ކުޅިވަރު / މެރެތަން

ފަވާޒުގެ އަލަތު މެރަތަން، ނިންމާލީ އުފާވެރިކަމުގެ ކަރުނައިން

ޑާކާ މެރަތަން އަށް ފަހު ފަވާޒު ގައުމީ ދިދަ ހިފަހައްޓާލައިގެން: އޭނާގެ އަލަތު މެރަތަން ތިންގަޑިއިރަށް ވުރެ އަވަހަށް ނިންި

22 ޖެނުއަރީ 2023 - 09:34

2 comments

ހުކުރު ދުވަހު ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި އެ ގައުމުގެ އެންމެ ބޮޑު މެރަތަންގައި ވާދަކުރި ރާއްޖޭގެ ފަވާޒު މުހައްމަދަށް، އެ މެރަތަންގެ ހާއްސަކަން ބޮޑެވެ. އޭގެ ކުރިން މެރަތަންގައި އޭނާ ވާދައެއް ނުކުރެ އެވެ. މެރަތަންއެއްގެ އުނދަގުލާއި ބުރަކަމާއި ބަރުކަން އެހާ ހަމައަށް އަމަލީގޮތުން އޭނާ ތަޖުރިބާކޮށްފައެއް ނެތެވެ.

ބަންގްލަދޭޝްގެ ބާނީ ޝައިހް މުޖިބުއް ރަހްމަނާގެ ހަނދާނުގައި ބޭއްވި މި މެރަތަންގައި ވާދަކުރި ރާއްޖޭގެ ޓީމުގެ ހަތަރު ދުވުންތެރިންގެ ތެރެއިން އެ މެރަތަން އެންމެ ހާއްސަވާ އެއް ދުވުންތެރިޔަކީ ވެސް ފަވާޒު އެވެ. އެ މެރަތަން އޭނާ އަށް ހާއްސަވި އެންމެ ބޮޑު ސަބަބަކީ އަލަތު މެރަތަންގައި ތިން ގަޑިއިރަށް ވުރެ އަވަހަށް ރޭސް ނިންމުމުންނެވެ. ރާއްޖޭގެ މެރަތަން ދުވުންތެރިންގެ ތެރެއިން އަލަތު މެރަތަންގައި ތިން ގަޑިއިރަށް ވުރެ އަވަހަށް ނިންމިފައި ވަނީ މަދު މީހަކަށެވެ.

ޑާކާ މެރަތަން އޭނާ ނިންމީ 2 ގަޑިއިރާއި 50 މިނެޓާއި 33 ސިކުންތުންނެވެ. މެރަތަން ނިންމާ ޕޮއިންޓަށް އައިއިރު ފަވާޒު ހުރީ ފެންކަޅިވެފަ އެވެ. އޭނާގެ ލޮލުން ކަރުނަ ފާއްދާލި އެވެ. އަލަތު މެރަތަންގައި މިހާބޮޑު ކުރިއެރުމެއް ލިބިދާނެ ކަމަށް އޭނާ ހީނުކުރެ އެވެ. ދިވެހި ޓީމުގެ ކޯޗަކަށް ދިޔަ ތަޖުރިބާކާރު މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދު، ފަވާޒު ކައިރީގައި ބުނީ ތިން ގަޑިއިރު ފަހަނައަޅިޔަ ނުދީ މެރަތަން ނިންމޭތޯ ބެލުމަށެވެ. އެހެން ބުނުން ފިޔަވައި އިތުރު ޕްރެޝަރެއް ފަވާޒު އަކަށް ނުދެ އެވެ. އޭނާ މުޅިން އަލަށް މެރަތަންއަކަށް ނުކުންނާތީ އިތުރު ޕްރެޝަރެއް ދޭން ވެސް ނަސްރު ބޭނުން ނުވީ އެވެ.

"ތިންގަޑިއިރު ވުމުގެ ކުރިން މެރަތަން ނިންމާލެވުނީމަ ވަރަށް ވަރަށް ބޮޑު އުފަލެއް ލިބިއްޖެ. މިއީ ވަރަށް ވަރަށް އިމޯޝަނަލް ވަގުތުކޮޅެއް،" ފަވާޒު ބުންޏެވެ.

"ގާތްގަނޑަކަށް (ތިންގަޑިއިރު ހަމަނުވެ) 10 މިނެޓް ބާކީ އިންދައި މި ނިންމާލެވުނީ މެރަތަން އަކަށް ބަލާއިރު އަދި އަޅުގަނޑުގެ ފުރަތަމަ މެރަތަން އަށް ބަލާއިރު މިއީ ވަރަށް ބޮޑު ކުރި އެރުމެއް."

މެރަތަން ޓީމު ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ކުރި ޒިޔާރަތުގެ ތެރެއިން

ސިފައިންގޭގައި ވަޒީފާ އަދާކުރަމުން އަންނަ ފަވާޒު، ދުވަން ފެށިތާ މާ ގިނަ ދުވަހެއް ނުވެ އެވެ. އެކަމަކު ފުރަތަމަ މެރަތަންގައި ވެސް އޭނާ ހޯދި ކުރިއެރުމުން އޭނާ އާ މެދު އޮތް އުންމީދު ބޮޑު ވެއްޖެ ކަމަށް ނަސްރު ބުންޏެވެ. އޭނާ ބުނީ ރާއްޖޭގެ މެރަތަން ދުވުންތެރިން ކުރިއެރުން ހޯދަނީ ފަހަރަކު މެރަތަން އަކުން މެރަތަން އަކުން ކަމަށެވެ. އެކަމަކު ފަވާޒުގެ ފުރަތަމަ މެރަތަން ވެސް ތިން ގަޑިއިރުވުމުގެ ކުރިން ނިންމާލުމަކީ ކުރިއަށްދާން ފަސޭހަ ވާނެ ކަމެއް ކަމަށް ނަސްރު ބުންޏެވެ.

"ފަވާޒު އަމިއްލަ އަށް ބެންޗުމާކެއް އެ ކަނޑައެޅީ. ދެން އޭނާ ސަމާލުކަން ދޭނެ 2 ގަޑިއިރާއި 50 މިނެޓަށް ވުރެ އަވަހަށް މެރަތަން ނިންމަން،" ނަސްރު ބުންޏެވެ.

"ކުރިން ދުވަން ހަމަޖެހިފައި އޮތް ރޫޓްގައެއް ނޫން ދުވުނީކީ. މި ކޮޅުން ފަހުވަގުތު ބަދަލު ކުރީ ހާޑް ރޫޓަކަށް. އެހެންނޫންނަމަ ފަވާޒުގެ ޓައިމިން މިއަށް ވުރެ އަވަސް ވީސް."

ނަސްރު ބުނީ މީ ފަވާޒަށް ހާއްސަ ވަގުތެއް ކަމަށެވެ. ކުރިއަށްއޮތް ތަނުގައި ވެސް ފަވާޒު ތަމްރީންތައް ކުރިއަށް ގެންދާނީ މެރަތަން އަދި ހާފް މެރަތަން އަށް ހާއްސަކޮށްގެން ކަމަށް ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުންތެރިޔާ ނަސްރު ބުންޏެވެ.

"މީ އޭނަ އަށް ވަރަށް ހާއްސަ ވަގުތުކޮޅެއް. އިތުރަށް މަސައްކަތްކޮށްގެން މި އަށްވުރެ ޓައިމިން އަވަސް ކުރެވޭނެ. އެ ޕޮޓެންޝިއަލް ފަވާޒުގެ ކިބައިގައި އެބަހުރި،" ނަސްރު ބުންޏެވެ.

ރާއްޖޭގެ މެރަތަން ރެކޯޑް އޮންނަނީ ޝިފާޒު މުހައްމަދު އަތުގަ އެވެ. ޖެނުއަރީ 2019 ގައި ދުބާއީ މެރަތަންގައި ވާދަކޮށް ޝިފާޒު ވަނީ 2 ގަޑިއރާއި 32 މިނެޓް 56 ސިކުންތުން ރޭސް ނިންމައިފަ އެވެ.

2 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަޔާލްތާ

23 January 2023

ކޮބާތަ ކުރިން ދުވެ އުޅުނު މުހަންމަދު އޭނަ މިހާރު ބޮޑީބިލްޑް ކުރަނީޔޯލަ

The name is already taken The name is available. Register?

ޖުހާނާ

22 January 2023

ބަންގްލަދޭޝްގެ ބާނީ "ޝައިހް މުޖިބުއް ރަހްމަނާ" އޭ؟ އޭނާގެ ނަމަކީ "ޝައިޚް މުޖީބުއް ރަޙްމާން".

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454