އެމްއެންޕީގެ ހެންވޭރު ދެކުނު ޖަގަހަ ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތު- ފޮޓޯ: އެމްއެންޕީ
20 ޖެނުއަރީ 2023 - 13:11
މި ސަރުކާރުން ޒުވާނުންނަށް އެއްވެސް ފަރުވާލެއް ނުބެހެއްޓިޔަސް އެމްއެންޕީގެ ވެރިކަމެއްގައި ރާއްޖޭގައި ވަޒީފާ ނުލިބިފައި އެއްވެސް ޒުވާނަކު ނުހުންނާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
ހެންވޭރު ދެކުނުގައި އެމްއެންޕީން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ އެ ޕާޓީއާ މެދު ޒުވާނުންގެ ހިތުގައި އުއްމީދު އޮބަ އޮތް ކަމަށާއި އޭގެ ނަތީޖާއަކީ ގިނަ ޒުވާނުންތަކެއް ޕާޓީއާ ގުޅެމުން ދިއުން ކަމަށެވެ.
ނާޒިމް ވިދާޅުވީ އެ ޕާޓީއާ އެކު މަސައްކަތްކޮށްފި ނަމަ، ޒުވާނުންގެ މުސްތަގުބަލު އުޖާލާވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަަމަށެވެ.
އަޅުގަނޑުމެން ވެރިކަމަށް އަންނަން މި މަސައްކަތްކުރަނީ ދިވެހިންނަށް އުފާވެރި ފުއްދުންތެރި ދިރިއުޅުމެއް ހޯދައިދޭން ވެގެން. އަޅުގަނޑުމެންގެ އެބަ އޮތް ކުރިއަށް އޮތް 20 އަހަރަށް ތައްޔާރުކުރާ ނޭޝަނަލް ޕްލޭނެއް - ނާޒިމް
އޭނާ ވިދާޅުވީ ހަމައެކަނި "ނޭފަތުކުރިއާ ހަމައަށް" މަސައްކަތްކުރުމަކީ އެ ޕާޓީން ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި މިއަދު ހާލަތު އޮތް ގޮތުން ޒުވާނުންގެ ޖީލެއް އެކީ ހަލާކުވެފައި އޮތުމުން އެ ކަމަށް ވެސް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެހެންވެ ޒުވާނުންނަށް ހާއްސަ ޕްލޭނެއް އެޕާޓީގެ އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ފަހުން ދިރާސާއެއް ކުރިން. ކޮބައިތޯ ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލައަކީ. އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ދިރާސާގައި ފާހަގަވީ އިޖުތިމާއީ ރައްކާތެރިކަމެއް ނެތްކަން."
ނާޒިމް ވިދާޅުވީ ކުދިކުދި ތަންކޮޅުގެ ތެރޭގައި މުޅި އާއިލާ ދިރިއުޅުމުގެ ސަބަބުން އެތައް އިޖުތިމާއީ މައްސަލައެއް ނިކުންނަ ކަމަށާއި އެކަމާ މެދު ވިސްނައި ހައްލެއް ހޯދުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެހެންވެ އެ ޕާޓީން ވެރިކަމަށް އައުމަށް މަސައްކަތްކުރަނީ ހަމަ އެއްވެސް އެއްޗެއް ބޭނުންވެގެން ނޫން ކަމަށާއި ހަމައެކަނި ރައްޔިތުންނަށްޓަކައި ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއަދު ޒުވާނުން ގޯސްކުރާނެ ކަމެއް ނެތް. އަޅުގަނޑުމެން ގޯސްކުރަންވީ ސަރުކާރު. އަޅުގަނޑުމެން ގޯސްކުރަންވީ ސަރުކާރުގެ ވެރިން. ރައީސުލްޖުމްހޫރިއްޔާ ގޯސްކުރަންވީ. އެ ސަރުކާރުތަކަށް އެ މީހުންނަށް އަޅައެއް ނުލެވުނޭ. ހައްތަހާވެސް ދައްކަނީ އެމީހުންނަށް ކަންތައްތަކެއް ކޮށްދޭނެ ވާހަކަ،" ނާޒިމް ވިދާޅުވި އެވެ.
އެމްއެންޕީގެ ރައީސް ނާޒިމް، އެޕާޓީގެ ހެންވޭރު ދެކުނު ޖަގަހަ ހުޅުއްވައިދެއްވަނީ-- ފޮޓޯ: އެމްއެންޕީ
ގިނަ އަދަދެއްގެ ޒުވާނުން އެ ޕާޓީއާ ގުޅުނު އެ ޖަގަހަ ޖަލްސާގައި އޭނާ ވިދާޅުވީ ޒުވާނުންނަށް ހަމައެކަނި ފުޓްސެލް ދަނޑުތަކެއް އަޅައިގެން މައްސަލަ ހައްލުކުރެވެެން ނެތް ކަމަށެވެ. އޭގެ ބަދަލުގައި ޒުވާނުން ބޭނުންވަނީ އުފާވެރިކަމާއި ފުއްދުންތެރިކަން ކަމަށެވެ.
"9 ސެޕްޓެމްބަރުގައި މި ވޯޓުލާ ދުވަހު ޒުވާނުން ވިސްނަންވީ ކޮބައިތޯ ކާކުތޯ އެކަން [އުފާވެރި ފުއްދުންތެރި ދިރިއުޅުމެއް] ކޮށްދޭނީ."
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑުވަމުން އަންނައިރު ސަރުކާރަށް ކުރެވުނު ކަމެއް ނެތް ކަމަށާއި އެކަމަކު އެ މައްސަލަ ހައްލުކުރުމުގެ ޕްލޭނެއް އެ ޕާޓީގެ އެބަ އޮތް ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރާއްޖެއަށް މިކަހަލަ ޑްރަގް އެތެރެވުމުގެ ހަރުކަށިވެ، ރާއްޖެއަށް މިފަދަ އެއްޗެހި އެތެރެކުރުން ހުއްޓުވޭނެ ހުރިހާ ގޮތެއް އިންތިޒާމުކުރާނަން."
ނާޒިމް ވިދާޅުވީ ޑްރަގް އަތުލައިގަތުމުން އެކަނި މައްސަލަ ހައްލުނުވާ ކަމަށާއި އެކަމަކު އަތުލައިގަންނަ ޑްރަގްތައް "ގެއްލޭ" މައްސަލަ ވެސް މިހާރު ފެންމަތިވަމުންދާތީ އެކަމުގައި އިހުމާލުވާ މީހުންގެ މައްސަލަ ބަލައި އެކަމަށް ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެކަމަކު މި ސަރުކާރަށް އެކަން ނުކުރެވޭތީ އޭނާ ފާޑުވިދާޅުވި އެވެ.
"އިހުމާލު ބަލާނެ ސަރުކާރެއް ނެތް. ހަތަރު ދަމު ސަރުކާރު ތެރޭގައި ތެޅުންގަނޑު ތެރޭގައި މި މީހުން މިއުޅެނީ އިންތިހާބަކާ ހެދީ، ގައުމަކާ ގައުމެއް ދޫކޮށްލާފައި. އެމީހަކާ އެމީހަކު ތަޅާފޮޅާ ކާމިޔާބުކުރަން މިއުޅެނީ."
އެމްއެންޕީގެ ރައީސް ނާޒިމް، އެޕާޓީގެ ހެންވޭރު ދެކުނު ޖަގަހަ ހުޅުއްވައިދެއްވަނީ-- ފޮޓޯ: އެމްއެންޕީ
ބޭސް ނެތިގެން ޑިޓޮކްސް ސެންޓަރު ބަންދުކުރުމުން އެކަމަށް ފާޑުވިދާޅުވެ، ނާޒިމް ވިދާޅުވީ، އެ ޕާޓީން ޒުވާނުންނާ މެދު ވިސްނަމުން އަންނަކަމަށާއި އެ ޕާޓީގެ ސަރުކާރެއްގައި އެއްވެސް ޒުވާނަކު ބާކީނުވާނެ ކަމަށެވެ.
އަޅުގަނޑުމެންގެ ސަރުކާރެއްގައި ވަޒީފާ ނުލިބޭ ޒުވާނަކު ނުބަހައްޓާނަން-- ނާޒިމް
އޭނާ ވިދާޅުވީ ސަރުކާރުތަކުން ތަރައްގީގެ ވާހަކަ ބާރަށް ދައްކަމުން އަންނައިރު ތަރައްގީގެ ސަބަބުން ޒުވާނުންގެ ޖީބަށް އެއްވެސް ފައިސާއެއް ނުވަންނަ ނަމަ، ހަގީގަތުގައި އެ ވާހަކަ ދެއްކެން ނެތް ކަމަށެވެ.
"އިއްޔެ ފެނުނީ ހދ. ގައި ވަރަށް ބޮޑު ޕްރޮޖެކްޓެއް ފެށިތަން. ބޭރު ގައުމުތަކުގެ މީހުން އައިސް އެމީހުން އެ ލާރި ދީގެން އެ ފައިސާ ހިފައިގެން ވެސް މިދަނީ. ދިވެހިންނަށްވާ ފައިދާއެއް ނެތް. ޑޮލަރެއް ނުލިބޭތާ ވަޒީފާއެއް ލިބެނީކީ ނޫން،"
އެހެންވެ ކުރިއަށް އޮތް އިންތިހާބަކީ ޒުވާނުންނަށް އެމީހުންގެ މުސްތަގުބަލާ މެދު ގޮތް ނިންމުމަށް ލިބޭ ފުރުސަތެއް ކަމަށާއި އެމީހުންނަށް އޮތް ހަމައެކަނި ޗޮއިސްއަކީ އެމްއެންޕީ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ިަުއޔްހހ
21 January 2023
މިހާރުވެސް ޖޮބު ލިބޭނު، މޑޕ ގެ އެއްވެސް ކަމެއްގަ ނޫޅޭ ކުނަމެހިންނަށް އެމްބަސީ ޖޮބްސް.. ކަޑަތަ؟؟
ހަސަަން ކުރުސީ
20 January 2023
މިހާރު ދިވެހިން ނޫޅޭ ވަޒީފާ އަށް ދާހިތަކުން..ގޭގަ އޮވެގެން މިލިއަނުން އެބަނަގާ ގިނަ ޒުވާނުން. ޕޮކާ ކުޅެގެން ގެދޮރު އަޅާ މުޅި އާއިލާ އެބަ ހިފަހައްޓާ! ހާއްސަ ކޮށް ހުވަދު އަތޮޅު އިގްތިސާދު މާ ވަރުގަދަ.
ކުޗީ
20 January 2023
ސޯލިހު ގެ ކޯލިޝަނު ފޯމިރުލާގެ ބޯކިބަލުން ބަޔެއް ލިބޭތޯ އުޅުއްވާ ކުދިންކޮޅު. މަސްފަލަ ކޯލިޝަން ސަރުކާޜުތަކުގެ ހުރިހާ ބުރަޔެއް އުފުލަން މިޖެހެނީ ރަށްޔިތުން.
ސަޅި
20 January 2023
ޖަގަހައިގަ ވެސް އެގެންދަނީ ޕީއެސް5 ކުޅޭ ވަޒީފާތަ ؟؟؟ ރިއަލްސްޓޭޓް ވިޔަފާރި މޮނޮޕޮލީ ކޮށްގެން އުޅޭ އެކަކު، ހެޔޮ ހިދްމަތެއް ކޮށްފާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ، ފައިދާވާ ކުންފުންޔެއް ގޮތަށް ހިންގިދާނެކަމަށް ގަބޫލް ކުރަން. އިބޫ ނަގައިފަ އިން އޮޕްޝަން.
ކަސަބު
20 January 2023
ކޮންމެ ސަރުކާރެއްގައި ވެސް ބެހެއްޓޭނީ ވަޒީފާ ލިބުނީމަ ދޯ
ށަވިޔަނި
20 January 2023
ވަޒީފާ ނުލިބިގެންތަ ޒުވާނުން ވަޒީފާގަ ނުއުޅެނީ. މަށަށް ހީވަނީ އަމިއްލަ ހައިސިއްޔަތު އޮޅިފަ ތިބި މީހުން ގިނައީހެން. އަވީގައާއި ވާރޭގައާއި ބުރަ މަސައްކަތް ކުރަންވެސް ދަންނަ ބަޔަކު ތިބެންޖެހޭ. ގިނަ ދިވެހިން ބޭނުންވަނީ ފިނިކޮޓަރި.
ނިއު ނޯމަލް
20 January 2023
ވަޒީފާ އަޚްލާގް އެއްވެސް ވަރަކަށް ހުންނަ ބަޔެއްް ނޫން، ފިންގާ ޖަހާލާފަ ގެޔަށް ނުދެވިފަ. ބޮޑެތިންނަށް އިޙްތިރާމް ކުރުމުގެ ކަންފުޅެއް ވެސް ނުހުރެ.
އަޅުގާޑިޔާ
20 January 2023
50ރުފިޔާ މުސާރަ އަށް ދީފަ ތިކަން ވެދާނެ. ވަޒީފާ އިންނާނީ ދެވިފަ.
މައިތިރިކުރޭ
20 January 2023
ވަޒީފާއަކަށް ނުގޮސް އުޅޭ ކަންމަތީ ޒުވާނުން މިގައުމުން ފައްސާލާން ނުވަތަ ކަސްތޮޅު ޖަހަން ކެރޭނެ މީހަކަށް މަގޭ ވޯޓު ލިބޭނީ!
އަފްރާސިޔާބު
20 January 2023
ތިޔަޔަށްވުރެ ބޮޑު ދޮގެއް ހަދަން ހަމަ ނޭގުނީތަ؟ ޔަގީނުންވެސް ނުވާނެ ކަމެއްގެ ވާހަކަ މީސްތަކުންނަށް އިއްވުމަކީ ދޮގު ހެދުން ކަމަށް ބެލެވޭނީ. ތީ މިހާރު ސިޔާސީ ޕާޓީތަކަށް ނުބުނެވި އޮތް ދޮގު ތަކުގެ ތެރެއިން އެއްދޮގު.
ސަވާރީ
20 January 2023
އާރޓިފިސަލް ބިޗުގަ ނޫނީ ކާނިވާ ސަރަހައްދުގަ ޖަލްސާއެއް ބޭއްވުން މުހިއްމު..