ރޯމިއޯ ބެކަމް، ބްރެންޓްފޯޑް ބީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން.-- ފޮޓޯ: ޕްރައިމް މީޑިއާ
13 ޖެނުއަރީ 2023 - 10:37
ލަންޑަން (ޖެނުއަރީ 12) - ދާދި ފަހުން ލޯނު އުސޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ބްރެންޓްފޯޑްގެ ބީ ޓީމާ ގުޅުނު އިންގްލެންޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ ދަރިފުޅު، ރޯމިއޯ ބެކަމް ކުޅުނު ފުރަތަމަ މެޗު ބަލަން ކުލަބުގެ ރެކޯޑް އަދަދަކަށް ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފަ އެވެ.
ބްރެންޓްފޯޑް ބީ ޓީމުން ލަންޑަން ސީނިއާ ކަޕް ގައި ރަށުން ބޭރުގައި، އެރިތު އެންޑް ބެލްވެޑަޔާއާ ދެކޮޅަށް ކުޅުނީ ޕާކް ވިއު ރޯޑް ގަ އެވެ. އިނގިރޭސި ނުވަވަނަ ޑިވިޝަންގެ އެރިތު އެންޑް ބެލްވެޑަޔާ ގެ ދަނޑަށް، ޑޭވިޑް ބެކަމް އާ އެކު 554 ސަޕޯޓަރުން ދިޔަ އެވެ.
ޑޭވިޑް ބެކަމް ވާރޭ ކޯޓުގައި، ރޯމިއޯ ގެ މެޗު ބަލަން ދަނޑުގައި.-- ފޮޓޯ: ވެލިން ޔުނައިޓެޑް
ރޯމިއޯ ކުޅެން އެރީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މެޗުގެ 55 ވަނަ މިނިޓުގައި އޭނާ ކުޅެން އެރި އިރު 2-1 އިން ބްރެންޓްފޯޑް އޮތީ ފަހަތުގަ އެވެ. ނަމަވެސް އެ ޓީމު މެޗު ނިންމާލީ 3-2 އިން މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިގެންނެވެ.
ކުޅެން އަރައި ރޯމިއޯ ވަނީ ބައްޕައެކޭ އެއްގޮތަށް ކަނާތް ފަޅިން ރީތި ހުރަހެއް އޭރިއާ ތެރެއަށް ހުރަސް ކޮށްލައިފަ އެވެ. އިދިކޮޅުން ކުޅުނު ޓީމުގެ ޓްވިޓާ އެކައުންޓުގައި ވަނީ އެކަން ފާހަގަ ކޮށްފަ އެވެ. މީގެ އިތުރުން އޭނާ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒު ވިއެވެ.
71 mins superb right wing cross by Beckham (been waiting to write that!) but no end result- then Bees hit the bar twice.
— Erith & Belvedere FC (@EBTheDeres) January 10, 2023
ރޯމިއޯގެ ފުރަތަމަ މެޗުގެ ކުޅުމާ މެދު ބްރެންޓްފޯޑް ބީ ޓީމުގެ ކޯޗު ނީލް މެކްފާލޭން ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފަ އެވެ.
"ރޯމިއޯ ވަނީ ވިންގް ބެކް މަގާމަށް ކުޅެމުން ޓީމު ވަރަށް ބޮޑަށް ކުރިއަށް ޖައްސާލައިފައި. އޭނާ ވަނީ ވަރަށް ރަނގަޅު ވަގުތުތަކެއް ގެނެސްދީ ވަރަށް ރީތި ބޯޅަތަކެއް ފޯރު ކޮށްދީފައި،" މެކްފާލޭން ބުންޏެވެ.
"އޭނާ އަށް ގޯލު ޖަހަން ވެސް ފުރުސަތެއް ލިބުނު، އަހަރެންނަށް ވެސް ފޯރި އެރި، މުޅި ޓީމު ވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ހިތްވަރު އެލުވާނުލައި މަސައްކަތް ކޮށްގެން ނަތީޖާ ނެރުނީމައި އަހަރެން މިހުރީ ވަރަށް އުފާވެފައި."
ބްރެންޓްފޯޑް ބީ ޓީމަކީ ލަންޑަން ސީނިއާ ކަޕް އެންމެ ފަހުން ކާމިޔާބުކުރި ޓީމެވެ.
ރޯމިއޯ ވަނީ ކުރިން އާސެނަލްގެ އެކަޑަމީގައި ވެސް ކުޅެފަ އެވެ. އެމެރިކާގައި ބެކަމްގެ ހިއްސާ އޮންނަ އިންޓަ މިއާމީ ގެ ރިޒާވް ޓީމަށް ކުޅޭ ރޯމިއޯ، ލޯނު އެއްބަސްވުމެއްގެ ދަށުން ބްރެންޓްފޯޑަށް ބަދަލުވީ މި ސީޒަންގެ ނިޔަލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކސބ ރަދީފް
13 January 2023
މިތާ އުޅޭ ރަދިއްކޮ ނުދޭތަ؟
ބެޗު
13 January 2023
ބެކަމް އަތުގަ ލާރިހުރީމަށް ލޯނު ދީގެން ދަރިފުޅު ޓީމަށް އެރުވެނީ.
ބެޗު ނޫން ބެންޗު
14 January 2023
އެހެންނޫންނަމަ އަރުވާނީ ފުލް ޓީމަށް.. ނެގެޓިވް ވިސްނުމަކުން ނުވިސްނާ ޕޮޒިޓިވްކޮށް ވިސްނަބަލަ
ޖޫލިޔަޓު
13 January 2023
ވަރަށް ކޫލް ގަދަ!