ކުޅިވަރު / ވޯލްޑް ކަޕް 2022

އެއްބަސްވި ގޮތަށް ބްރެޒިލް އާއި ނެދަލެންޑްސްގެ ކޯޗު ޓީމު ދޫކޮށްލައިފި

ވޯލްޑް ކަޕް ގައި ނެދަލެންޑްސް އަށް ކޯޗު ކޮށްދިން ވެން ހާލް (ކ)، އަދި ބްރެޒިލް އަށް ކޯޗު ކޮށްދިން ޓީޓޭ (ވ).-- ފޮޓޯ: އޭއެފްޕީ

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ޖާގަ ގެއްލުމާ އެކު، ބްރެޒިލްގެ ކޯޗު ކަމުގައި ހުރި ޓީޓޭ އާއި ނެދަލެންޑްސްގެ ކޯޗުގެ މަގާމުގައި ހުރި ލުއިސް ވެން ހާލް މަގާމު ދޫކޮށްލައިފި އެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުރިން ޓީޓޭ އާއި ވެން ހާލް ވެސް ވަނީ މުބާރާތް ނިމުނުހާ އަވަހަކަށް މަގާމް ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ.

ކުއާޓާ ފައިނަލްގެ ނާކާމިޔާބީ އާއެކު ބްރެޒިލް އާއި ނެދަލެންޑްސް އަށް ވެސް ވަނީ މުބާރާތް ނިމިފަ އެވެ. ދެ ޓީމު ވެސް ކެޓީ ޕެނަލްޓީ ޖަހައިގެންނެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ފައިނަލް ގައި ވާދަކުރި ކްރޮއޭޝިއާއާ ދެކޮޅަށް، މި އަހަރުގެ ކުއާޓާ ފައިނަލް ގައި ބްރެޒިލް ޕެނަލްޓީ ޖަހަން ޖެހުނީ 1-1 އިން އެއްވަރު ވެގެންނެވެ. ޕެނަލްޓީގައި ބްރެޒިލް ބަލިވީ 4-2 އިންނެވެ.

ޓީޓޭ، ކުއާޓާ ފައިނަލް ގައި ބްރެޒިލް ޓީމަށް އިރުޝާދު ދުނުމުގައި.-- ފޮޓޯ: އޭއެފްޕީ

ޓީޓޭ ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމް ދޫކޮށްލީ ހަ އަހަރު ދުވަހު އެޓީމަށް އިރުޝާދު ދީފަ އެވެ.

"މިއީ ހިތްދަތި ބައްޔެއް، އެކަމަކު އަހަރެން ޓީމު ދޫކޮށްލަނީ ސުލްހަވެރި ކަމާއެކު، އަހަރެންގެ ވަގުތު މިހާހިސާބުން ނިމުނީ. އަހަރެން ކުރިން ވެސް ބުނެފައި ވާނެ މީގެ ދޮޅު އަހަރު ކުރިން. އަހަރެން އައީ މޮޅު ވެއްޖެ ނަމަ ކުރިން ބުނި އެތި ބަދަލުކޮށް އިތުރަށް ހުންނާކަށް ނޫން. އަހަރެން ދަންނަ މީހުންނަށް އެކަން އެނގޭނެ،" އުމުރުން 61 އަހަރުގެ ޓީޓޭ ބުންޏެވެ.

"މިއީ ވަރަށް އުނދަގޫ ނިންމުމެއް. އަހަރެންގެ ދައުރު ފުރިހަމަ ކުރަން ބޭނުންވާކަން ކުރިން ވެސް ބުނިން، މިހާރު އެކަން ފުރިހަމަ ވެއްޖެ. އަދި ބުނި ބަހުގައި ހިފަހައްޓައިގެން މި ނިންމާލީ."

ޓީޓޭ އަށް ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަން ހަވާލު ކުރީ 2016 ވަނަ އަހަރު، އޭރު ކޯޗު ކަމުގައި ހުރި ޑުންގާ މަގާމުން ދުރު ކޮށްފަ އެވެ. އޭނާ ވަނީ ބްރެޒިލް އަށް 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތުގެ ތަށި ހޯދައިދީފަ އެވެ. ނަމަވެސް ވޯލްޑް ކަޕް ގައި ދެ ފަހަރު ވެސް ކުއާޓާ ފައިނަލާ ހަމައިން ބަލިވީ އެވެ.

ޓީޓޭގެ ކޯޗު ކަމުގައި ބްރެޒިލް ވަނީ 81 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 61 މެޗުން މޮޅު ވެފައި ވާއިރު، ބަލިވީ ހަތް މެޗުންނެވެ.

