ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން މާލެ އާއި އަތޮޅުތެރޭގައި ކެމްޕެއިން ވަރުގަދަކުރަން ފަށައިފި އެވެ އެވެ.
ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ އިންތިހާބުގައި އެމްޑީޕީން، ރިޔާސީ ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމްއިން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި އެމްއެންޕީ އިން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ކެމްޕެއިން ޓީމުތައް ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ދަތުރު ފަށައިފަ އެވެ.
ޕީޕީއެމް/ޕީއެންސީން މިދިޔަ ހަފްތާ މާލޭގައި ކެމްޕެއިން ފެށީ ދޮރުންދޮރަށް ހިނގުމުގެ ހަރަކާތާ އެކުގަ އެވެ. އަދި އަންނަ ހަފްތާ އެ ޕާޓީން އަތޮޅުތަކަށް ދަތުރުތައް ފަށާނެ ކަމަށް ވަނީ ބުނެފަ އެވެ. އެންމެ ފުރަތަމަ ދާނީ ނ. ރ. ބ. އަދި ޅ. އަތޮޅަށް ކަމަށް އެ ޕާޓީން ބުންޏެވެ.
ޕީޕީއެމްގެ ކެންޑިޑޭޓަކީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީނެވެ. އެކަމަކު އެ ޕާޓީން ޔަގީންކަމާ އެކު ބުނަމުން އަންނަނީ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށެވެ.
މިއަދު އެމްޑީޕީން ވެސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިންގައި މާލޭގައި ދޮރުންދޮރަށް ހިނގަން ފަށައިފަ އެވެ.
އެ ހަރަކާތްތައް މިއަދު ފެށީ މާފަންނު މެދުދާއިރާއިންނެވެ. އިސްކޮށް ހުންނެވީ ޑިފެންސް މިނިސްޓަރު އަދި މާލޭގެ ކޯޑިނޭޓަރު މާރިޔާ ދީދީ އެވެ. އަދި މާލޭގެ އެކި ދާއިރާތަކުގެ މަޖިލިސް މެމްބަރުންގެ އިތުރުން އެމްޑީޕީގެ ދާއިރާ ރައީސުން ވެސް ބައިވެރިވި އެވެ.
އެ ޕާޓީން މީގެ ކުރިން ވަނީ ރަށްރަށުގައި ކެމްޕެއިން ފަށައި، ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ބުރުތަކެއް ބާއްވައިފަ އެވެ. އަދި މިހާރު ވެސް ރަށްރަށުގައި އެ ދާއިރާއަކަށް ނިސްބަތްވާ ޓީމުތަކުން ކެމްޕެއިން މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ޓީމްތައް ރާއްޖޭގެ އެކި ހިސާބުތަކަށް ގޮސް ކެމްޕެއިން ފަށާފައިވާ ކަމަށް އެ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހއ، ހދ، ރ އަދި ބ ގައި މިހާރު ކެމްޕެއިން ކުރިއަށްދާ ކަމަށާއި މިއަދު ލ. އަތޮޅާއި މާލޭގައި ވެސް ކެމްޕެއިން ހަރަކާތްތައް ފަށާފައިވާ ކަމަށެވެ.
އެމްއެންޕީން ވާދަކުރައްވާ ނާޒިމް މިއަދު ވަނީ ބޮޑުތިލަދުންމައްޗަށް ވަޑައިގެންފަ އެވެ. ފުރަތަމަ ވަޑައިގަތީ ހދ. ކުޅުދުއްފުއްޓަށެވެ. މިރޭ އެރަށުގައި ކެމްޕެއިން ޖަލްސާއެއް ބާއްވާނެ ކަމަށާއި ޖަލްސާގައި ބޮޑުތިލަދުންމަތީގެ ތަރައްގީގެ ޕްލޭންތަކާއި ނާޒިމްގެ ހާރިޖީ ސިޔާސަތާއި ދިޕާއީ ސިޔާސަތާ ބެހޭގޮތުން ވާހަކަދައްކަވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީތެރޭ އުފެދުނު މައްސަލަތަކުގައި އެ ޕާޓީން ވަކިވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އުފައްދަން މަސައްކަތްކުރައްވާ ޑިމޮކްރެޓްސްގެ ހަރަކާތްތައް ވެސް އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޅާކުރަމުންނެވެ. އެ ޕާޓީން ވެސް އިންތިހާބުގައި ވާދަކުރާނެ ކަމަށް ބުނެފައި ވިޔަސް އަދި ކެންޑިޑޭޓަކީ ކާކު ކަމެއް ނޭނގެ އެވެ.
ރިޔާސީ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން އެކަމަށް ކުރިމަތިލާން މި މަހުގެ 23 ގައި ހުޅުވާލާނެ އެވެ. އެ ފުރުސަތު ބަންދުވާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ.