އެސްޓީއޯ ސްޓާފް ލިބުނު ބައެއް މުވައްޒަފުން އެވޯޑާއެކު ފޮޓޯ އަކަށް ހުއްޓިލައިގެން --ފޮޓޯ: އެސްޓީއޯ
09 ޑިސެމްބަރ 2022 - 22:26
އެސްޓީއޯގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑު ދީފި އެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި "އެސްޓީއޯ ސްޓާފް އެވޯޑް" އަކީ އެ ކުންފުނިން މިފަދަ އެވޯޑު ހަފްލާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.
އެސްޓީއޯއިން ބުނީ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ އިތުރުން ކުންފުނި ކުރިއަރުވައިދޭ މުވައްޒަފުންގެ ހުނަރާއި މަސައްކަތަށް ހައްގު ޝަރަފެއް ދިނުމަކީ މި އެވޯޑް ދިނުމުގެ މަގްސަދު ކަމަށެވެ.
އެވޯޑް ދިނީ އެވޯޑަށް ނަން ހުށަހަޅަން ބޭނުން ކޮންމެ ސްޓާފަކަށް ވެސް ފުރުސަތު ދީގެން އޭގެ ތެރެއިން ހޮވާލައިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަދި ބައެއް އިސްވެރިން އެވޯޑް ހަފްލާގައި ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އެސްޓީއޯ
އެވޯޑަށް ނޮމިނޭޓުކޮށްފައިވަނީ، އެސްޓީއޯ އިން ބުނި ގޮތުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ހިދުމަތްކުރި މުވައްޒަފުންނެވެ. މުވައްޒަފަކު ނަން ހުށަހެޅި ތާރިހުގައި، އެ މުވައްޒަފަކީ، ކުންފުނީގެ ފުލްޓައިމް މުވައްޒަފަކަށް ވާންޖެހެ އެވެ.
ރޭގެ ހަފްލާގައި އެސްޓީއޯއިން 11 އެވޯޑެއް ދީފައިވެ އެވެ. އެއީ "ބްރިލިއަންސް އެވޯޑް"، "އެޑިއުކޭޝަނަލް އެޗީވްމަންޓް އެވޯޑް"، "އައުޓްސްޓޭންޑިން އިނޮވޭޓިވް އެވޯޑް" އަދި "ގޮޓް ދެޓް އެކްސްޓްރާ މައިލް" އެވޯޑް، އެވެ. މި އެވޯޑްތައް ޝަރުތުހަމަވާ ކޮންމެ މުވައްޒަފަކަށް ވެސް ލިބިފައިވެ އެވެ.
އެސްޓީއޯ ސްޓާފް އެވޯޑް ލިބުނު ބައެއް މުވައްޒަފުން --ފޮޓޯ: އެސްޓީއޯ
އޭގެ ތެރެއިން، މުވައްޒަފުންގެ ތެރޭގައި ހުރިހާ ގޮތަކުން ވެސް މަގުބޫލުކަމަށް ވޯޓު ނަގައި، އެންމެ ގިނަ ވޯޓް ލިބުނު މުވައްޒަފަށް "އެމްޕްލޯއީ ޗޮއިސް އެވޯޑް" ވަނީ ދީފަ އެވެ. އަދި މުޖުތަމައުއަށް ފައިދާހުރި ހިދުމަތެއް ކޮށްދީފައިވާ މުވައްޒަފުންނަށް ހުށަހެޅި "ހައިޕާ ހެލްޕާ އެވޯޑް" އަށް އެއްވެސް މުވައްޒަފަކު ނޮމިނޭޓެއް ނުވެ އެވެ.
އެސްޓީއޯއިން ބުނީ ނޮމިނޭޝަނަށް ހުޅުވާލި މުއްދަތުގައި 598 ނޮމިނޭޝަން ލިބިފައިވާ ކަމަށެވެ. އެ އެވޯޑުތަކަށް ނޮމިނޭޓްވެފައިވާ މުވައްޒަފުންގެ ނަންތައް އިވެލުއޭޓްކުރީ އެކަމަށް އެކުލަވާލި ފަސް މެންބަރުންގެ ކޮމިޓީއަކުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy