ވޯލްޑް ޗެމްޕިއަންޝިޕްގެ ބޮޑީ ބިލްޑިން 90 ކިލޯގެ ކެޓަގަރީން ބްރޯންޒް މެޑަލް ހޯދުމަށް ފަހު ޔާންބެ ފޮޓޯ އަކަށް ހުއްޓިލައިގެން
11 ޑިސެމްބަރ 2022 - 13:24
ތައިލެންޑްގައި މިހާރު ކުރިއަށްދާ ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕްގެ އެންމެ ޗެލެންޖް ބޮޑު އެއް ކެޓަގަރީން ރާއްޖޭގެ ޗެމްޕިއަން މުހައްމަދު ޔާމީން (ޔާންބެ) ބްރޯންޒް މެޑަލް މިއަދު ހޯދައިފި އެވެ.
ތައިލެންޑްގެ ޕުކެޓްގައި ކުރިއަށްދާ ގޭމްސްގެ ބޮޑީ ބިލްޑިން ސުޕަ 90 ކިލޯގެ ކެޓަގަރީގެ ފައިނަލުގައި ޔާންބެ ވާދަ ކުރީ އިންޑިއާގެ ދެ އެތުލީޓުންނާ ދެކޮޅަށެވެ.
ޖުލައި މަހު ރާއްޖޭގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕްގައި ހަމަ އެ ކެޓަގަރީން ޔާންބެ އަށް ކުރިމަތިވީ ނާކާމިޔާބެވެ. އެ މުބާރާތުގައި ފައިނަލަށް ވެސް ޔާންބެ އަށް ނުދެވުނެވެ.
އެކަމަކު މިއަދު ވޯލްޑް ޗެމްޕިއަންޝިޕްގައި ފައިނަލުގައި ވާދަކުރި އެތުލީޓުންގެ ތެރޭގައި ހިމެނި ބްރޯންޒް މެޑަލް ހޯދުމަކީ އޭނާ ހޯދި ބޮޑު ކުރިއެރުމެކެވެ. ވޯލްޑް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށް ހޭދަވި ހަތަރު މަސް ދުވަހުގެ ތެރޭގައި މި މަހު މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ވެސް މި މަހު ތިން ވަނަ ފަހަރަށް ހޯދައިފަ އެވެ.
ބޮޑީ ބިލްޑިން ސުޕަ 90 ކިލޯގެކެޓަގަރީން މެޑަލް ހޯދި ތިން އެތުލީޓުންގެގެ ފޮޓޯގައި ޔާމީން ކ)
ޔާންބެ މި ހޯދި މެޑަލް އަކީ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ހޯދި ހަ ވަނަ މެޑަލް އެވެ. އިއްޔެ ރާއްޖޭގެ އަޒުނީން ރަޝާދު ވަނީ ސްޕޯޓްސް ފީޒީކް އަޕްޓް 170 ސެންޓްމީޓަރުގެ ކެޓަގަރީގައި ވާދަކޮށް ރަން މެޑަލް ހޯދައިފަ އެވެ. މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ މުހައްމަދު މޫސާ (މޯޑް) ވަނީ ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީގައި ވާދަކޮށް މުހައްމަދު މޫސާ އިއްޔެ ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.
މިދިޔަ އަހަރު އުޒްބެކިސްތާންގެ ވެރިރަށް ޓަޝްކަންޓްގައި ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ހަމަ ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީން ރިހި މެޑަލް ހޯދި އެވެ. އަދި އޭގެ ކުރިން ދެކުނު ކޮރެއާގައި 2019 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ބްރޯންޒް މެޑަލް ހޯދި އެވެ.
ރާއްޖޭގެ ހުސައިން ހިމްޔާން އާއި އަބްދުﷲ އަހުސަން އަދި ފަތުހުﷲ މުހައްމަދު ވެސް ވަނީ އިއްޔެ ވާދަ ކުރި އިވެންޓްތަކުން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
އޭޝިއަން ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދި ހިމްޔާން، އިއްޔެ ވޯލްޑް ޗެމްޕިއަންޝިޕްގައި ބްރޯންޒް މެޑަލް ހޯދީ އެތުލެޓިކް ފީޒީކް އަޕްޓް 75 ސެންޓްމީޓާރުގެ ކެޓަގަރީގައި ވާދަކޮށްގެންނެވެ. އޭޝިއާގެ މުބާރާތުން އެތުލެޓިކް ފިޒީކް 167 ސެންޓްމީޓަރު ކެޓަގަރީން ރިހި މެޑަލް ހޯދި ފަތުހުﷲ މިއަދު ބްރޯންޒް މެޑަލް ހޯދީ އެތުލެޓިކް ފިޒީކް 160 ސެންޓްމީޓަރުން ކެޓަގަރީންނެވެ. އަހުސަން ބްރޯންޒް މެޑަލް ހޯދީ އެތުލެޓިކް ފިޒީކް 167 ސެންޓްމީޓަރު ކެޓަގަރީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރުބޭ
12 December 2022
ސާބަހޭ މަގޭ ދަރިޔާ .ތިހެންތިބޭނީ ދިވެހި ދަރީން......