ނެދަލެންޑްސްގެ އާ ކޯޗަކީ ކޫމަން

ރިޓަޔާމަންޓުން އެނބުރި އައިސް ވެން ހާލް ތިން ވަނަ ފަހަރަށް ނެދަލެންޑްސް ގައުމީ ޓީމާ ހަވާލުވީ މިދިޔަ އަހަރެވެ. އޭނާ އާއެކު ނެދަލެންޑްސް 20 މެޗު ކުޅެފައި ވާއިރު، 14 މެޗު ކާމިޔާބު ކޮށްފައި ވެއެވެ. ނާކާމިޔާބުވީ ހަމައެކަނި މެޗަކީ ވޯލްޑް ކަޕް ކުއާޓާ ފައިނަލް ގައި އާޖެންޓީނާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗެވެ.

ނެދަލެންޑްސް އާއި އާޖެންޓީނާ ބައްދަލުކުރި ފޯރި ގަދަ ކުއާޓާ ފައިނަލް މެޗު 2-2 އިން އެއްވަރު ވުމުން ޖެހި ޕެނަލްޓީގައި ނެދަލެންޑްސް ބަލިވީ 4-3 އިންނެވެ.

ވެން ހާލް، ވޯލްޑް ކަޕް ކުއާޓާ ފައިނަލް މެޗުގައި.-- ފޮޓޯ: އޭއެފްޕީ

ވެން ހާލް އާއެކު ނެދަލެންޑްސް ވޯލްޑް ކަޕާ ކުރިމަތިލީ ވެސް 15 މެޗުން ބަލި ނުވުމުގެ ރެކޯޑަކާ އެކު އެވެ.

ވެން ހާލް، 71، ވަނީ 2016 ވަނަ އަހަރު އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލުމަށް ފަހު، ކެންސަރަށް ވެސް ފަރުވާ ހޯދައިފަ އެވެ.

އޭނާ ގައުމީ ޓީމާ އެންމެ ފުރަތަމަ ހަވާލުވީ 2000 ވަނަ އަހަރެވެ. ވޯލްޑް ކަޕް ކޮލިފައިން ގައި ޓީމަށް އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެ، 2002 ގެ މުބާރާތަށް އެޓީމު ކޮލިފައި އެއް ނުކޮށްދެވުނެވެ.

އެހެން ނަމަވެސް 2012 ވަނަ އަހަރު ދެވަނަ ފަހަރަށް ގައުމީ ޓީމާ ހަވާލުވެ، އޭނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދީ، އެ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ގެންގޮސްދީފަ އެވެ. އެ އަހަރު ސެމީ އިން ބަލިވީ ވެސް އާޖެންޓީނާ އަތުން ޕެނަލްޓީ ޖަހައިގެންނެވެ. ނަމަވެސް ތިން ވަނަ ހޮވި މެޗުގައި ފަސޭހަ ކަމާއެކު ބްރެޒިލް ބަލިކޮށް، ބްރޯންޒް މެޑަލް ހޯދައިދިނެވެ.

ކޫމަން. ޖެނުއަރީ އިން ފެށިގެން ނެދަލެންޑްސް ޓީމާ ހަވާލުވާނީ އޭނާ.--

ލުއިސް ވެން ހާލް ނެދަލެންޑްސްގެ ކޯޗުކަން ދޫކޮށްލުމާ އެކު އެ މަގާމާ ހަވާލުވީ ކުރިން ވެސް އެ މަގާމު ފުރި ރޮނާލްޑް ކޫމަން އެވެ. އުމުރުން 59 އަހަރުގެ ކޫމަން ވަނީ އަންނަ ޖެނުއަރީ އިން ފެށިގެން ތިން އަހަރުދުވަހުގެ މުއްދަތަށް މި މަގާމަށް އަންނަން މިދިޔަ އޭޕްރީލް މަހު ކޮންޓްރެކްޓުގައި ސޮއި ކޮށްފަ އެވެ.

މިއީ ކޫމަން ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ދެ ވަނަ ފަހަރެވެ. ނެދަލެންޑްސް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކޯޗިން ފެށި ކޫމަން ވަނީ 2019 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު ފައިނަލަށް އެ ޓީމު ގެންގޮސްދީފަ އެވެ. އަދި މިދިޔަ އަހަރުގެ ޔޫރޯ މުބާރާތަށް އެޓީމު ކޮލިފައި ކޮށްދިނީ ވެސް އޭނާ އެވެ.

ކޫމަން ގައުމީ ޓީމު ދޫކޮށްލީ ސްޕެއިންގެ ބާސެލޯނާ އިން އޮފާ ކުރުމުންނެވެ. ނަމަވެސް އެ ޓީމުގެ މަގާމުގައި ކޫމަން އަށް ހުރެވުނީ އެންމެ 14 މަސްދުވަހު އެވެ.

"އަހަރެން ނެދަލެންޑްސް ގައުމީ ޓީމު ދޫކޮށްލީ ހިތްހަމަ ނުޖެހިގެނެއް ނޫން. އަހަރެން ހުރީ ވަރަށް ހިތްހަމަ ޖެހިގެން، ނަތީޖާތައް ވެސް ރަނގަޅު،" އޭޕްރީލް މަހު އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި އޭނާ ބުނެފައި ވެއެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454