ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފްރޭމްކޮށް ޖަލަށްލީ މައްސަލައަކީ މިހާރު މާޒީ ކަމަށާއި މި ވަގުތު ވިސްނަވަނީ ގައުމުގެ މުސްތަގުބަލާ މެދު އެކަނި ކަމަށް ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން ހަދަން ނިންމެވި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ވެރިކަމުގައި ނާޒިމް ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނެ ދައުވާކޮށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ސަރުކާރު ބަދަލުވުމާ އެކު އެ ހުކުމުން މިނިވަންވުމަށްފަހު ނާޒިމް ވިދާޅުވެފައިވަނީ ދުވަހަކު ވެސް ޔާމީންއާ އެކު ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ.
ނަމަވެސް، މިއަދު ނާޒިމް ވަނީ ޔާމީންގެ ލީޑަޝިޕް ހިންގަވާ ޕީޕީއެމް/ޕީއެންސީއާ އެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މަސައްކަތް ކުރުމަށް ކޯލިޝަން ހަދާފަ އެވެ. އެ ނިންމުމާ އެކު ނާޒިމަށް އެންމެ ބޮޑަށް އަމާޒުވި ސުވާލަކީ، ފްރޭމްކުރި މައްސަލަ ހަނދާން ނައްތާލައި، ޔާމީނަށް މާފުކުރީތޯ އެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ އޭނާ ފްރޭމްކުރި މައްސަލައަކީ މިހާރު މާޒީ ކަމަށާއި މާޒީއަށް ބަލައިގެން މިހާރު ކަމެއް ކުރެވޭކަށް ނޯންނާނެ ކަމަށެވެ.
"އެކަން އެ އޮތީވެފައި. އެކަން ނުވާ ކަމަކަށް ނުވާނެ. އަޅުގަނޑު އަބަދުވެސް ބަލަނީ މުސްތަގުބަލު އުޖާލާ ކުރަން. މި މަސައްކަތް ކުރަނީ ރައްޔިތުންނަށް އުޖާލާ ޒަމާނެއް ގެނެސްދޭން. ޕީޕީއެމް/ޕީއެންސީއާ ގުޅިގެން އެކަން ކުރެވޭނެ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެމްއެންޕީން ކޯލިޝަން ހެދީ އިންތިހާބު ކާމިޔާބު ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށާއި ފޯކަސް އޮތީ ރައްޔިތުންނަށް ހެވާއި ލަބާއަށް މަސައްކަތް ކުރުމަށް ކަމަށެވެ.
ނާޒިމް ވިދާޅުވީ އޭނާ އައީ އެއްވެސް ޑިމާންޑެއް ނެތި ޝަރުތަކާ ނުލައި ކަަމަށެވެ. އޭނާ ހުންނެވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކޮންމެ ކަމެއްގައި އެހީތެރިވުމަށް ތައްޔާރަށް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަން ޑރ. މުއިއްޒާ އެކު ރަނގަޅު ސަރުކާރެއްގައި މަސައްކަތް ކުރެވިދާނެ ކަމަށް. އެ އިތުބާރާ އެކު މި މަސައްކަތް ކުރަނީ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ކޯލިޝަން އެއްބަސްވުމުގައި އެއްބަސްވީ އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކުރުމަށް ކަމަށާއި އިހްތިޔާރުތައް ދޫކޮށްލާފައިވަނީ މުއިއްޒަށް ކަމަށެވެ. ސަރުކާރުގެ ފޮތިތައް ބައިކޮށް އެ ޝަރުތުތައް ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަމާޒު އޮންނާނީ މި އިންތިހާބު ކާމިޔާބު ކުރުން. އެ ނޫން މަގުސަދެއް ނޯންނާނެ، އެކުގައި މަސައްކަތް ކުރުމުގެ މާހައުލެއް ގާއިމްވެފައި މި އޮތީ،" ނާޒިމް ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ނާޒިމަށް ލިބިފައިވަނީ 1،907 ވޯޓެވެ. އެއީ އިންތިހާބުގައި ދެވަނައަށް އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑެޓެވެ. ނާޒިމް ވިދާޅުވީ އެ އަދަދަކީ އެ ޕާޓީގެ މެންބަރުންގެ އަދަދު ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ރައްޔިތުން ތިބީ ބަދަލަށް ބޭނުންވެފައި ކަމަށާއި ކެމްޕެއިންގެ ވަކި ހިސާބަކުން އެއްވަނަ، އަދި ދެވަނައަށް ނުދާނެ ކަން ޔަގީންވުމުން ދެވަނަ ވިސްނުމަކަށް ސަޕޯޓަރުން ދިޔައީ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި، އޭނާ ގަބޫލުކުރާ ގޮތުގައި ގިނަ ސަޕޯޓަރުން ވޯޓުލާފައިވަނީ މުއިއްޒަށް ކަމަށާއި އެއީ، ދެ ޕާޓީއަކީ އެއް ފިކުރަކަށް ވާތީ ކަމަށް ނާޒިމް ވިދާޅުވި އެވެ.