ވޯލްޑް ޗެމްޕިއަންޝިޕްގައި މިއަދު ބްރޯންޒް މެޑަލް ހޯދި ތިން އެތުލީޓުންނާއެކު ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ރައީސް އާއި ނައިބު ރައީސް ފޮޓޯ އަކަށް ހުއްޓިލައިގެން
10 ޑިސެމްބަރ 2022 - 20:41
ތައިލެންޑްގައި މިހާރު ކުރިއަށްދާ ބޮޑީ ބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހުސައިން ހިމްޔާން އާއި އަބްދުﷲ އަހުސަން އަދި ފަތުހުﷲ މުހައްމަދު މިއަދު ބްރޯންޒް މެޑަލް ހޯދައިފި އެވެ.
އޭޝިއަން ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދި ހިމްޔާން، މިއަދު ވޯލްޑް ޗެމްޕިއަންޝިޕްގައި ބްރޯންޒް މެޑަލް ހޯދީ އެތުލެޓިކް ފީޒީކް އަޕްޓް 75 ސެންޓްމީޓާރުގެ ކެޓަގަރީގައި ވާދަކޮށްގެންނެވެ. އޭޝިއާގެ މުބާރާތުން އެތުލެޓިކް ފިޒީކް 167 ސެންޓްމީޓަރު ކެޓަގަރީން ރިހި މެޑަލް ހޯދި ފަތުހުﷲ މިއަދު ބްރޯންޒް މެޑަލް ހޯދީ އެތުލެޓިކް ފިޒީކް 160 ސެންޓްމީޓަރުން ކެޓަގަރީންނެވެ. އަހުސަން ބްރޯންޒް މެޑަލް ހޯދީ އެތުލެޓިކް ފިޒީކް 167 ސެންޓްމީޓަރު ކެޓަގަރީންނެވެ.
މި ތިން އެތުލީޓުން ހޯދި މެޑަލް އާއެކު މިފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ހޯދި މެޑަލްގެ އަދަދު ވަނީ ފަހަކަށް އަރައިފަ އެވެ. މިއަދު ރާއްޖޭގެ އަޒުނީން ރަޝާދު ވަނީ ސްޕޯޓްސް ފީޒީކް އަޕްޓް 170 ސެންޓްމީޓަރުގެ ކެޓަގަރީން ރަން މެޑަލް ހޯދައިފަ އެވެ. އިއްޔެ ރާއްޖޭގެ މުހައްމަދު މޫސާ (މޯޑް) ވަނީ ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީގައި ވާދަކޮށް ރިހި މެޑަލް ހޯދައިފަ އެވެ.
މިހާރު ކުރިއަށްދާ ބޮޑީ ބިލްޑިން މުބާރާތުގައި ރާއްޖެ އަށް މެޑަލް ހޯދައިދިން ފަސް އެތުލީޓުން
ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ވޯލްޑް ޗެމްޕިއަންޝިޕެއްގައި މީގެ ކުރިން ރާއްޖޭގެ އެއްވެސް ކުޅިވަރަކުން ރަން މެޑއްޔެއް ލިބިފައެއް ނުވެ އެވެ. އަޒުނީން މިއަދު ރަން މެޑަލް ހާސިލުކޮށް އޭނާ ވަނީ ވޯލްޑް ޗެމްޕިއަންޝިޕެއްގައި ރަން މެޑަލް ހޯދި ފުރަތަމަ ދިވެހި އެތުލީޓްގެ ޝަރަފު ހޯދައިފަ އެވެ.
ބޮޑި ބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު "މިހާރު" އަށް ވިދާޅުވީ މިފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ކުޅިވަރުގައި އަނެއްކާ ވެސް އާ ތާރީހެއް ލިޔާނެ ބޮޑީ ބިލްޑިން ފަހަރެއް ކަމަށެވެ. ވޯލްޑް ޗެމްޕިއަންޝިޕްގައި މިދިޔަ އަހަރު ވެސް ރާއްޖެ އަށް ހާސިލު ކުރެވުނީ ރިހި މެޑަލް އާއި ލޯ މެޑަލް އެވެ.
"މިފަހަރު މީ ރާއްޖެ އަށް ހިސްޓްރީ ބްރޭކިން ކޮމްޕޓީޝަންއެއް. ވޯލްޑް ޗެމްޕިއަންޝިޕްގައި މީގެ ކުރިއަކުން ރާއްޖެ އަށް މިވަރުގެ ކާމިޔާބެއް ލިބިފައެއް ނުވޭ،" އިބްރާހިމް ވިދާޅުވި އެވެ.
އޭޝިއާގެ ޗެމްޕިއަންޝިޕުން ސްޕޯޓް ފިޒީކް 180 ސެންޓްމީޓަރު ކެޓަގަރީން ބްރޯންޒް މެޑަލް ހޯދި މުހައްމަދު އިމްރާހް މިއަދު ވޯލްޑް ޗެމްޕިއަންޝިޕްގައި އެ ކެޓަގަރީން ކުރިމަތިވީ ޓަފް ޗެލެނެޖެކެވެ. އޭނާ ދިޔައީ ފަސްވަނަ އަށެވެ. ޖުމުލަ 11 އެތުލީޓުން ވާދަކުރި އެ ކެޓަގަރީން އިމްރާހް ފަސްވަނަ އަށް ދިއުމަކީ ބޮޑު ކުރި އެރުމެކެވެ.
މާދަމާ ރާއްޖޭގެ ޗެމްޕިއަން ނުވަތަ މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ހޯލްޑާ މުހައްމަދު ޔާމީން (ޔާންބެ) ވާދަ ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy