއިންޓުގެ ގޮތުން ހަމަވީ އެވެ. ކޮރެއާ އިން ޕޯޗުގަލް އަތުން މޮޅުވެގެން މެޗު ނިމުނުއިރު ވެސް އުރުގުއޭ އާއި ގާނާގެ މެޗުގައި ބާކީ އަށް މިނެޓު އޮތެވެ. އެވަގުތުގެ ތެރޭ އުރުގުއޭ އިން އިތުރު ގޯލެއް ޖެހި ނަމަވެސް ގޯލު ފަރަގުން އެ ޓީމަށް ކުރި ލިބި ދެ ވަނަ ބުރަށް ދިޔައީހެވެ.
ގާނާ އިން މިރޭ ނުކުތީ 2010 ގެ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން އުރުގުއޭ އަތުން ބަލިވި ބަލިވުމުގެ ބަދަލު ހިފާށެވެ. ގާނާ އަށް މިރޭ މޮޅެއް ނުހޯދުނު ނަމަވެސް އުރުގުއޭ ކެޓުމުން ގާނާ ސަޕޯޓަރުން އުފާފާޅުކުރި އެވެ. އެ ފަހަރު މެޗު 1-1 އިން އެއްވަރުވެފައި އޮއްވާ ގާނާ އިން ޖެހި ގޯލެއް އުރުގުއޭގެ ލުއިސް ސުއަރޭޒް ވަނީ ގޯލް ރޮނގުމަތިން އަތުން ޖަހައި ބޭރުކޮށްފަ އެވެ. އެއާ އެކު ގާނާ އަށް ދިން ޕެނަލްޓީ އަސަމޮއާ ޖިއާން އަތުން ބޭކާރުވީ އެވެ. އަދި ޕެނަލްޓީ ޝޫޓްއައުޓުގައި އުރުގުއޭ މޮޅުވި އެވެ. ގާނާ އިން ދެކެނީ އެ ފަހަރު އުރުގުއޭ މޮޅުވީ ބޭއިންސާފުން ކަަމަށެވެ.
މިރޭގެ މެޗުގައި ގާނާ އަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު ގާނާގެ މުހައްމަދު ކުޑޫސް އަށް އުރުގުއޭ ގޯލްކީޕަރު ސާޖިއޯ ރޮޗޭ ފައުލްކުރުމުން 21 ވަނަ މިނެޓުގައި ރެފްރީ ދިން ޕެނަލްޓީ ގާނާގެ ކެޕްޓަން އަންދްރޭ އަޔޫ އަތުން ނާކާމިޔާބުވީ އެވެ.
އުރުގުއޭ އިން ލީޑު ނެގީ އޭގެ ފަސް މިނިޓު ފަހުން، މިޑްފީލްޑަރު ޖޯޖިއަން ޑި އަރަސްކޭޓާ ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ލުއިސް ސުއަރޭޒް ބޯޅަ ފޮނުވާލުމުން ކީޕަރު ލޯރެންސް އަޓީ ޒިގީ އަތުގައި ޖެހިފައި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ބޮލުން ޖަހަ އެވެ.
މެޗުގެ 32 ވަނަ މިނިޓުގައި ދެ ވަނަ ލަނޑު ވެސް ޖަހައިދިނީ އަރަސްކޭޓާ އެވެ. މި ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ވެސް ސުއަރޭޒް އެވެ.
ދެކުނު ކޮރެއާއާ ދެކޮޅަށް ޕޯޗުގަލް އިން ވަނީ މެޗުގައި އުފެއްދި ފުރަތަމަ ހަމަލާގައި ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. ލީޑު ނެގި ލަނޑު ފަސްވަނަ މިނިޓުގައި ޖަހައިދިނީ ރިކާޑޯ ހޯޓާ އެވެ
ދެކުނު ކޮރެއާ އިން އެއްވަރު ކުރީ 27 ވަނަ މިނިޓުގައި ލިބުނު ކޯނަރެއްގެ އެހީގަ އެވެ. ޑިފެންޑަރު ކިމް ޔަންގް ގްވޯން މި ގޯލު ޖެހީ ޕޯޗުގަލް އިން ކޯނަރު ދިފާއު ކުރަން އުޅުމުގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކޮނޑުގައި ޖެހިފައި ލިބުނު ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލް އަށް ލީޑު ނަގަން ވެސް ފުރުސަތު ލިބުނެވެ. ވިޓީނިއާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ކީޕަރު ކިމް ސިޔަންގް ގިޔޫ އަތުގައި ޖެހިފައި ރީބައުންސްވި ބޯޅަ ރޮނާލްޑޯ ބޮލުން ފޮނުވާލީ އަރިމަތިން ބޭރަށެވެ.
ފަހު ވަގުތާ ހަމައަށް އެޓީމުން ކުރި ހިތްވަރުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި އެޓީމުން ލީޑު ނެގީ ކައުންޓާ އެޓޭކެއްގައި ސޮން ތަނަވަސްކުރި ފުރުސަތެއްގަ އެވެ. ސޮން ހުސްކޮށްލައިފައި ދިން ބޯޅައިން މީޑު ނަގައިދިން ލަނޑު ޖެހީ ވުލްވްސް އަށް ކުޅޭ ފޯވާޑް ހްވަންގް ހީ ޗަން އެވެ. މިއީ އޭނާ ވޯލްޑް ކަޕް ގައި ކުޅެން އެރި ފުރަތަމަ މެޗެވެ.
ބުދަ ދުވަހު ޓީމާ އެކު ފަރިތަކޮށްފައި ނުވާތީ ރޮނާލްޑޯ މިރޭގެ މެޗުގައި ސްޓާޓް ނުކުރާނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ ވަނީ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން 65 މިނިޓު ކުޅެފަ އެވެ.
ދެކުނު ކޮރެއާގެ ކޯޗަކީ، ކުރިން ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުނު ޕައޮލޯ ބެންޓޯ އެވެ. ނަމަވެސް އެ ޓީމުން ގާނާއާ ދެކޮޅަށް ކުޅެ ބަލިވި މެޗަށް ފަހުން ހިނގި ދެބަސްވުންތަކުގައި ދެއްކި ރަތް ކާޑުގެ ސަބަބުން އޭނާ މި މެޗަށް ހުރީ ސަސްޕެންޑް ވެފަ އެވެ. ބަދަލުގައި ކޮރެއާ އަށް އިރުޝާދު ދިނީ އެސިސްޓެންޓް، ސާޖިއޯ ކޮސްޓާ އެވެ.
ގަދަ 16 ޓީމު ވާދަކުރާ ނޮކައުޓް ބުރުގައި ޕޯޗުގަލް ވާދަކުރަން ޖެހޭނީ ގުރޫޕް ޖީ ގެ ދެވަނަ ޓީމާ ދެކޮޅަށެވެ. އަދި ދެކުނު ކޮރެއާ ނުކުންނާނީ އެ ގުރޫޕްގެ އެއް ވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ.
ގުރޫޕް ޖީގެ ފަހު ދެ މެޗް މިރޭ 12 ޖަހާއިރު ކުޅޭނެ އެވެ. ދެ މެޗުން މޮޅުވެގެން އެއް ވަނައިގައި އޮތް ބްރެޒިލް ބައްދަލުކުރާނީ ކެމަރޫނާ ދެކޮޅަށެވެ. އެއް މެޗު ކާމިޔާބު ކޮށްފައިވާ ސްވިޒަލެންޑް ނުކުންނާނީ ސާބިއާއާ ދެކޮޅަށެވެ. ކެމަރޫނާއި ސާބިއާ އަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
މެޗުތަކުގެ ސްކޯ ދިމާ ކުރުމުގެ ފުރުސަތު މެޗު ފެށެންދެން "މިހާރު" ގެ ސްކޯ ޕްރެޑިކްޓާއިން ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
03 December 2022
މެޗު ނިމެންދަނިކޮށް އިތުރުވަގުތުގައި، ވަރުބަލިވެ ލޮޑުވަމުން ދިޔަވަގުތު ސޮން އަށް އޭނަގެ އަމިއްލަ ހާފުގައި ލިބުނު ބޯޅައެއް، ހިފައިގެން ދުވަމުން ދުވަމުންގޮސް ޕޯޗްގަލްގެ ޕެނެލްޓީއޭރިއާ ހަމަކޮށް ކުޑަ ހިނދުކޮޅަކަށް މަޖުޖައްސާލާފަ، ފޯވާޑަށް ޓިއިމިންވާގޮތަށް އެދިން ޕާސް! ސިޅި އިގޭ! ލަނޑެކޭ އެއްފަދަ! އަހަރުމެންގެ ކުޅުންތެރި އަކަށް އެކަހަލަ ފުރުސަތެއް ލިބިއްޖެއްޔާ ތަލައިގަ ދެލޯޖަހައިގެން ދުވަނިކޮށް މެދު ރޮގާ ހިސާބަށް ނުދެވެނީސް ވެއްޓޭނެ ނޭވާ ހުސްވެގެން.
ޖިޔާން
03 December 2022
ސުއަރޭޒް ކޮބާ އަވަސްކުރޭ ފްލައިޓް ފުރަނީ